ފަލަސްތީނުގެ ބިމުގައި އިސްރާއީލޭ ކިއުނު ދައުލަތެއް އުފެދުނީ އިނގިރޭސިވިލާތުން އެކަށައެޅި ގަރާރެއްގެ ދަށުންނެވެ. އެއީ މަޝްހޫރު ބަލްފޯރ ޑެކްލަރޭޝަނެވެ. ބަލްފޯރ ޑެކްލަރޭޝަނަކީ، އިނގިރޭސި ޚާރިޖީ ވަޒީރުކަމުގައި އޭރު ހުންނެވި އާރތަރ ޖޭމްސް ބަލްފޯރ، 1917 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު އިނގިރޭސި ހައުސް އޮފް ލޯޑްސްއަށް ފޮނުއްވި ސިޓީއެކެވެ. ފަލަސްތީނުގެ ބިމުގައި އިސްރާއީލުގެ ނަމުގައި ވަކި ދައުލަތެއް އުފެއްދުމަށް ފެންނަ ކަމަށް އިނގިރޭސި ސަރުކާރުން ކަނޑައަޅައި ނިންމާފައިވަނީ މި ސިޓީގައެވެ.
މިހާކުރީން ރޭވިގެން ކުރަމުންދިޔަ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން އަދި ދެވަނަ ބޮޑު ހަނގުރާމަ ނިމި، ދުނިޔޭގެ ބޮޑެތި ބާރުތަކުން އެމީހުންގެ މަސްލަހަތުތަކާ އެއްގޮތަށް ދުނިޔޭގެ ބިންތައް ބެހުމުގެ ތެރޭގައި އިނގިރޭސީންގެ ހުށަހެޅުމާ އެއްގޮތަށް އެމެރިކާގެ ތާއީދުލިބިގެން އދއިން 1947 ވަނަ އަހަރު ފަލަސްތީނުގެ ބިން ތިންބަޔަކަށް ބައިކޮށްލިއެވެ. ފަލަސްތީނުގެ ބިންތައް ބައިކޮށްލީ 1947 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 29 ވަނަ ދުވަހު ފާސްކުރި އދގެ 181 ވަނަ ގަރާރުންނެވެ. އެއީ، މަޝްހޫރު ނަމުންނަމަ "ޕާޓިޝަން ރިޒޮލިއުޝަން" އެވެ.
ފަލަސްތީނު އޭރު އޮތީ އނގިރޭސީންގެ ބާރުގެ ދަށުގައިކަމުން އިނގިރޭސީންގެ ހުށަހެޅުމާ އެއްގޮތަށް ފަލަސްތީނު ބިމުގެ އެއްބައިގައި އުފެއްދުމަށް ނިންމީ އިސްރާއީލުގެ ނަމުގައި ވަކި ދައުލަތެކެވެ. ދެވަނަ ބައިގައި އުފެއްދުމަށް ނިންމީ އަރަބި ދައުލަތެކެވެ. ތިންވަނަ ބައެއްގެގޮތުގައި އދއާއި ބައިނަލްއަގްވާމީ މުޖުތަމައުގެ ބާރު ހިނގާގޮތަށް ބޭއްވުމަށް އެކަށައެޅީ ގުދުސްއާއި، ގުދުސް ކައިރީގައިވާ ބައިތުލަހުމާއި، އެހިސާބުގައިވާ މުގައްދަސް އެހެން ތަންތަނެވެ.
ސަބަބަކީ ގުދުސްއާއި، އެހިސާބުގެ އެހެން ތަންތަނަކީ މުސްލިމުންގެ އިތުރުން އިސްރާއީލަށް ނިސްބަތްވާ ޔަހޫދީންނާއި ނަސާރާއިންގެވެސް މުގައްދަސް ތަންތަނުގެ ގޮތުގޮތުގައި ދެކޭ އަދި އަޅުކަންކުރަން ބޭނުންކުރާ ނާޒުކު ސަރަހައްދަކަށް ވުމުން، ގުދުސް އިސްރާއީލުގެ ޔަހޫދީންނަށްވެސް އަދި އަރަބީންނަށްވެސް މިލްކު ނުކުރެވޭގޮތަށް ބޭއްވުމަށެވެ.
ފަލަސްތީނުގެ ބިން ބައިބައިކޮށް އެ ބިމުގެ އެއްބައިގައި އިސްރާއީލުގެ ނަމުގައި ދައުލަތެއް އުފެއްދިކަން އިއުލާންކުރީ 1948 ވަނަ އަހަރުގެ މެއިމަހުގެ 14 ވަނަ ދުވަހު ޖޫއިޝް އޭޖެންސީގެ ވެރިޔަކަށްހުރި ޑޭވިޑް ބެން-ގޫރިއަންއެވެ. އިސްރާއީލުގެ ދައުލަތް އެންމެ ފުރަތަމަ ގަބޫލުކޮށްފައިވަނީ އެމެރިކާގެ ރައީސްކަމުގައި އޭރު ހުންނެވި ހެރީ އެސް ޓްރޫމަންއެވެ. އދގެ ގަރާރުގައި ކަނޑައަޅާފައިވާ އަރަބި ދައުލަތުގެ ވާހަކަ ނުދައްކައި، އިނގިރޭސީން ފަލަސްތީނުން ފޭބުމާއެކު ދެބައިމީހުންގެ މެދުގައި ފެށުނު ހަމަނުޖެހުންތައް ހުޓުވަން އިނގިރޭސީން މަތިކުރީ އެމެރިކާއާއެވެ.
