އިސްތިއުމާރީ އިސްރާއީލުގެ ޓެރަރިސްޓު ސިފައިން ޣައްޒާގެ އެކި ހިސާބުތަކަށް މިއަދު ދިން ހަމަލާތަކުގައި 7 މީހުން ޝަހީދު ކޮށްލައިފިއެވެ.
މި ހަމަލާތަކުގައި އިތުރު 24 މީހުން ޒަޚަމްވެފައިވާ ކަމަށްވެސް ޣައްޒާގެ ހޮސްޕިޓަލްތަކުން ބުނެއެވެ.
ޣައްޒާގެ ވެރިކަންކުރާ ގާޒާ ސިޓީގެ އަލް ޖަލާ ސަރަހައްދަށް އިސްތިއުމާރީ ސިފައިން ދިން ވައިގެ ހަމަލާއެއްގައި ޒަޚަމްވި ތުއްތު ކުއްޖަކު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ގެންދަނިކޮށް ޝަހީދުވެފައި ވެއެވެ.
މިއަދު ޝަހީދުކޮށްލާފައިވާ އެހެން މީހުންގެ ތެރޭގައި 17 އަހަރުގެ ޒުވާނަކާއި، ދެމަފިރިޔަކުވެސް ހިމެނޭ ކަމަށް، ޣައްޒާއިން ލިބޭ ޚަބަރުތައް ބުނެއެވެ.
ޣައްޒާގެ އެކި ހިސާބުތަކަށް ޓެރަރިސްޓުން މިއަދު ވަރުގަދައަށް ބޮން އަލާފައި ވެއެވެ. ޣައްޒާއަށް ހުއްޓާނުލާ ވައިގެ ހަމަލާތައް ދެމުން ގެންދާއިރު، އެއްގަމުމަގުން ބޮޑުބަޑީގެ ހަމަލާތައްދީ އަދި ބަޑިޖަހައިވެސް ގެންދަނީ އާންމުން ޝަހީދު ކުރަމުންނެވެ.
ހަމަލާތައް ހުއްޓާލުމަށް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެއްބަސްވުމެއް ހެދިފަހުން އެކަނިވެސް އިސްތިއުމާރީ ޓެރަރިސްޓުން ހަމަލާދީ ޣައްޒާއިން މިހާތަނަށް 1،500 އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލާފައި ވެއެވެ.
ޣައްޒާގެ އުތުރުގެ އެކި ހިސާބުތަކުން އާންމުންގެ ގެތަކުގައި ގޮވާތަކެތި ހަރުކޮށް ގޮއްވަމުންވެސް އެބަ ގެންދެއެވެ. އަވަށްތައް އެކުގައި ގެންދަނީ ބިމާހަމަކުރަމުންނެވެ.
ޣައްޒާގެ އުދުވާނު ހުއްޓާނުލާ ކުރިއަށް ގެންދާއިރު، ޣައްޒާގެ އިތުރު ބިންތައްވެސް ޓެރަރިސްޓުން ގެންދަނީ ހިފަމުންނެވެ. އެގޮތުން، އިސްތިއުމާރީ ސިފައިން ޣައްޒާގައި ގާއިމްކޮށްފައިވާ "ޔެލޯލައިން" މިހާރުވަނީ އިތުރަށް ފުޅާކޮށްފައެވެ.

އިޝްތިހާރު އިޝްތިހާރު