ސިއްހީ ދާއިރާގެ ތަޢުލީމީ ފުރުސަތުތަކާއި ގުޅޭގޮތުން ބާއްވާ އިންޓަނޭޝަނަލް ކޮންފަރެންސް އޮން މެޑިކަލް އެޑިއުކޭޝަން، އައިސީއެމްއީ ފަށައިފިއެވެ. 2 ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ މި ކޮންފަރެންސް ބާއްވަނީ ރިފާ އިންޓަނޭޝަނަލް ޔުނިވަރސިޓީ އާއި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ގުޅިގެނެވެ.

މި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ އަލީއެވެ. ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މަހްމޫދު ޝައުގީ، ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒް އާދަމް، އަދި ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ފައިސަލް ރަސޫލޯދީ ބައިވެރިވެވަޑައިގެންނެވިއެވެ.

ބުޓިކް އިންޓަނޭޝަނަލް ކޮންފަރެންސް އޮން މެޑިކަލް އެޑިއުކޭޝަން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ މިފަދަ ގުޅުންތަކުގެ ޒަރީޢާއިން، އެ ޔުނިވަރސިޓީގެ ތަޢުލީމީ ޕްރޮގްރާމްތައް އިތުރަށް ހަރުދާކުރެވި، މުވައްޒަފުންނާއި ދަރިވަރުންނަށް ފުރުޞަތުތައް ފަހިކޮށްދިނުމުގެ އިތުރުން، މުޖުތަމަޢަށް މިހާރަށްވުރެ ބޮޑަށް މާނަހުރި ގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުމަށް ގުފަހިވެގެންދާނެކަމަށެވެ.

އިޝްތިހާރު އިޝްތިހާރު

"މިފަދަ ގުޅުންތަކުގެ ޒަރީޢާއިން، އަޅުގަނޑުމެންގެ ތަޢުލީމީ ޕްރޮގްރާމްތައް އިތުރަށް ހަރުދަނާކުރުމަށާއި، މުވައްޒަފުންނާއި ދަރިވަރުންނަށް އައު ފުރުޞަތުތައް ފަހިކޮށްދިނުމުގެ އިތުރުން، އަޅުގަނޑުމެން ޚިދުމަތްދޭ މުޖުތަމަޢަށް މިހާރަށްވުރެ ބޮޑަށް މާނަހުރި ގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ" ޝެހެނާޒް

އަދި ޞިއްޙީ ދާއިރާގެ ތައުލީމަށް ގެނެވޭ އައު އީޖާދުތަކުގެ ހަގީގީ އަގު ވަޒަންކުރެވެނީ، އޭގެ ސަބަބުން އުނގަންނައިދިނުމުގެ ފެންވަރަށާއި، ބަލިމީހުންނަށް ފަރުވާދިނުމުގައި ނިންމާ ނިންމުންތަކަށާއި، ބަލިމީހުންނަށް ދެވޭ ޚިދުމަތްތަކަށް އަންނަ ކުރިއެރުމުގެ މައްޗަށް ބިނާކޮށް ކަމަށް ވެސް ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒް އާދަމް ވިދާޅުވިއެވެ.

"ސިއްހީ ދާއިރާގެ ތައުލީމަށް ގެނެވޭ އާ އީޖާދުތަކުގެ ހަގީގީ އަގު ވަޒަންކުރެވެނީ، އޭގެ ސަބަބުން އުނގަންނައިދިނުމުގެ ފެންވަރަށާއި، ބަލިމީހުންނަށް ފަރުވާދިނުމުގައި ނިންމާ ނިންމުންތަކަށާއި، ބަލިމީހުންނަށް ދެވޭ ހިދުމަތްތަކަށް އަންނަ ކުރިއެރުމުގެ މައްޗަށް ބިނާކޮށް" ޝެހެނާޒް

ރިފާ އިންޓަނޭޝަނަލް ޔުނިވަރސިޓީ އާއި ރާއްޖޭގެ ގައުމީ ޔުނިވަރސިޓީ ގުޅިގެން ބާއްވާ ކޮންފަރެންސްގެ މި އަހަރުގެ ތީމަކީ "ޝޭޕިންގ ދަ ފިއުޗާރ އޮފް ހެލްތް ކެއަރ ޕްރޮފެޝަންސް" އެވެ.

މި ކޮންފަރެންސްގެ މަގުސަދަކީ ސިއްހީ ދާއިރާއިން ތައުލީމު ހާސިލްކުރުމުގައި އަންނަމުންދާ ކުރިއެރުންތަކާއި، މި ދާއިރާ ތަރައްޤީކުރުމަށްޓަކައި ބޭނުންކުރެވިދާނެ އީޖާދީ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާކޮށް، މައުލޫމާތު ބަދަލުކުރުމެވެ.