ޣައްޒާގައި ބޭއްވި ޖަނާޒާއަކަށް އިސްތިއުމާރީ ޓެރަރިސްޓުން ހަމަލާދީ 7 މީހުން ޝަހީދުކޮށްލުމާ ގުޅިގެން ހަމާސްއިން އެ ޖަރީމާ ވަރަށް ބޮޑަށް ކުށްވެރިކޮށްފިއެވެ.
އިސްތިއުމާރީ ސިފައިންގެ އަސްކަރީ ޖެޓަކުން ބޮންއަޅައިގެން ހަމަލާ ދީފައިވަނީ ޣައްޒާގެ މެދުތެރޭ ނުސައިރަތު ރެފިއުޖީ ކޭމްޕްގައި ކުރިއަށްދިޔަ ޖަނާޒާއަކަށެވެ. ހަމަލާ ދީފައިވަނީ ޖަނާޒާ ކުރިއަށްދިޔަ މިސްކިތުގެ ބޭރުގައި ޖަނާޒާގައި ބައިވެރިވުމަށް އެއްވެފައި ތިބި މީހުންގެ ބޮލަށެވެ.
އިސްތިއުމާރީ ޓެރަރިސްޓުންގެ މި ހަމަލާއާއެކު މިސްކިތުގެ ބޭރުގައި ލޭގެ ކޯރެއް ދެމިގެންދިޔައެވެ. މީހުންގެ ހަށިތައް އެކި ތަންތަނަށް ވިއްސައިގެން ގޮސްފައިވާ މަންޒަރު ފެންނަ ވީޑިއޯތައް އާންމުވެފައި ވެއެވެ.
މި ޓެރަރިސްޓު ހަމަލާގައި 7 މީހުން ޝަހީދުވެ އިތުރު 22 މީހުން ޒަޚަމްވެގެން ހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށް، ނުސައިރަތު ރެފިއުޖީ ކޭމްޕްގައި ހުންނަ އަލް އައުދާ ހޮސްޕިޓަލުން ބުނެފައި ވެއެވެ.
އިސްތިއުމާރީ ސިފައިންގެ މި އަނިޔާވެރި ޖަރީމާ ވަރަށް ބޮޑަށް ކުށްވެރިކޮށް ހަމާސްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އިސްތިއުމާރީ ބާރުން މި ޖަރީމާތައް ހިންގަމުންގެންދަނީ ހަމަލާތައް ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާ ޚިލާފަށް އަދި އެއްބަސްވުން ހެދުމަށް މެދުވެރި ގައުމުތަކާއި، ދުނިޔޭގެ އެންމެންގެ ލޯކުރިމަތީގައި ކަމަށެވެ.
އިސްތިއުމާރީ ޓެރަރިސްޓުން ކިތަންމެ ވަރަކަށް އުދުވާނު ހިންގިނަމަވެސް ފަލަސްތީނު ރައްޔިތުންގެ އަޒުމް ގުޑުވައި ނުލެވޭނެ ކަމަށާއި، އިސްތިއުމާރީ ދައުލަތުގެ މަގްސަދު ހާސިލް ނުވާނޭ ކަމަށްވެސް ހަމާސްއިން ބުނެފައި ވެއެވެ.
ޒަޔަނިސްޓު ޓެރަރިސްޓުން ޣައްޒާގެ ރައްޔިތުން މަރައި، ގެދޮރުން ބޭރުކޮށް ފައްސައި، ތަންތަން ސުންނާފަތިކުރުން ހުއްޓުވަން، އެއްބަސްވުން ހަދަން މެދުވެރިވި ގައުމުތަކާއި އދއަށް ހަމާސްއިން ވަނީ ގޮވާލާފައެވެ.
އިސްތިއުމާރީ ޓެރަރިސްޓުން ހަމަލާދީ މިއަދު އެކަނިވެސް ޣައްޒާގެ އެކި ހިސާބުތަކުން 15 މީހުން ޝަހީދުކޮށްލާފައި ވެއެވެ. ކޮންމެ ދުވަހަކު ގެންދަނީ މިފަދަ ޖަރީމާތައް ހިންގަމުންނެވެ.
އެހެން ނަމަވެސް، ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުން ހެދި ގައުމުތަކާއި، އަދި ޣައްޒާގެ ވެރިކަން ހިންގުމަށް އެމެރިކާގެ ރައީސް އެކުލަވާލި ކޮމިޓީގައި ހިމެނޭ އެކަކުވެސް، މި ޖަރީމާތަކަށް ޗުއްޕުވެސް ނުބުނެއެވެ.











ކިޔުންތެރިންގެ ހިޔާލު