އުތުރުގެ 3 އަތޮޅަށް ޚާއްޞަކޮށްގެން ހިންގާ "ދަނޑުވެރި މަންފާ" އެގްރިބިޒްނަސް މެޗިން ގްރާންޓުގެ ދެވަނަ ބުރަށް އެޕްލިކޭޝަން ބަލައިގަތުމުގެ އެންމެ ފަހު ތާރީޚަކީ އޮކްޓޫބަރު 31 ކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްއިން ހާމަކޮށްފިއެވެ.
މިނިސްޓްރީއާއި އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) ގުޅިގެން ކުރިއަށްގެންދާ 'މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް)' ގެ ދަށުން ދޫކުރާ މި ގްރާންޓަކީ އެސްއެމްއީ ޑިޖިޓަލްއާއެކު ކުރިއަށްގެންދާ ސްކީމެކެވެ. މި ސްކީމް އަމާޒުކޮށްފައިވަނީ ހއ، ހދ އަދި ށ. އަތޮޅުގެ 26 ރަށެއްގެ ދަނޑުވެރިންނާއި، ދަނޑުވެރިކަމުގައި ހަރަކާތްތެރިވާ އެންޖީއޯތަކާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ އިތުރުން ކޯޕޮރޭޓިވް ސޮސައިޓީތަކަށެވެ.
މި ގްރާންޓުގެ ދެވަނަ ބުރަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު، ގްރީންހައުސް އިންސްޓޯލްކުރުމަށާއި ހައިޑްރޮޕޯނިކްސް ސިސްޓަމް ފަދަ ޒަމާނީ ދަނޑުވެރިކަމުގެ ވަސީލަތްތަކަށް އެދި ގިނަ ފަރާތްތަކަކުން ވަނީ ހުށަހަޅާފައެވެ. ޝަރުތު ފުރިހަމަވާ ފަރާތްތަކަށް މުޅި މަޝްރޫޢަށް ހިނގާ ޚަރަދުގެ %30 އާއި %50 އާ ދެމެދުގެ މިންވަރެއްގެ ހިލޭ އެހީ (ގިނަވެގެން 150,000 ރުފިޔާ) ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ، މި ސްކީމުގެ މައިގަނޑު މަޤްޞަދަކީ މާލީ ބުރައެއް ނެތި ޒަމާނީ ދަނޑުވެރިކަމުގެ އުކުޅުތައް ތަޖުރިބާކުރުމުގެ ފުރުޞަތު ދަނޑުވެރިންނަށް ދީ، ރާއްޖޭގެ ދަނޑުވެރިކަމުގެ އުފެއްދުންތެރިކަމާއި ނަފާ އިތުރުކުރުން ކަމަށެވެ. މިނިސްޓްރީއާއި އެސްއެމްއީ ޑިޖިޓަލް ގުޅިގެން އެ އަތޮޅުތަކުގެ ދަނޑުވެރިންނަށް މަޢުލޫމާތު ދީ، އެޕްލިކޭޝަން ހުށަހެޅުމަށް އެހީތެރިވެދީފައިވާއިރު، މިހާރު ކުރިއަށްދަނީ ހުށަހަޅާފައިވާ ފޯމުތައް އިވެލުއޭޓްކުރުމުގެ މަސައްކަތެވެ.
މި ގްރާންޓަށް އެދުމުގެ މުއްދަތު ހަމަވި ނަމަވެސް، އެސްއެމްއީ ޑިޖިޓަލްއިން އިސްލާމިކް އުޞޫލުން ފަރުމާކޮށްފައިވާ "ދަނޑުވެރި ނަފާ" ފައިނޭންސިންގއަށް އެދި ހުށަހެޅުމުގެ ފުރުޞަތު އަދިވެސް ވަނީ ހުޅުވާލެވިފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.