މިއަހަރު ފާހަގަކުރާ 46 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ދޭން ހަމަޖެހިފައިވާ ޚާއްޞަ އެވޯޑުތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

މަސްވެރިންގެ ދުވަސް ރާއްޖޭގައި ފާހަގަކުރަނީ، ކޮންމެ އަހަރެއްގެވެސް ޑިސެންބަރު މަހުގެ 10 ވަނަ ދުވަހުއެވެ. އެދުވަހު 4 އެވޯޑެއް ދިނުމަށް ކަނޑައަޅައި އެ ވޯޑުތަކަށް ކުރިމަތިލުމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވަނީ ހުޅުވާލާފައެވެ. މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މާލޭގައެވެ.

މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން ކުރި އިޢުލާނެއްގައިވާ ގޮތުގައި، މި އެވޯޑުތަކަށް ނަން ހުށަހެޅުމުގެ ސުންގަޑި މިހާރު ވަނީ، 7 ނޮވެމްބަރު ވާ ދުވަހުގެ މެންދުރު 12:00ގެ ނިޔަލަށް އިތުރުކޮށްފައެވެ.

އިޝްތިހާރު އިޝްތިހާރު

މަސްވެރިންގެ ދުވަހުގެ ޖަލްސާގައި ދިނުމަށް ހަމަޖެހިފައިވާ އެވޯޑުތައް
• މިހާރުވެސް މަސްވެރިކަމުގައި ޢަމަލީގޮތުން އުޅޭ އަދި މަސްވެރިކަން ފިޔަވައި އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ އެންމެ ޚިދުމަތްތެރި ޒުވާން ކެޔޮޅު (35 އަހަރުން ދަށް).
• މިހާރުވެސް މަސްވެރިކަމުގައި ޢަމަލީގޮތުން އުޅޭ އަދި މަސްވެރިކަން ފިޔަވައި އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ އެންމެ ތަޖުރިބާކާރު ކެޔޮޅު (35 އަހަރުން މަތި).
• އާމްދަނީ ހޯދުމަށް ކުރާ މައިގަނޑު މަސައްކަތަކަށް ފަރުމަހުގެ މަސްވެރިކަން ކުރާ ޚިދުމަތްތެރި ފަރު މަސްވެރިޔާގެ އެވޯޑު.
• މަސްވެރިކަމުގައި ޢަމަލީގޮތުން އުޅޭ، އާމްދަނީ ހޯދުމަށް މަސްވެރިކަން ކުރާ ޚިދުމަތްތެރި އަންހެން މަސްވެރިޔާގެ އެވޯޑު.

މަސްވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވީ، މި އެވޯޑުތަކަށް އެދި ނަން ހުށަހެޅުމަށް ތައްޔާރުކޮށްފައިވާ ފޯމުތައް ވުޒާރާގެ ރަސްމީ ވެބްސައިޓުން ޑައުންލޯޑު ކުރެވެން ހުންނާނެ ކަމަށެވެ. އަދި ފުރިހަމަކޮށްފައިވާ ފޯމުތައް އެ ވުޒާރާގެ އީމެއިލް އެޑްރެސް [email protected] މެދުވެރިކޮށް ހުށަހެޅުމަށްވެސް ވަނީ އެދިފައެވެ.