ރާއްޖޭގެ މި އަހަރުގެ ވޮލީބޯޅަ ސީޒަނުގައި ހިމެނޭ ތިން މުބާރާތް ވެސް ކާމިޔާބުކޮށް، ކްލަބް ވެމްކޯއިން ތާރީޚީ ކާމިޔާބީއެއް ހޯދައިފިއެވެ.

ވެމްކޯއިން ވަނީ މި ސީޒަނުގެ ވޮލީބޯލް އެސޯސިއޭޝަން ކަޕާއި، ގައުމީ ވޮލީބޯޅަ ލީގުގެ އިތުރުން ގައުމީ ވޮލީބޯލް ޗެމްޕިއަންޝިޕް ކާމިޔާބުކޮށް ސީޒަނުގެ ހުރިހާ ތައްޓެއް ކާމިޔާބުކޮށްފައެވެ. ސީޒަނުގެ ފަހު މުބާރާތް ކަމަށްވާ ގައުމީ ވޮލީބޯލް ޗެމްޕިއަންޝިޕް އެ ޓީމުން ކާމިޔާބުކުރީ ވާދަވެރި ކުޅުމަކަށްފަހު ފައިނަލްގައި ކްލަބް އެމްޓީސީސީގެ މައްޗަށް 3-1 ސެޓުން ކުރިހޯދައިގެންނެވެ.

މި ސީޒަނުގައި ވެމްކޯއިން ދެއްކި މޮޅު ކުޅުމަށް ބަލާއިރު، އެ ޓީމުން ގައުމީ ވޮލީބޯޅަ ލީގުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ. އަދި އެސޯސިއޭޝަން ކަޕް ކާމިޔާބުކުރީ ވެސް ފައިނަލް މެޗުގައި އެމްޓީސީސީ 3-1 ސެޓުން ބަލިކުރުމަށްފަހުއެވެ.

އިޝްތިހާރު އިޝްތިހާރު

މިއީ ވެމްކޯއިން ވިދިވިދިގެން ގައުމީ މުބާރާތުގެ ތަށި އުފުލައިލި ފަސްވަނަ ފަހަރެވެ. އެ ޓީމުން އެންމެ ފުރަތަމަ ގައުމީ މުބާރާތް ކާމިޔާބުކުރީ 2022 ވަނަ އަހަރުއެވެ. އޭގެ ފަހުން 2023، 2024 އަދި މިދިޔަ އަހަރުގެ ޗެމްޕިއަންކަން ވެސް ހޯދައި، އެ ޓީމު ވަނީ ރާއްޖޭގެ އަންހެން ވޮލީގައި ބޮޑު ކާމިޔާބީއެއް ދަމަހައްޓާފައެވެ.

މި އަހަރުގެ ގައުމީ މުބާރާތުގެ އެކި މަގާމުތަކަށް ބަލާއިރު، މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ހޯދީ އެމްޓީސީސީގެ އާމިނަތު ފަރާހަތުއެވެ. އެންމެ މޮޅު ބިދޭސީ ކުޅުންތެރިންގެ މަގާމު ލިބުނީ ވެމްކޯގެ ކުޓިކާ އާއި ވަރްނިޔާގެ އިތުރުން އެމްޓީސީސީގެ ފެރެނާންޑާއަށެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ ވެމްކޯގެ ޖޫޒާން ޒަރީރާއި، ނަރީމާ އިދުރީސް އަދި އެމްޓީސީސީގެ މާޔާ ހުސެއިން ސޮލާހްއެވެ. މުޅި މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ވެމްކޯއަށް ބޮޑެތި ކާމިޔާބީތަކެއް ހޯދައިދިން ކޯޗު އަހުމަދު އަދީލްއެވެ.