ޖިނާއީ ކުށެއް މަދަނީ މިންގަނޑުން ސާބިތުވާވަރަށް ހެކި ހުރެ އެފަދަ މައްސަލައެއް ތަހުގީގީ އިދާރާއަކުން ސާބިތުވާ ކަމަށް ކަނޑައަޅައިފިނަމަ ވެމްކޯގެ ގަވާއިދާ އެއްގޮތަށް އެ ކުންފުނީގެ ކޮންމެ މުވައްޒިފަކާމެދުވެސް އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ބުނެފި އެވެ.
ގދ. ތިނަދޫ ސިޓީގައި ހިނގާދިޔަ ރޭޕްގެ ހާދިސާއާ ގުޅިގެން އެކި ފަރާތްތަކުން ވެމްކޯއަށް ރައްދުވާ ގޮތަށް ފަތުރަމުންދާ ވާހަަކަތަކާއި ގުޅިގެން އެ ކުންފުނިން ވަނީ ބަޔާނެއް ނެރެފަ އެވެ.
އެ ބަޔާނުގައި ބުނީ މަސައްކަތުގެ މާހައުލާއި އެ މާހައުލުން ބޭރުގައިވެސް އެ ކޯޕަރޭޝަންގެ މުވައްޒިފުންގެ އަހްލާގީ މިންގަނޑު ރިވެތި ގޮތުގައި ހިފެހެއްޓުމަކީ ކުންފުނީގެ ޕޮލިސީގެ އެންމެ އަސާސީ މަގްސަދު ކަމަށެވެ. މި ޕޮލިސީ ފަރުމާ ކުރެވިފައިވަނީ މިފަދަ ރިވެތި އަހްލާގީ މިންގަނޑުން ބޭރުވެ ނޭއްގާނީ އެެކިއެކި ކުށްތައް ކުރާ މީހުންނަށް އެންމެ ހަރުކަށި ފިޔަވަޅުތައް އެޅި އެކަންކަން ތަކުރާރު ނުވާނެ ގޮތަކަށް ކަމަށެވެ.
އަދި ބުނީ ޖިނާއީ ކުށެއް މަދަނީ މިންގަނޑުން ސާބިތުވާވަރަށް ހެކި ހުރެ އެފަދަ މައްސަލައެއް ތަހުގީގީ އިދާރާއަކުން ސާބިތުވާ ކަމަށް ކަނޑައަޅައިފިނަމަ ވެމްކޯގެ ގަވާއިދާ އެއްގޮތަށް އެ ކުންފުނީގެ ކޮންމެ މުވައްޒިފަކާމެދުވެސް އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.
އެ ކުންފުނިން ވަނީ ތިނަދޫގައި ހިނގި ބަދުއަހްލާގީ އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް އެފަދަ އަމަލުތައް ބަލައިނުގަންނާނެ ކަމަށް ބުނެފަ އެވެ.
Azra Ali