މިއަހަރުގެ ފުރަތަމަ އަށް މަސްދުވަހުގެ ތެރޭގައި ރާއްޖެއިން 23،554 މެޓްރިކް ޓަނުގެ މަސް ބޭރުކޮށްފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ޖުމުލަ އެކްސްޕޯޓް މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ދަށްވި ނަމަވެސް، ޕްރޮސެސްކޮށްފައިވާ މަހުގެ އެކްސްޕޯޓަށް ވަނީ ފާހަގަކޮށްލެވޭ ކުރިއެރުމެއް ލިބިފައެވެ.
އެމްއެމްއޭގެ މަހު ރިޕޯޓުގައިވާ ގޮތުން، ރާއްޖެއިން ބޭރުކުރި މަހުގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ތާޒާ، ފިނިކުރި އަދި ގަނޑުކުރި ކަންނެއްޔާއި ކަޅުބިލަމަހެވެ. އެގޮތުން މި ބާވަތްތަކުގެ 18،237 މެޓްރިކް ޓަނުގެ މަސް ބޭރުކޮށްފައިވާއިރު، އޭގެ ތެރޭގައި 14،404 މެޓްރިކް ޓަނުގެ ކަޅުބިލަމަސް ހިމެނެއެވެ.
ޕްރޮސެސްކުރި މަހުގެ އެކްސްޕޯޓް 2025 ވަނަ އަހަރުގެ ފުރަތަމަ އަށް މަހު ހުރި 1،118 މެޓްރިކް ޓަނުން، މިއަހަރުގެ އެ މުއްދަތުގައި 1،254 މެޓްރިކް ޓަނަށް ވަނީ އިތުރުވެފައެވެ. މިއީ ގާތްގަނޑަކަށް 12 އިންސައްތައިގެ ކުރިއެރުމެކެވެ. ނަމަވެސް މަސްދަޅު އެކްސްޕޯޓްކުރި މިންވަރު ވަނީ 4،081 މެޓްރިކް ޓަނުން 3،430 މެޓްރިކް ޓަނަށް ދަށްވެފައެވެ.
މިދިޔަ އަހަރުގެ ފުރަތަމަ އަށް މަހު 57،344 މެޓްރިކް ޓަނުގެ މަސް ބޭރުކޮށްފައިވާތީ މިއަހަރުގެ ޖުމުލަ އަދަދު ދަށްވި ނަމަވެސް، ޖުލައި މަހާ އަޅާބަލާއިރު އޮގަސްޓް މަހުގެ އެކްސްޕޯޓް ވަނީ 54.1 އިންސައްތަ އިތުރުވެފައެވެ. މަސްވެރިކަމަކީ އިޤްތިޞާދީ ގޮތުން ސަރުކާރުން އެންމެ އިސްކަންދޭ އެއް ދާއިރާއަށް ވާއިރު، ސިނާޢަތުގެ ވަސީލަތްތައް ތަރައްޤީކޮށް މަސްވެރިންނަށް ދިމާވާ ދަތިތައް ޙައްލުކުރުމުގެ މަސައްކަތްތައް ދަނީ ކުރެވެމުންނެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.