ޔުނިވަރސަލް ޕީރިއޮޑިކް ރިވިއު، (ޔޫޕީއާރު)ގެ ވަރކިންގ ގްރޫޕުގެ 53 ވަނަ ސެޝަން ޖެނީވާގައި ހުންނަ އ.ދ. ގެ އޮފީހުގައި މިއަދު ފަށައިފިއެވެ.

ދެ ހަފުތާގެ މުއްދަތަށް ކުރިއަށްދާ މިބައްދަލުވުމުގައި އ.ދ. ގެ އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުގެ ދަށުން ޤާއިމުކޮށްފައިވާ ޔޫޕީއާރުގެ ވަރކިންގ ގްރޫޕުން 14 ޤައުމެއްގެ އިންސާނީ ޙައްޤުތަކުގެ ޙާލަތު ވަޒަންކުރާނެއެވެ. އެ ޤައުމުތަކުގެ ތެރޭގައި ސުރިނާމް، ސަމޯއާ، ހަންގެރީ، ތަޖިކިސްތާން، އެންޓިގާ އެންޑް ބާބުޑާ، ގްރީސް، ސެއިންޓް ވިންސެންޓް އެންޑް ދަ ގްރެނެޑީންސް، ޕަޕުއާ ނިއު ގިނީ، ޓެންޒޭނިއާ، އެސްވަޓީނީ، ޓްރިނިޑާޑް އެންޑް ޓޮބޭގޯ، އަޔަރލެންޑް، ތައިލޭންޑް އަދި އެމެރިކާ ހިމެނެއެވެ.

ޔޫޕީއާރު ވަރކިންގ ގްރޫޕްގެ މި ސެޝަންގައި ރާއްޖޭގެ ވަފުދުން ބައިވެރިވެ، ސަރުކާރުގެ މުހިންމު ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ބިނާކުރަނިވި ހުށަހެޅުންތަކެއް ރިވިއު ކުރެވޭ ޤައުމުތަކަށް ހުށަހަޅާނެ ކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެއެވެ.

އިޝްތިހާރު އިޝްތިހާރު

ކޮންމެ އަހަރަކު ޔޫޕީއާރުގެ ވަރކިންގ ގްރޫޕުން 3 ބައްދަލުވުމެއް ބާއްވައެވެ. އެގޮތުން މިހާރު ހިނގަމުންދާ 53 ވަނަ ބައްދަލުވުމަކީ 2022 ވަނަ އަހަރުން ފެށިގެން 2027ގެ ނިޔަލަށް ކުރިއަށްދާ ޔޫޕީއާރުގެ ހަތަރުވަނަ ދައުރުގެ ބައެކެވެ.

ޔޫޕީއާރު އަކީ އ.ދ. ގެ މެމްބަރު ޤައުމުތަކުން އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމަށް ކުރާ މަސައްކަތް ދެނެގަނެ، އެކަމުން ހޯދާފައިވާ ކުރިއެރުން ވަޒަންކުރުމަށް ކަނޑައަޅާފައިވާ ނިޒާމެކެވެ. މި ނިޒާމުގެ ތެރެއިން ރިވިއު ކުރެވޭ ޤައުމުތަކުން އިންސާނީ ޙައްޤުތައް ތަންފީޒުކުރުމުގައި އިތުރަށް ހަރުދަނާކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ބިނާކުރަނިވި އިސްލާޙުތައް ހުށަހެޅުމުގެ ފުރުޞަތު އެހެން މެންބަރު ޤައުމުތަކަށް ލިބިގެންދާނެއެވެ.

މި ސެޝަންގައި ބައިވެރިވާ ދިވެހިރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނަވާނީ ޖެނީވާގައި ހުންނަ އ.ދ.ގެ އޮފީހަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދެވެ. އަދި މި ވަފުދުގައި ކައުންސެލަރ އާދަމް ޙާމިދު، ކައުންސެލަރ އަލްއުސްތާޛާ އާމިނަތު ޝިފާޔާ އިބްރާހީމް، އަދި ސެކަންޑް ސެކްރެޓަރީ ޢާއިޝަތު ރަޔާޙީން ބައިވެރިވެވަޑައިގަންނަވައެވެ.