ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މެންބަރުންގެ އަދަދު 98،000 އަށްވުރެ އިތުރުވެ، ދިވެހިރާއްޖޭގެ ސިޔާސީ ތާރީޚުގައި ސިޔާސީ ޕާޓީއެއްގައި މިހާތަނަށް އެންމެ ގިނަ މެންބަރުން ހިމެނުނު ފުރަތަމަ ޕާޓީގެ ޝަރަފު އެ ޕާޓީން ހޯދައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ޕީއެންސީގެ ދަފްތަރުގައި މިވަގުތު ޖުމްލަ 98،397 މެންބަރުން އެބަތިއްބެވެ. މިއާއެކު އެ ޕާޓީން އަމާޒު ހިފާފައިވަނީ މި ހިނގާ އަހަރު ނިމުމުގެ ކުރިން ޕާޓީގެ މެންބަރުންގެ އަދަދު 100،000 އަށް އަރުވައި، ތާރީޚީ އައު ލަނޑުދަނޑިއެއް ހާސިލުކުރުމަށެވެ.

ދަފްތަރުގައިވާ ގޮތުން ޕީއެންސީ ފިޔަވައި ދެން އެންމެ ގިނަ މެންބަރުން ތިބީ އިދިކޮޅު މައި ޕާޓީ ކަމަށްވާ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގައެވެ. އެމްޑީޕީގެ ދަފްތަރުގައި މިވަގުތު ތިބީ 54،201 މެންބަރުންނެވެ. ސިޔާސީ ޕާޓީތަކުގެ ޤާނޫނުގެ ދަށުން ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރުމަށް ލާޒިމުކުރާ 10،000 މެންބަރުންގެ އަދަދު ހަމަވާ ހަމައެކަނި ދެ ޕާޓީއަކީވެސް ޕީއެންސީއާއި އެމްޑީޕީ އެކަންޏެވެ.

އިޝްތިހާރު އިޝްތިހާރު

މީގެއިތުރުން، ސިޔާސީ ޕާޓީއެއް ދެމިއޮތުމަށް ޤާނޫނުގައި ކަނޑައަޅާފައިވާ އެންމެ މަދު މިންވަރު ކަމަށްވާ 3،000 މެންބަރުން ހަމަނުވާ ދެ ޕާޓީއެއްވެސް އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި އެބައޮތެވެ. އެއީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިސްވެ ހުންނަވައި އުފެއްދެވި ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އާއި، ކުރީގެ ޑިފެންސް މިނިސްޓަރު މުޙައްމަދު ނާޒިމް ރިޔާސަތު ބަލަހައްޓަވާ މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އެވެ. ދަފްތަރުން ދައްކާ ގޮތުގައި އެމްއެންޕީގައި މިވަގުތު 2،873 މެންބަރުން ތިބިއިރު، ޕީއެންއެފްގެ ދަފްތަރުގައި ތިބީ 2،586 މެންބަރުންނެވެ.