ޗައިނާގެ ތާރީޚުގައި އެންމެ އިޙްތިރާމް ލިބިގެންވާ އެއް ލީޑަރު ކަމަށްވާ ކުރީގެ ރައީސް މާއޯ ޒެޑޮންގަކީ ހުދުމުޚުތާރު ވެރިއެއް (ޑިކްޓޭޓަރެއް) ގެ ގޮތުގައި ސިފަކޮށް ދެއްކި ވާހަކަތަކަކާ ގުޅިގެން، ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ އާއި އޭނާ ކުޅެމުން އަންނަ ސްޕެއިންގެ ރެއާލް މެޑްރިޑް ޗައިނާގެ ބޮޑު ނުރުހުމަކާ ކުރިމަތިލާން ޖެހިއްޖެއެވެ.

ފްރާންސްގެ ޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަމުން އެމްބާޕޭ ބުނެފައިވަނީ، އޭނާއަކީ ޑިކްޓޭޓަރެއްގެ ގޮތުގައި ދައްކުވައިދޭ ގިނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ކަމަށެވެ. އަދި އޭގެ ތެރެއިން އޭނާއަށް އެންމެ މަޖާވި އެއް ފޮޓޯއަކީ ޗައިނާގެ ކުރީގެ ލީޑަރު މާއޯގެ ހަށިގަނޑުގައި އޭނާގެ މޫނު ގުޅުވައިގެން ހަދާފައިވާ ފޮޓޯ ކަމަށް ބުނެފައިވެއެވެ.

މި ވާހަކަތަކާ ގުޅިގެން ޗައިނާގެ ވިޔަފާރި ކުންފުނިތަކުންނާއި ދައުލަތުގެ މީޑިއާއިން ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. އެގޮތުން ޗައިނާގެ ދެ ބްރޭންޑަކުން ވަނީ އެމްބާޕޭއާއެކު ހަދާފައިވާ ސްޕޮންސަރޝިޕް އެއްބަސްވުންތައް ބާޠިލުކޮށްފައެވެ. އަދި ޗައިނާގެ ދައުލަތުގެ ޓީވީ، ސީސީޓީވީ (CCTV) އިން ވަނީ އެމްބާޕޭ ފެންނަ އެއްވެސް މަންޒަރެއް ނުދެއްކުމުގެ އިތުރުން، ސްޕެނިޝް ލީގާއި ރެއާލް މެޑްރިޑް ކުޅޭ އެއްވެސް މެޗެއް ޓީވީން ދެއްކުން ހުއްޓާލަން ނިންމާފައެވެ.

އިޝްތިހާރު އިޝްތިހާރު

މި މައްސަލަ ހޫނުވުމާ ގުޅިގެން އެމްބާޕޭގެ އިތުރުން ރެއާލް މެޑްރިޑާއި ސްޕެނިޝް ލީގުން ވަނީ ރަސްމީކޮށް މަޢާފަށް އެދިފައެވެ. ރެއާލް މެޑްރިޑުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އެމްބާޕޭ ގަސްދުގައި އެއްވެސް ބަޔަކަށް އިޙްތިރާމްކުޑަ ނުކުރާނެ ކަމަށާއި، މިކަން ހިނގީ ނޭނގުމެއްގެ ތެރެއިން ކަމަށެވެ. އަދި ޗައިނާގެ ތާރީޚާއި ޘަޤާފަތަށް އެ ކްލަބުން އަބަދުވެސް ފުރިހަމައަށް އިޙްތިރާމްކުރާ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.

ނަމަވެސް، ސީސީޓީވީ ހިންގާ ޗައިނީސް މީޑިއާ ގްރޫޕް (ސީއެމްޖީ) އިން ބުނެފައިވަނީ، އެމްބާޕޭގެ ވާހަކަތަކުން ޗައިނާގެ ރައްޔިތުންނަށް ބޭއިޙްތިރާމްކޮށް، ރަތް ރޮނގު ފަހަނައަޅައި ގޮސްފައިވާ ކަމަށެވެ. އަދި މިއީ ނޭނގި ހިނގި ކަމެއް ކަމަށް ބުނެ ރެއާލް އިން ދައްކާ ވާހަކަތައް ބަލައިގަންނަން އުނދަގޫ ކަމަށް ވެސް ބުނެފައިވެއެވެ. އެހެންނަމަވެސް، އެމްބާޕޭ މަޢާފަށް އެދުމުން އެކަމާމެދު ވިސްނަމުންދާ ކަމަށް ޗައިނާގެ ފޮރިން މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ދުނިޔޭގެ އެކި ޑިކްޓޭޓަރުންގެ ހެދުމުގައި އެމްބާޕޭގެ މޫނު ހިމަނައިގެން ހަދާފައިވާ ފޮޓޯތަކާ ގުޅޭގޮތުން "ފްރާންސް ފުޓްބޯލް" އަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނެފައިވަނީ، މިއީ ހަމައެކަނި މަޖަލަކަށް ދޫކޮށްލެވޭ ވަރަށް ވުރެ ސީރިއަސް ކަމެއް ކަމަށެވެ.

މީހުން މަރައި، އެތައް މިލިއަން ބަޔަކަށް ބޮޑެތި އަނިޔާތައް ދީފައިވާ ޚުދުމުޚުތާރު ވެރިންނާ އަހަރެން އެއްގޮތް ކުރުމަކީ އަހަރެން ޤަބޫލުކުރާ އުޞޫލުތަކާ މުޅިން ޚިލާފު ކަމެއް. މީގެ ސަބަބުން އަނބުރަށް އަރައިގަނެވި، އިންސާނީ ކަރާމާތަށް ވެސް އަސަރުކުރޭ. އެމްބާޕޭ ބުނެފައިވެއެވެ.

މި ފަހަރުގެ ވޯލްޑް ކަޕްގެ ތެރޭގައި އެމްބާޕޭއަށް އޭނާގެ ޓީމު ކުޅުންތެރިޔާ އޮސްމާން ޑެމްބެލޭ ވަނީ ކޮންގޯގެ ކުރީގެ ހުދުމުޚުތާރު ވެރިޔާ މޮބުޓޫ ސެސޭ ސެކޯއަށް ނިސްބަތްކޮށް "މޮބުޓް" ގެ ނަމުން މުޚާޠަބުކޮށްފައެވެ. އެހެންނަމަވެސް އެމްބާޕޭ ބުނީ އެއީ ސޯޝަލް މީޑިއާގެ ޓްރެންޑަކާ ގުޅިގެން އެކުވެރިކަމުގައި ކޮށްލި ސަމާސާއެއް ކަމަށެވެ.