ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން ޅ. ހިންނަވަރުގައި އާ ގޮތްޕެއް ރަސްމީކޮށް ހުޅުވައިފިއެވެ. މި މަސައްކަތަކީ ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ޤުރްއާން އުނގަންނައިދޭ މަރުކަޒުތައް ޤާއިމުކުރުމަށް ސަރުކާރުން ކުރިއަށްގެންދަވާ ޚާއްސަ މަޝްރޫޢުގެ ދަށުން، ކުރެވުނު މަސައްކަތެކެވެ.
ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ޅ. ހިންނަވަރު ގޮފި އިފްތިތާޙުކޮށްދެއްވީ އެ ރަށުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި، އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ އަލްއުސްތާޛު ޢަބްދުލް ޣަފޫރު އަޙްމަދެވެ. މި ރަސްމިއްޔާތުގައި ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ބައެއް އިސްވެރިންނާއި، ހިންނަވަރު ކައުންސިލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ގޮފީގައި ޤުރްއާން ކިލާސްތައް ރަސްމީކޮށް އިފްތިތާޙުކޮށް، އެންރޯލްވެފައިވާ ދަރިވަރުންނާއި އެ ދަރިވަރުންގެ ބެލެނިވެރިންނާ މި މަރުކަޒުގެ ވަފުދުގެ ބޭފުޅުން ވަނީ ބައްދަލުކުރައްވާފައެވެ. އަދި އެ ގޮފީގައި ހިންގާ ޤުރްއާން ތަޢުލީމުގެ ޕްރޮގްރާމްތައް ހަރުދަނާކޮށް، އިދާރީ ގޮތުން ބެލެހެއްޓުމާއި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްދާނެ ގޮތްތަކާ މެދު ހިންނަވަރު ކައުންސިލް އިދާރާއާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ މަންދޫބުންނާއެކު މަޝްވަރާ ބައްދަލުވުންތައް ވަނީ ވަނީ ބާއްވާފައެވެ.
ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުން ވިދާޅުވީ މި ގޮފި ހުޅުވުމަކީ، ޤުރްއާނުގެ ތަޢުލީމު ލާމަރުކަޒީކުރުމަށާއި، ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ދަރިވަރުންނަށް ކީރިތި ޤުރްއާން އުނގެނުމާއި، ކިޔެވުމާއި، ހިފްޡުކުރުމުގެ ފުރުޞަތުތައް ފުޅާކުރުމަށް ދައުލަތުން ކުރައްވަމުންދާ މަސައްކަތްތަކަށް ލިބުނު އިތުރު ކުރިއެރުމެއްކަމަށެވެ.
މުޅި ރާއްޖެއަށް މި ޚިދުމަތް ފުޅާކުރުމުގެ މަސައްކަތުގެ ދަށުން، މަރުކަޒުގެ އިތުރު 10 ގޮތްޕެއް ރަޖިސްޓްރީކުރުމުގެ މަސައްކަތް ނިމި، ރަސްމީކޮށް ހުޅުވުމުގެ ތައްޔާރީތައް ދަނީ ކުރަމުންނެއެވެ. އެއީ ހދ. ނޮޅިވަރަންފަރު، ހދ. ވައިކަރަދޫ، ރ. މަޑުއްވަރި، ރ. ރަސްމާދޫ، ރ. ހުޅުދުއްފާރު، ކ. މާފުށި، ފ .މަގޫދޫ، ލ .މާވަށް، ގއ .ދާންދޫ އަދި ސ. ހިތަދޫގައެވެ.
އިތުރު 12 ރަށެއްގައި ގޮފި ރަޖިސްޓްރީކުރުމަށް ވަނީ ހުށަހަޅާފައިވެއެވެ. އެއީ ހއ. އިހަވަންދޫ، ށ. މަރޮށި، ރ. މާކުރަތު، ބ. ތުޅާދޫ، އއ. ފެރިދޫ، އއ. މާޅޮސް، ދ. މީދޫ، ތ. ވިލުފުށި، ލ. ކަލައިދޫ، ލ. ގަން، ގދ. ގައްދޫ އަދި ގއ. ކެންދޫހުޅުދޫގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި، އިސްލާމީ ޢިލްމު ވަރުގަދަކުރުމާއި، ކީރިތި ޤުރްއާން ހިފްޡުކުރުމަށް ހިތްވަރުދިނުމާއި، އަންނަންއޮތް ޖީލުތަކަށް ތަޢުލީމީ ފުރުޞަތުތައް ފުޅާކުރުމުގެ އިސްނެގުންތަކުގެ ތެރެއިން ދައުލަތުން ދަނީ ޤުރްއާނުގެ ތަޢުލީމަށް ޚާއްޞަ އިސްކަމެއް ދެއްވަމުންނެވެ. މި އިސްނެގުންތަކުގެ ތެރޭގައި، ޤައުމީ ޤުރްއާން މުބާރާތަކީ ދައުލަތުގެ ބަޖެޓުން މުޅިން ޚަރަދުކުރެވޭ، އަދި ޤައުމީ ފެންވަރުގެ މުބާރާތްތަކުގެ ތެރެއިން އެންމެ އަގުހުރި އިނާމުތައް ހުށަހެޅޭ މުބާރާތުގެ ގޮތުގައި ވަނީ ހަމަޖައްސަވާފައެވެ.
ޙާފިޡުންނަށް ދެވޭ ޢިނާޔަތް ދެގުނައަށް ބޮޑުކުރައްވައި، ކީރިތި ޤުރްއާން ހިފްޡުކޮށް ނިންމަވާ ފަރާތްތަކުގެ އަގުވަޒަންކުރުމަށްޓަކައި ޚާއްޞަ ދަސްވެނިވުމުގެ ރަސްމިއްޔާތެއްވެސް ވަނީ ތަޢާރަފުކުރައްވާފައެވެ. އަދި ޤުރްއާނުގެ ތަޢުލީމަށާއި އެއާ ގުޅުންހުރި ތަރައްޤީގެ ޕްރޮގްރާމްތަކަށް ދެމެހެއްޓެނިވި ގޮތެއްގައި އެހީތެރިކަން ފޯރުކޮށްދޭނެ ނިޒާމެއް ޤާއިމުކުރުމުގެ މަޤްޞަދުގައި، ކީރިތި ޤުރްއާނަށް ޚާއްޞަ ވަޤުފް މަޝްރޫޢުތަކުގެ މަސައްކަތްތައްވެސް ވަނީ ފައްޓަވާފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.