ފަލަސްތީނު މީހުން ނުވަތަ އަރަބީންގެ ކަންބޮޑުވުންތަކަށް އެއްވެސްވަރަކަށް ބެލުމެއްނެތި އެމެރިކާ އެރީ އިސްރާއީލުގެ ޔަހޫދީންގެ ކޮޅަށެވެ. އެމެރިކާ ފައިވިއްދާލީ ޔަހޫދީ ދައުލަތް ހިމާޔަތް ކުރުމުގެ ނަމުގައި އަރަބީންނާ ދެކޮޅަށެވެ.
ފަލަސްތީނުގެ ބިމުގައި އިސްރާއީލޭ ކިޔުނު ދައުލަތް އުފެއްދިތާ މިއަހަރުގެ މެއިމަހު 78 ފުރިގެން ދިޔައިރު އަދި މިއަދުވެސް އިސްރާއީލަށް ދުނިޔޭގައި އޮވެވެނީ އެމެރިކާގެ ފުރިހަމަ އެހީތެރިކަމާއި ހިމާޔަތް ލިބިގެންނެވެ. މިއަދުވެސް މުޅި ދުނިޔެއާ ދެކޮޅަށް އެމެރިކާއިން ގެންދަނީ އިސްރާއީލަށް ތާއީދުދެމުންނެވެ. މިކަމުގައި އެމެރިކާގެ ގާތް މިތުރުން ކަމަށްވާ އިނގިރޭސިވިލާތާއި ހުޅަނގުގެ އެހެން ބައެއް ގައުމުތަކުންވެސް ގެންދަނީ ވާގިވެރިވަމުންނެވެ.
ފަލަސްތީނުގެ ބިމުގައި ފަލަސްތީނު ރައްޔިތުންކުރެ "ހޭވެސް" އަހާނުލައި ޔަހޫދީންނަށް ވަކި ދައުލަތެއް އުފައްދަން އިނގިރޭސީން އެކަށައެޅި ބަލްފޯރ ޑެކްލަރޭޝަނަށް މިއަދު 109 އަހަރު ވެގެންދާއިރު، އެ ޑެކްލަރޭޝަންގެ ދަށުން އުފެއްދި ޔަހޫދީ ދައުލަތަށް 78 ފުރުނުއިރު، ހުޅަނގުގެ ފުރިހަމަ މަދަދާއި ތާއީދާއެކު ޒަޔަނިސްޓު ދައުލަތުން މިހާރުވެސް ގެންދަނީ ފަލަސްތީނުގެ ޣައްޒާގެ ނަސްލުނައްތާލުމުގެ ޖަރީމާތައް ހިންގަމުންނެވެ. ދުނިޔޭގެ އެންމެންގެ ލޯކުރިމަތީގައެވެ. ހުޅަނގު އައްސޭރީގެ ރަށްތަކުގައި ބޮޑެތި ޖަރީމާތައް ހިންގަމުންނެވެ. ފަލަސްތީނުގެ އެތައް ރައްޔިތުން ގަދަކަމުން ގެދޮރުން ބޭރުކުރަމުންނެވެ. ފަލަސްތީނުގެ އިތުރު ބިންތައް ހިފައި އިސްތިއުމާރު ފުޅާކުރަމުންނެވެ. އިސްތިއުމާރުކުރާ ބިންތަކުގައި ޔަހޫދީ އާބާދީތައް ހަދައި އިސްތިއުމާރު ފުޅާކުރަމުންނެވެ. ފަލަސްތީނު ރައްޔިތުންގެ ހައްގުތައް ނިގުޅައިގަންނަމުންނެވެ.
މިއީ، އިނގިރޭސި ދައުލަތުން މާކުރިން ރާވައިގެން ހިންގި ބޮޑު ޖަރީމާއެއްގެ ނަތީޖާއެވެ. ފަލަސްތީނު ބިމުގައި ޔަހޫދީ ދައުލަތެއް އުފެއްދުމުގެ ނަތީޖާއަކަށް ވެގެންގޮސްފައި މިވަނީ ފަލަސްތީނުގެ ހުރިހާ ބިންތަކެއް ފޭރިގަތުމެވެ. ބާކީހުރި ބިންކޮޅުވެސް ފޭރިގަންނަމުން ދިއުމެވެ.
އެހެންވެ، ފަލަސްތީނު ރައްޔިތުންނާއި ޖަމާއަތްތަކުން މިއަދުވެސް ގޮވާލަމުން ގެންދަނީ، ޔަހޫދީ ދައުލަތް އުފެއްދުމަށް ނިންމި ތާރީހީ ޒިންމާ ގަބޫލުކޮށް، ފަލަސްތީނު ރައްޔިތުންގެ ކިބައިން އިނގިރޭސީން ރަސްމީކޮށް މައާފަށް އެދުމަށް ގޮވާލަމުންނެވެ. ފަލަސްތީނު ރައްޔިތުން އެމީހުންގެ ކަންކަން އަމިއްލަ ނިންމުމާއި، އަދުލުއިންސާފު ލިބިދިނުމާއި، ގަދަކަމުން ގެދޮރުން ބޭރުކޮށްލެވުނު އެންމެން އެނބުރި އެމީހުންގެ ބިމަށް އައުމުގެ ހައްގު ލިބިގެންވާ ކަމަށް އިނގިރޭސިވިލާތުން ގަބޫލުކޮށް އެކަމަށް ތާއީދުކުރުމަށްވެސް ގޮވާލަމުންނެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.