ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމް އިތުރަށް ފުޅާކޮށް، ހަރުދަނާ ޖީލެއް ބިނާކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ޚާއްޞަ އިސްކަމެއް ދެއްވާނެ ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ވަޒީރު ވިދާޅުވީ، މުޖުތަމަޢަށް އިޙްތިރާމްކުރާ، ޤައުމު ދެކެ ލޯބިވާ އަދި އަޚްލާޤީގޮތުން ވަރުގަދަ ދަރިންތަކެއް ބިނާކުރުމަކީ ޤައުމުގެ ކުރިމަގަށް އެޅޭނެ އެންމެ މުހިންމު ބިންގާ ކަމަށެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން ފައްޓަވާފައިވާ ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމަކީ މިފަދަ ޖީލެއް ބިނާކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ރިޔާސީ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ "އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" މުޅި ރާއްޖޭގައި ހިންގުމަށް ބޭނުންވާ ފައިސާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ދިވެހިންގެ މެދުގައި އޮތް ރިވެތި އަޚްލާޤާއި އެކަކު އަނެކަކަށް އިޙްތިރާމްކުރުމުގެ އާދަކާދަ އަލުން ދިރުވައި އާލާކުރުމަކީ މުޖުތަމަޢަށް ނުހަނު ބޭނުންތެރި ކަމެކެވެ.

އިޝްތިހާރު އިޝްތިހާރު

ޤައުމުގެ ހަމަޖެހުމާއި އަމަންއަމާންކަން ދެމެހެއްޓުމަށްޓަކައި، ރަށްރަށުގައި ޤާއިމުކޮށްފައިވާ ފުލުހުންގެ މަރުކަޒުތަކުގެ ޚިދުމަތް ފުޅާކުރުމަށް ބޭނުންވާ އިންސާނީ ވަސީލަތްތައް އިތުރުކުރުމަށްވެސް ބަޖެޓުގައި ވަނީ ހިމަނާފައެވެ. ވަޒީރު ވިދާޅުވީ، އަމަންއަމާންކަން ބެލެހެއްޓުމަކީ ސަރުކާރުގެ އެންމެ މުހިންމު އެއް ޒިންމާ ކަމަށާއި، ރީޖަންތަކުގައި ހުރި މަރުކަޒުތަކުން ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށް ސަރުކާރުން އިސްކަންދޭނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ފައްޓަވާފައިވާ ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމަށް އަހަރެއް ވެފައިވާއިރު، މިހާތަނަށް 1,028 ޒުވާނުން ވަނީ އަސާސީ ތަމްރީނު ފުރިހަމަކޮށްފައެވެ. އަދި މިހާރުވެސް 351 ޒުވާނުން ދަނީ މި ޕްރޮގްރާމުގެ ހަތަރުވަނަ ބެޗުގައި ތަމްރީނު ހޯދަމުންނެވެ. މި ޕްރޮގްރާމުގެ ދަށުން އަސާސީ ތަމްރީނުގެ އިތުރުން ތަފާތު ފަންނީ ތަމްރީނުތައްވެސް ޒުވާނުންނަށް ދަނީ ފޯރުކޮށްދެމުންނެވެ.