ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ހަނގުރާމަތަކުގެ ސަބަބުން ކުރިމަތިވި މާލީ އަދި އިޤްތިޞާދީ ގޮންޖެހުންތަކުން ރައްޔިތުން ރައްކާތެރިކޮށްދީ، ރާއްޖޭގެ ތާރީޚުގައި އެންމެ ބޮޑު ޢަދަދަކުން ދަރަނި ދެއްކީ މިއަހަރު ކަމަށް މާލީ ވަޒީރު ޙަސަން ޒަރީރު މިއަދު ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ވަޒީރު ވިދާޅުވީ، މިއަހަރު ނިމޭއިރު ދަރަނި ޚަލާޞްކުރުމަށް 11.7 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށެވެ. މިއާއެކު ދަރަނީގެ ބުރަ ވަރަށް ބޮޑަށް ކުޑަކުރެވިފައިވާތީ، އަންނަ އަހަރު ދައްކަން ޖެހޭނީ 4.5 ބިލިއަން ރުފިޔާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ދަރަނި ދެއްކުމުގައި ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ބައިނަލްއަޤްވާމީ މާލީ އިދާރާތަކުގެ އިތުބާރު ލިބި، ރާއްޖޭގެ ކްރެޑިޓް ރޭޓިން މަތިކުރެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވިކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، މާޗް އަދި އެޕްރީލް މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު 23 އިންސައްތަ ދަށަށް ދިޔަ ކަމަށެވެ. އަދި މިއަހަރުގެ މިހާތަނަށް އައި ފަތުރުވެރިންގެ ޢަދަދު މިދިޔަ އަހަރަށްވުރެ 3.6 އިންސައްތަ ދަށްވި ނަމަވެސް، އަހަރު ނިމޭއިރު މިދިޔަ އަހަރާ ގާތްކުރާ ޢަދަދަކަށް ފަތުރުވެރިން އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށް ވިދާޅުވިއެވެ.
މިދިޔަ ދިހަ އަހަރުގެ ތެރޭގައި ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވި ތިންވަނަ ބޮޑު ލޮޅުމާ އެކުވެސް، އިޤްތިޞާދު ދަނީ ކުރިއަރަމުންނެވެ. އެގޮތުން، މިއަހަރު ދައުލަތަށް ލިބޭނެ ކަމަށް ކުރިން އަންދާޒާކުރި 40.3 ބިލިއަން ރުފިޔާގެ ބަދަލުގައި، 41.7 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް މިހާރު ވަނީ ލަފާކުރެވިފައެވެ.
ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، އޭގެ އަސަރު ދިރިއުޅުމުގެ ޚަރަދުތަކަށް ފޯރި ނަމަވެސް، ރައްޔިތުންނަށް އޮތް ބުރަ ކުޑަކުރެވުނީ ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ސަބަބުންނެވެ. އެގޮތުން، ހެޔޮއަގުގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ދޭ ފިއުލް ސަބްސިޑީއަށް މިއަހަރުގެ ނިޔަލަށް 3.8 ބިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ބެލެވެއެވެ. މިއާއެކު، ބަޖެޓުގައި ސަބްސިޑީއަށް ކަނޑައެޅި 10.5 ބިލިއަން ރުފިޔާގެ ބަދަލުގައި، ޖުމްލަ ސަބްސިޑީގެ ޚަރަދު ވަނީ 14.5 ބިލިއަން ރުފިޔާއަށް އަރާފައެވެ.
މާލީ ވަޒީރު ވިދާޅުވީ، ބައިނަލްއަޤްވާމީ މާލީ އިދާރާތަކުގެ އަންދާޒާތަކުން ދައްކާ ގޮތުގައި އަންނަ އަހަރު ތެލުގެ އަގު ދަށަށްދާނެ ކަމަށެވެ. އެހެންކަމުން، އަންނަ އަހަރުގެ ބަޖެޓުގައި ތެލުގެ ސަބްސިޑީއަށް ކަނޑައަޅާފައިވަނީ 3.2 ބިލިއަން ރުފިޔާއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.