އެމެރިކާއާއި އިސްރާއީލުން އީރާނަށް އަސްކަރީ ހަމަލާ ދޭނޭ ކަމަށް ބުނެ ތަކުރާރުކޮށް ދެމުންގެންދާ އިންޒާރުތައް ކުށްވެރި ކުރުމަށް އީރާނުން އދއަށް ގޮވާލައިފިއެވެ.
އީރާނު ސަރުކާރުން އދއަށް ކަނޑައަޅާފައި ހުންނަވާ އެމްބަސެޑަރ ޣުލާމްހުސައިން ދަރްޒީ، އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސްއަށް އެޑްރެސް ކުރައްވައި ފޮނުވި ސިޓީއެއްގައި، އެމެރިކާ އާއި އިސްރާއީލުން ދެމުންގެންދާ އިންޒާރުތަކުގައި، އީރާނާ ދެކޮޅަށް "ހުރިހާ ބޮންތަކެއްގެ މަންމަ" ބޭނުން ކުރާނޭކަމުގެ އިންޒާރު ދެމުންގެންދާކަންވެސް ފާހަގަ ކުރައްވާފައި ވެއެވެ.
އީރާނަށް ހަމަލާ ދިނުމުގެ އިންޒާރުތައް ކުށްވެރިކޮށް، އަދި މިމައްސަލާގައި އދގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށްވެސް އީރާނުގެ އެމްބަސެޑަރ ގޮވާލައްވާފައި ވެއެވެ.
އީރާނަށް އަސްކަރީ ހަމަލާދޭން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަމުރުކުރުމާއެކު، އީރާނުގެ ހަކަތައާ ބެހޭ އިންފްރާސްޓްރަކްޗަރ އާއި ނިއުކްލިއަރ ސައިޓްތަކަށް ވަރުގަދަ ހަމަލާތަކެއް ދިނުމުގެ ޕްލޭންތައް ހަދައި އެމެރިކާ ސިފައިން ތައްޔާރުވެފައިވާ ކަމަށް، އެމެރިކާގެ ނޫސްތަކުން ރިޕޯޓް ކޮށްފައި ވެއެވެ.
އީރާނަށް ހަމަލާ ދިނުމުގައި އެމެރިކާ އަސްކަރިއްޔާގައި ބޭނުންކުރާ "ހުރިހާ ބޮމެއްގެ މަންމަ" ބޭނުންކުރަންވެސް ރާވާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މިއީ، އެމެރިކާގައި ހުރި ނިއުކްލިއަރ ބޮން ފިޔަވައި ދެން އެންމެ ބާރުގަދަ ބޮމެވެ.
އެއިން ބޮމެއްގެ ބަރުދަނަކީ 9،800 ކިލޯގްރާމެވެ. އޭގައި 11 ޓަނުގެ ގޮވާތަކެތި ހިމެނެއެވެ. މިއިން އެންމެ ބޮމަކުން 1.5 ކިލޯމީޓަރުގެ ސަރަހައްދެއް މުޅިން ސުންނާފަތި ކޮށްލާނެއެވެ.
އިސްރާއީލުގެ މުޖުރިމު ނަތަންޔާހޫ އެންޑޯޒްކުރުމަށް އެމެރިކާގެ ރައީސް ނެރުނު ސިޓީއާއި، އަދި ޓްރަމްޕަށް ޝުކުރު އަދާކޮށް ނަތަންޔާހޫ ނެރުނު ވީޑިއޯ މެސެޖުން، މިމަހު 27 ގައި ބާއްވާ އިސްރާއީލު އިންތިޚާބުގެ މާކުރިން އެމެރިކާއާއި އިސްރާއީލުން އީރާނަށް ހަމަލާދީފާނޭ ކަމުގެ އިޝާރާތްތަކެއް ކޮށްފައި ވެއެވެ.

އިޝްތިހާރު އިޝްތިހާރު