ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) ގެ ކެމްޕަސްތަކެއް ޅ. ހިންނަވަރާއި ޅ. ނައިފަރުގައި އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.
އައިޔޫއެމް އިން މައުލޫމާތު ދެއްވި ގޮތުގައި މި ދެ ރަށުގައި ކެމްޕަސް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މި ހިނގާ މަހުގެ 11 ވަނަ ދުވަހު އެ ދެ ރަށުގައި ވަކިވަކިން ބޭއްވި ދެ ރަސްމިއްޔާތެއްގައެވެ.
ހިންނަވަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިބްރާހީމް އަބްދުﷲ ރާފިއު އާއި، ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު މުހައްމަދު އަބްދުއްރަހުމާނާއި، ހިންނަވަރު ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ނަޒީހުގެ އިތުރުން ކައުންސިލްގެ މެންބަރުންނާއި، ރަށުގެ އިސް ބޭފުޅުން އަދި ގިނަ އަދަދެއްގެ އިސް ރަށްވެހިން ބައިވެރިވެވަޑައިގެންނެވިއެވެ.
ހަމައެއާއެކު، ނައިފަރުގައި ބޭއްވި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު ޔާސީން އަބްދުﷲ އާއި، ނައިފަރު ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދުގެ އިތުރުން ކައުންސިލް މެންބަރުންނާއި ރަށުގެ އެކި މުއައްސަސާތަކުގެ އިސް ފަރާތްތަކުން ބައިވެރިވެވަޑައިގެންފައިވެއެވެ.
މަޝްރޫއުގެ މަސައްކަތް ފެށުމަށް ހިންނަވަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެ ދާއިރާގެ މެންބަރު މުހައްމަދު އަބްދުއްރަހުމާން ވިދާޅުވީ، ހިންނަވަރުގެ ގިނަ ރައްޔިތުން މާލެއަށް ހިޖުރަކުރަން ޖެހޭ އެންމެ މައިގަނޑު އެއް ސަބަބަކީ ރަށުގައި ތިބެގެން މަތީ ތައުލީމު ހާސިލުކުރެވޭނެ ފުރުސަތު ނެތުން ކަމަށެވެ. އަދި އައިޔޫއެމްގެ ކެމްޕަހެއް ރަށުގައި ގާއިމުވެގެން ދިޔުމަކީ ސައެންޓިފިކް ވިސްނުންތެރި ސިކުނޑިތައް އެ ސަރަހައްދުގައި ދެމިތިބެ މުޖުތަމައަށް ހިދުމަތް ކުރުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން މެންބަރު ވިދާޅުވީ، މި މަޝްރޫއަކީ ރަށުގައި ހުރި ވަސީލަތްތައް އިތުރަށް ތަރައްގީކުރުމަށާއި މުޅި މުޖުތަމައުގެ ދެމެހެއްޓެނިވި ކުރިއެރުމާ ސީދާ ގޮތުން ގުޅިފައިވާ މުހިންމު ބިނާއެއް ކަމަށެވެ. އަދި މި ކެމްޕަހާއެކު ކުރިމަގުގައި ހިންނަވަރަކީ ސަރަހައްދީ ތައުލީމީ މައި މަރުކަޒަކަށް ވެގެންދާނެ ކަމަށާއި، މީގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ގައުމީ ފެންވަރުގައި ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށް ވެސް މެންބަރު ވިދާޅުވިއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.