ބާސެލޯނާގެ ޒުވާން ތަރި އަދި ސްޕެއިންއާއެކު ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ ލަމީން ޔަމާލް، ދުނިޔޭގެ އެންމެ މޮޅު 21 އަހަރުން ދަށުގެ ކުޅުންތެރިޔާއަށްދޭ "ކޮޕާ ޓްރޮފީ" ކާމިޔާބުކޮށް، ތާރީޚުގެ ތެރެއިން ޖާގަ ހޯދައިފިއެވެ.

އުމުރުން 19 އަހަރުގެ ޔަމާލް ވަނީ މިދިޔަ އަހަރުވެސް މި އެވޯޑު ކާމިޔާބުކޮށްފައެވެ. މިއާއެކު އޭނާ ވެފައިވަނީ ވިދިވިދިގެން ތިން ފަހަރު މި އެވޯޑު ދިފާއުކުރި ފުރަތަމަ ކުޅުންތެރިޔާއަށެވެ.

ކޮޕާ ޓްރޮފީ ދޭން ފަށާފައިވަނީ 2018 ވަނަ އަހަރުން ފެށިގެންނެވެ. މި އެވޯޑު އެންމެ ފުރަތަމަ ހާސިލްކުރީ ކީލިއަން އެމްބާޕޭއެވެ. ރޭ ބޭއްވި 70 ވަނަ ބެލަންޑޯ ރަސްމިއްޔާތަށް ޔަމާލްއާއި، އެމްބާޕޭ އަދި ހެރީ ކޭން އައީ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ލިބޭނެ ކަމަށް އެންމެ ބޮޑަށް ބެލެވުނު ކުޅުންތެރިންގެ ގޮތުގައެވެ.

އިޝްތިހާރު އިޝްތިހާރު

ޔަމާލް ލަންޑަނަށް އައީ ބެލަންޑޯ އެވޯޑަށް އުންމީދުކޮށްގެންކަން އޭނާ ސިއްރެއް ނުކުރެއެވެ. ކޮޕާ ޓްރޮފީއާ ހަވާލުވުމަށްފަހު، ރަސްމިއްޔާތުގެ ހޯސްޓް ތިއަރީ އޮންރީ އޭނާއާ ކުރި ސުވާލަކާ ގުޅިގެން މުޅި ހޯލުގައި ތިބި މީހުން ހޭން ފެށިއެވެ.

އޮންރީ ވަނީ މިއީ މިއަދު އޭނާ އުންމީދުކުރި އެވޯޑުތޯ ސުވާލުކޮށްފައެވެ. އެ ވަގުތު ޔަމާލް ކޮންމެވެސް ވަރަކަށް ލަދުގަނެ، ސީދާ ޖަވާބެއް ދިނުމަށް އުޒުރުވެރިވެހުރެ އޭނާ ބުނީ މި އެވޯޑު އޭނާއަށްވުރެ ބޮޑަށް ހައްގީ އޭނާގެ ޓީމު ކުޅުންތެރިޔާ ޕައު ކުބާސީއަށް ކަމަށެވެ.

އެންމެ މޮޅު ޒުވާން އަންހެން ކުޅުންތެރިޔާގެ މަގާމު ހާސިލްކުރީ ބާސެލޯނާގެ އުމުރުން 20 އަހަރުގެ ވިކީ ލޮޕޭޒްއެވެ. އޭނާވެސް ވަނީ މިދިޔަ އަހަރުގެ އެވޯޑު ދިފާއުކޮށްފައެވެ. ހުނަރުވެރި އެޓޭކިންގް ކުޅުންތެރިޔާ ވިކީ ވަނީ ބާސެލޯނާއާއެކު މި ސީޒަނުގައި ހަތަރު ތަށި ކާމިޔާބުކޮށްފައެވެ.