އަލަށް ގެދޮރު ގަތުމަށާއި އިމާރާތްކުރުމަށް ބޭނުންވާ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އިކުއިޓީއަށް 750 މިލިއަން ރުފިޔާ ދޫކުރުމަށް ނިންމައި، އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ ދާއިރާއަށް ޖުމުލަ 3 ބިލިއަން ރުފިޔާ ހިމަނައިފިއެވެ. މިކަން ހާމަކުރައްވާފައިވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދަޢުލަތުގެ ބަޖެޓު މަޖިލީހަށް ހުށަހަޅުއްވަމުން މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާ ބެހޭ ވަޒީރު ޙަސަން ޒަރީރެވެ.
ބޯހިޔާވަހިކަމުގެ ބޮޑު ޑިމާންޑަށް ދާއިމީ ހައްލެއް
ސަރުކާރުން އެންމެ ފަހުން ހުޅުވާލި ބޯހިޔާވަހިކަމުގެ ސްކީމްތަކަށްވެސް 58،000 އަށްވުރެ ގިނަ ރައްޔިތުން ކުރިމަތިލާފައިވާއިރު، މި ދަތިކަމަށް ދާއިމީ ހައްލެއް ގެނައުމަކީ ސަރުކާރުގެ މައިގަނޑު އަމާޒެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސީދާ ބެއްލެވުމުގެ ދަށުން، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް އަންނަ އަހަރު ވަރަށް ބާރަށް ކުރިއަށްދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިގޮތުން ބަޖެޓުގައި ކަނޑައެޅި 3.0 ބިލިއަން ރުފިޔާގެ މަޝްރޫޢުތަކާއެކު މާލެ ސަރަޙައްދުގެ ތޮއްޖެހުމަށްވެސް ވަށާޖެހޭ ޙައްލެއް ލިބިގެންދާނެއެވެ.
އަނބުރާ ދައްކަން ނުޖެހޭ އިކުއިޓީ އެހީގެ ގޮތުގައި 750 މިލިއަން
އަމިއްލަ ބިން އޮވެމެ، ގެދޮރު ބިނާކުރުމުގެ މާލީ ތަނަވަސްކަން ނެތް އާއިލާތަކުގެ ހުވަފެންތައް ހަގީގަތަކަށް ހަދައިދިނުމަށްޓަކައި ސަރުކާރުން ވަނީ ޚާއްޞަ އިސްކަމެއް ދީފައެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި، އަލަށް ގެދޮރު ގަތުމަށާއި އިމާރާތްކުރުމަށް ދޫކުރާ ހާއްސަ ލޯނު ސްކީމުގެ އިކުއިޓީއަށްވާ ފައިސާގެ ގޮތުގައި 750 މިލިއަން ރުފިޔާ ބަޖެޓުގައި ވަނީ ހިމަނާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މީގެކުރިން ހާމަކުރައްވާފައިވާ ފަދައިން، މި އިކުއިޓީ ފައިސާއަކީ ރައްޔިތުން ދަޢުލަތަށް އަނބުރާ ދައްކަން ނުޖެހޭގޮތަށް ދޫކުރާ އެހީއެކެވެ.
ގެދޮރުވެރިކަމުގެ މަޝްރޫޢުތައް މުޅި ރާއްޖެއަށް
މި ހިނގާ 2026 ވަނަ އަހަރު ސަރުކާރުން ފެށި "ހިޔާވަހި ފައިނޭންސިންގ ފެސިލިޓީ" ގެ ދަށުން، އިސްލާމިކް ފައިނޭންސް އުސޫލުން %5 ގެ ފައިދާ ރޭޓުގައި، އަމިއްލަ ބިމުގައި ގެދޮރު އިމާރާތްކުރުމަށް 800 އަށްވުރެ ގިނަ ފަރާތަކަށް ބީއެމްއެލް މެދުވެރިކޮށް ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ވަނީ ދޫކޮށްފައެވެ.
މީގެއިތުރުން، މާލެ ސަރަޙައްދުގައި 4،000 އަށްވުރެ ގިނަ ހައުސިންގ ޔުނިޓުގެ ޢަމަލީ މަސައްކަތް މިހާރުވެސް ހިނގަމުންދާއިރު، އަތޮޅުތަކުގެ 57 ރަށެއްގައި ހައުސިންގ މަޝްރޫޢު ހިންގުމަށް ކޮންޓްރެކްޓަރުން ކަނޑައެޅުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި ރަށްރަށުގައި ހުރި ހުސްބިންތަކަށް ފެނާއި ނަރުދަމާ ފަދަ އަސާސީ ޚިދުމަތްތައް ފޯރުކޮށްދީ، ދިރިއުޅެވޭނެ ފަހި މާހައުލަކަށް ހެދުމުގެ މަސައްކަތްވެސް އަންނަ އަހަރުގެ ބަޖެޓާއެކު ހަލުވިކަމާއެކު ކުރިއަށްދާނެއެވެ. 2026 ވަނަ އަހަރު ބޯހިޔާވަހިކަމަށް 2 ބިލިއަން ކަނޑައެޅިއިރު، އަންނަ އަހަރަށް މި އަދަދު މިވަނީ 3 ބިލިއަނަށް އިތުރުކޮށްފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.