ވ. އަތޮޅަށް ފީނަން ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ފަތުރުވެރިން ހޯދުމުގެ އޮޕަރޭޝަނުގައި ހަރަކާތްތެރިވަމުން ދަނިކޮށް ނިޔާވި ގައުމީ ދިފާއީ ބާރުގެ ސާޖަންޓް ފަސްޓް ކްލާސް މުހައްމަދު މަހުދީގެ ހަނދާނުގައި، އިޓަލީގެ އެންމެ ޝަރަފްވެރި އެއް އިނާމު ކަމަށްވާ ރަން މެޑަލް ދިނުމަށް އެ ގައުމުން ނިންމައިފިއެވެ.

ކޮލަމްބޯގައި ހުންނަ އިޓަލީ އެމްބަސީން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ، މަހުދީއަށް އަރުވަން ނިންމާފައިވާ "ގޯލްޑް މެޑަލް ފޯ ސިވިލް ވެލާ" އަކީ އާދަޔާ ހިލާފު ހިތްވަރުގަދަ އަމަލުތަކުގެ އަގުވަޒަންކުރުމުގެ ގޮތުން އިޓަލީ ސަރުކާރުން އަރުވާ އެންމެ މަތީ ޝަރަފު ކަމަށެވެ.

މީގެ އިތުރުން، ކޮލަމްބޯގައި ހުންނަ އިޓަލީ އެމްބަސީއާއި މާލޭގައި ހުންނަ އިޓަލީގެ އޮނަރަރީ ކޮންސިއުލާ އޭޖެންސީ ގުޅިގެން މަހުދީގެ އާއިލާއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްސަ ފަންޑެއް ވެސް ވަނީ ހުޅުވާފައެވެ.

އިޝްތިހާރު އިޝްތިހާރު

އެމްބަސީން ހާމަކުރި ގޮތުގައި، ޑިސެންބަރު 31ގެ ނިޔަލަށް ހުޅުވާލާފައިވާ މި ފަންޑަށް ޚާއްސަ ބޭންކް އެކައުންޓެއް މެދުވެރިކޮށް އެހީ ޖަމާކުރެވޭނެއެވެ. އަދި މި ފަންޑަށް ލިބޭ އެންމެހައި ފައިސާ ދެފުށް ފެންނަ އުސޫލަކުން ބަލަހައްޓައި، މަހުދީގެ ޝަރުއީ ވާރިސުންނާ ހަވާލުކުރާނެ ކަމަށް އެމްބަސީން ވިދާޅުވިއެވެ. ހަމައެއާއެކު، އެމްބަސީން ވަނީ މަހުދީގެ އާއިލާއަށް ތައުޒިޔާ ފޮނުވައި، އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.

ތަޖުރިބާކާރު ޑައިވަރެއް ކަމަށްވާ މަހުދީ ނިޔާވީ މޭ 14 ވަނަ ދުވަހު ވ. އަތޮޅު ކަނޑުއަޑީގެ ހޮހަޅައަކަށް ފީނަން ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީގެ ފަސް ފަތުރުވެރިން ހޯދުމުގެ އޮޕަރޭޝަނުގައި އުޅެނިކޮށް، ޑީކޮމްޕްރެޝަން ސިކްނެސްއާ ގުޅުންހުރި ސިއްހީ މައްސަލަތަކެއް ދިމާވެގެން މޭ 16 ގައެވެ.

ޖުމުލަ ހަ މީހުންގެ ފުރާނަ ގެއްލުނު މި ހިތާމަވެރި ހާދިސާގައި މަރުވި އިޓަލީގެ ފަސް ފަތުރުވެރިންގެ ހަށިގަނޑު ފަހުން ވަނީ ކަނޑުއަޑީގެ ހޮހަޅައިގެ ތެރެއިން ނަގާފައެވެ.