ބައިނަލްއަގްވާމީ ގާނޫނުތަކަށް އިސްތިއުމާރީ އިސްރާއީލު ފުރިހަމައަށް ބޯލެންބެވުމަށް އީރާނުން އދގެ ސަލާމަތީ މަޖިލީހަށް ގޮވާލައިފިއެވެ.
މިކަމަށް ގޮވާލެއްވީ އީރާނު ސަރުކާރުން އދއަށް ކަނޑައަޅާފައި ހުންނަވާ އެމްބަސެޑަރ ޣުލާމްހުސައިން ދަރްޒީ، އދގެ ސަލާމަތީ މަޖިލީހަށާއި، އދގެ އާންމު މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީއެއްގައެވެ.
އީރާނުގެ އެމްބަސެޑަރު ޣުލާމްހުސައިން ދަރްޒީ ވަނީ، ބައިނަލްއަގަވާމީ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން ވެރިކަން ކުރުމަށާއި، ބައިނަލްއަގްވާމީ ގާނޫނުތަކުން އިސްރާއީލުގެ މައްޗަށް އޮތް ޒިންމާތައް ފުރިހަމައަށް އަދާކުރުމަށް މަޖުބޫރު ކުރުމަށް ސަލާމަތީ މަޖިލީހަށް ގޮވާލައްވާފައެވެ. އަދި ބައިނަލްއަގްވާމީ ގާނޫނުތަކަށް ކިޔަމަން ނުވާނަމަ އިސްރާއީލާ ދެކޮޅަށް ފިޔަވަޅު އެޅުމަށްވެސް ދަރުޒީ ގޮވާލައްވާފައި ވެއެވެ.

އެމްބަސެޑަރ ޣުލާމްހުސައިން ދަރްޒީ ވިދާޅުވީ، ހުޅަނގު އޭޝިއާގެ އެކި ހިސާބުތަކުގައި އިސްރާއީލުން ހިންގާ އުދުވާނީ އަމަލުތަކާއި، ހަމަޖެހުން ނަގާލުމުގެ އަމަލުތަކަކީ ސަރަހައްދީ އަދި ބައިނަލްއަގްވާމީ ސުލްހައާއި ސަލާމަތަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ނުރައްކަލެއް ކަމަށެވެ.
އިސްތިއުމާރީ ދައުލަތުން ހިންގާ ޖަރީމާތަކާ ގުޅިގެން އދގެ އާންމު މަޖިލީހުން 2015 އާއި 2024 އާ ދެމެދު އިސްރާއީލާ ދެކޮޅަށް 173 ގަރާރު ފާސްކޮށްފައި ވެއެވެ. ނިމިދިޔަ 2025 ވަނަ އަހަރުވެސް 15 ގަރާރު ފާސްކޮށްފައި ވެއެވެ.
އިސްރާއީލުން ހިންގާ ޖަރީމާތައް ކުށްވެރިކޮށް އދގެ އިންސާނީ ހައްގުތަކާބެހޭ ކައުންސިލް 2006 ވަނަ އަހަރުން ފެށިގެން މިހާތަނަށް 112 ގަރާރު ފާސްކޮށްފައި ވެއެވެ.
އިސްރާއީލާއި އަރަބީންގެ ކުރިމަތިލުންތަކާއި، ހިފާފައިވާ ފަލަސްތީނުގެ މައްސަލާގައި އދގެ ސަލާމަތީ މަޖިލީހުން މިހާތަނަށް ތާރީޚީ އެތައް ގަރާރެއް ފާސްކޮށްފައި ވާއިރު، އިސްރާއީލު ކުށްވެރިކޮށް ސަލާމަތީ މަޖިލީހުން ފާސްކުރަން އުޅުނު 53 ގަރާރެއް، 1972 ވަނަ އަހަރުން ފެށިގެން މިހާތަނަށް އެމެރިކާއިން ވީޓޯ ކޮށްފައި ވެއެވެ.
އިސްރާއީލާ ދެކޮޅަށް އދއިން ފާސްކުރާ އެއްވެސް ގަރާރަކަށް، ދުނިޔޭގެ ކޯޓަކުން ކުރާ އެއްވެސް އަމުރަކަށް، ކުރާ ހުކުމަކަށް އިސްރާއީލު ކިޔަމަން ކުރެވޭނޭ އެއްވެސް ގޮތެއް ނުވެއެވެ. އެއީ، އެމެރިކާއިން އިސްރާއީލު ހިމާޔަތްކޮށް ދިފާއުކުރާތީއެވެ.
އީރާނުގެ އދ އެމްބަސެޑަރުވަނީ، އެމެރިކާ އިސްރާއީލުން އީރާނާ ދެކޮޅަށް ޣައިރުގާނޫނީ އުދުވާނުތައް ހިންގާއިރުވެސް އެކަމާ ދެކޮޅަށް ފިޔަވަޅު ނާޅާތީ ސަލާމަތީ މަޖިލީހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.











ކިޔުންތެރިންގެ ހިޔާލު