ލައިސަންސް ނެތި ބާރު ސްޕީޑުގައި ސައިކަލު ދުއްވާފައި ގޮސް ކަފިހިހުރަހުން މަގު ހުރަސްކުރި ދެ މީހެއްގެ ގައިގައި ޖެހި، އެކަކު މަރުވެ އަނެކަކަށް އަނިޔާވި މައްސަލައިގައި ލ. ފޮނަދޫ/ ހޯރަވިލާ، މުޙައްމަދު ނައުސާންގެ މައްޗަށް ދެ ދަޢުވާއަކުން ޖަލު އަދަބު ކަނޑައަޅައި، 60 ދުވަހު ރޯދަ ހިފުމަށާއި މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ ދެއްކުމަށް ފޮނަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ ޙުކުމްކޮށްފައެވެ.

މި ހާދިސާ ހިނގާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް 15 ވަނަ ދުވަހުގެ ރޭ ލާމު ލިންކް ރޯޑުން ނައުސާން ބާރު ދުވެލީގައި ދުއްވާފައި ދަނިކޮށް، ކައްދޫ އިސްކަންދަރު އެއާބޭސްގެ ޓާމިނަލް މަގާއި ލިންކް ރޯޑު ގުޅޭ ހަތަރުއަނގޮޅީގެ ކަފިހިހުރަހުން މަގު ހުރަސްކުރި ދެ މީހެއްގެ ގައިގައި ސައިކަލުން ޖެހިގެންނެވެ. މި އެކްސިޑެންޓުގައި ލިބުނު ބޮޑެތި އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް ލ. މާވަށް/ އެތުމާ، މަރްޔަމް މޫސާ މަރުވެފައިވާއިރު، މަގު ހުރަސްކުރި އއ. ހިމަންދޫ/ ގަލްފް، ޢަބްދުއްސަލާމް ޙުސައިންއަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ.

މަރްޔަމް މޫސާ މަރުވި މައްސަލައިގައި، މީހަކު މަރުވެދިއުމުގެ ފަރުވާކުޑަ ޢަމަލެއް ކުރުމުގެ ކުށުގެ ދަޢުވާއަށް ނައުސާން ޝަރީޢަތުގައި އިޢުތިރާފުވެފައިވާތީ، ޕީޖީ އޮފީހާއެކު ވެފައިވާ އިޢުތިރާފުގެ އެއްބަސްވުމުގެ ދަށުން ކޯޓުން ވަނީ ތިން އަހަރުގެ ޖަލު އަދަބެއް ކަނޑައަޅާފައެވެ. ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން އޭނާ މި ދަޢުވާއިން ތަންފީޛުކުރަން ޖެހެނީ އެއް އަހަރާއި ނުވަ މަހާއި 20 ދުވަހުގެ ޖަލު އަދަބެކެވެ. މީގެ އިތުރުން ކައްފާރާއެއްގެ ގޮތުން ޖެހިޖެހިގެން 60 ދުވަހު ރޯދަ ހިފުމަށާއި، ވާރިޘުން މަރުގެ ދިޔަ ބޭނުންވާތީ މުޚައްފަފު މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ 36 މަސް ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދެއްކުމަށް ވެސް ވަނީ އަމުރުކޮށްފައެވެ.

އިޝްތިހާރު އިޝްތިހާރު

ޢަބްދުއްސަލާމް ޙުސައިންއަށް އަނިޔާވި މައްސަލައިގައި އުފުލި އަނިޔާއެއް ދިނުމުގެ ކުށުގެ ދަޢުވާއަށް ވެސް ނައުސާން އިޢުތިރާފުވެފައިވާތީ، އެއްބަސްވުމަށް ރިޢާޔަތްކޮށް އޭނާގެ މައްޗަށް ވަނީ ނުވަ މަހާއި 18 ދުވަހުގެ ޖަލު ޙުކުމެއް އިއްވާފައެވެ. މި ދެ މައްސަލަ ބައްލަވައި ވަކިވަކިން ޙުކުމް އިއްވެވީ ލ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ޢަލީ ޝަރީފެވެ.