މިއަހަރުގެ މިހާތަނަށް މަސްވެރިން ކިރުވި މަހަށް މިފްކޯއިން 342 މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް އެ ކުންފުނީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން އާންމުކޮށްފައިވާ ހިސާބުތަކުން އެނގޭ ގޮތުގައި، މި މުއްދަތުގެ ތެރޭގައި މަސްވެރިން އެންމެ ގިނައިން ކިރުވާފައިވަނީ ކަނޑުމަހެވެ. އެގޮތުން 17،540 ޓަނުގެ ކަނޑުމަސް ކިރުވާފައިވާއިރު، އެ މަހަށްވާ 326،293،946 (ތިންސަތޭކަ ސައްބީސް މިލިއަން ދެލައްކަ ނުވަދިހަ ތިންހާސް ނުވަސަތޭކަ ސާޅީސް ހައެއް) ރުފިޔާ މިހާރު ވަނީ މަސްވެރިންނަށް ދޫކޮށްފައެވެ.

މީގެއިތުރުން، 826 ޓަނުގެ ރީނދޫ އުރަހަ ކަންނެލި މިފްކޯއަށް ކިރުވާފައިވާއިރު، ކަންނެލި މަސްވެރިންނަށް ވަނީ 16،457،803 (ސޯޅަ މިލިއަން ހަތަރުލައްކަ ފަންސާސް ހަތްހާސް އަށްސަތޭކަ ތިނެއް) ރުފިޔާ ދީފައެވެ. އެހެންކަމުން މި އަހަރުގެ މިހާތަނަށް މިފްކޯއަށް ޖުމްލަ 18،366 ޓަނުގެ މަސް ކިރުވައި، ޖުމްލަ 342،751،748 (ތިންސަތޭކަ ސާޅީސް ދެ މިލިއަން ހަތްލައްކަ ފަންސާސް އެއްހާސް ހަތްސަތޭކަ ސާޅީސް އަށެއް) ރުފިޔާ ވަނީ މަސްވެރިންނަށް ޚަލާޞްކޮށްފައެވެ.

އިޝްތިހާރު އިޝްތިހާރު

ކުރީގެ އަހަރުތަކުގައި މަސްވެރިން ކިރުވާ މަހަށް ފައިސާ ނުލިބި ގިނަ ދުވަސްތަކެއް ވާ މައްސަލައަށް މިހާރު ވަނީ ބޮޑު ހައްލެއް ގެނެސްދީފައެވެ. އެގޮތުން މިހާރު މަސް ކިރުވާތާ 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދޫކުރަމުން އަންނައިރު، މަސް ގަންނަ އަގުތަކަށް ވެސް ވަނީ ހެޔޮ ބަދަލުތަކެއް ގެނެސްފައެވެ. މީގެ އިތުރުން މަސްވެރިކަން ކުރާ އުޅަނދުފަހަރަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ފަސޭހަކަމާއެކު އަދި ހެޔޮ އަގުގައި ތެޔޮ ލިބޭނެ މަގު ފަހިކޮށްދިނުމުގެ މަސައްކަތް ވެސް ސަރުކާރުން މިހާރު ދަނީ ކުރަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވާ އެއް ދާއިރާއަކީ މަސްވެރިކަމުގެ ސިނާޢަތެވެ. ސަރުކާރުގެ މައިގަނޑު ސިޔާސަތަކީ މި ސިނާޢަތް އިތުރަށް ޒަމާނީކޮށް ފުޅާކުރުމާއެކު، ދިވެހިރާއްޖޭގެ އިޤްތިޞާދަށް އެންމެ ބޮޑު އާމްދަނީއެއް ހޯދައިދޭ މައި ތަނބަކަށް މަސްވެރިކަން ހެދުމެވެ.