ދައުލަތުގެ މާލީ އަދި ފިސްކަލް ހާލަތު ދިރާސާކުރުމަށްފަހު، ކުރިއަށް އޮތް އަހަރު ރާއްޖޭގެ އިޤްތިޞާދީ ދުވެލި 6.8 އިންސައްތައަށް ކުރިއަރައިގެންދާނެ ކަމަށް މާއަންދާޒާކޮށްފިއެވެ. މިކަން ހާމަކޮށްފައިވަނީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުންނެވެ.
މަޖިލީހުގައި ބަޖެޓު ބަޔާން އިއްވަވަމުން މާލީ ވަޒީރު ޙަސަން ޒަރީރު ވިދާޅުވީ، ދުނިޔޭގެ އިޤްތިޞާދީ ދުވެލި ކުރިއަށް އޮތް އަހަރު 3.4 އިންސައްތައިގައި ހުންނާނެ ކަމަށް ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ލަފާކުރާ ކަމަށެވެ. މީގެއިތުރުން، ފާއިތުވި އަހަރުތަކުގައި ރާއްޖޭގެ އިޤްތިޞާދީ ދުވެލި ހުރި މިންވަރަށް ބައްލަވާލައްވަމުން ވަޒީރު ފާހަގަކުރެއްވީ، 2025 ވަނަ އަހަރު 6.3 އިންސައްތައިގައި އިޤްތިޞާދު ހުރިއިރު، އެ އަދަދު މި އަހަރު 5.3 އިންސައްތައިގައި ހުންނާނެ ކަމަށް ލަފާކުރެވުނު ނަމަވެސް، ކުރިމަތިވި އެކިއެކި ގޮންޖެހުންތަކާ ގުޅިގެން 2026 ވަނަ އަހަރުގެ ދުވެލި 0.6 އިންސައްތައާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވެފައިވާ ކަމަށެވެ.
ނަމަވެސް، ހަނގުރާމައިގެ ކުރީގެ ހާލަތަށް ރުޖޫޢަވެ، 2027 ވަނަ އަހަރު ރާއްޖޭގެ އިޤްތިޞާދީ ދުވެލި 3.9 އިންސައްތައާއި 6.8 އިންސައްތައާ ދެމެދުގެ ހަލުވި މިނެއްގައި ކުރިއަރައިގެންދާނެ ކަމަށް މިހާރު ވަނީ އަންދާޒާކުރެވިފައެވެ. އަދި އަންނަ އަހަރު ރާއްޖޭގެ އިންފްލޭޝަން ރޭޓު 1.0 އިންސައްތައިގައި ހިފެހެއްޓޭނެ ކަމަށްވެސް މާލީ ވުޒާރާއިން ލަފާކުރެއެވެ.
މާލީ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، 2027 ވަނަ އަހަރަށާއި މެދުރާސްތާއަށް ފިސްކަލް ސިޔާސަތުތައް ބައްޓަންކުރާނީ ރާއްޖޭގެ އިޤްތިޞާދީ އޮއިވަރާއި ހާލަތަށް ފުންކޮށް ބެލުމަށްފަހުގައެވެ. މަޖިލީހަށް ހުށަހެޅި ބަޖެޓަކީ އިޤްތިޞާދީ ހަމަޖެހުމާއި، ދައުލަތުގެ މާލީ އަދި ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށާއި، ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދޭނެ އިންވެސްޓުމަންޓުތަކަށް އިސްކަންދީގެން އެކުލަވާލާފައިވާ ބަޖެޓެކެވެ.
މި ބަޖެޓުގައި ކަނޑައަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދީ ބިންގާ އިތުރަށް ވަރުގަދަވެ، އާންމު ޚިދުމަތްތައް ފުޅާވެގެންދާނެއެވެ. އަދި މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި ދިރިއުޅޭ ރައްޔިތުންނަށްވެސް އިޤްތިޞާދީ ގޮތުން ފަހި ފުރުޞަތުތަކެއް ތަނަވަސްވެގެންދާނެ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.