ރާއްޖެއަށް ގަވާއިދާ ޚިލާފަށް ރަން އެތެރެކުރި ކަމަށް ބުނެ ޖަލަށްލި ސްރީލަންކާ މީހަކު، އޭނާގެ މައްޗަށް އިއްވި އެއް އަހަރުގެ ޖަލު ހުކުމް ތަންފީޒުކޮށް ނިމުނު ދުވަހު، އޭނާގެ މައްޗަށް ކުށް ސާބިތުކޮށްފައިވަނީ ގޯސްކޮށް ކަމަށް ހައިކޯޓުން ކަނޑައަޅައި ބާތިލްކޮށްފިއެވެ.

ހަށިގަނޑުގައި ފޮރުވައިގެން ރާއްޖެއަށް ދެ ކިލޯގެ ރަން އެތެރެކުރި މައްސަލައިގައި ކްރިމިނަލް ކޯޓުން މިދިޔަ އަހަރުގެ އޮކްޓޯބަރު 28 ގައި އެއް އަހަރުގެ ޖަލު ހުކުމެއް އިއްވީ ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ މުޙައްމަދު ސުލައިމްހާންގެ މައްޗަށެވެ. އެހެންކަމުން އިއްޔެއަކީ އޭނާގެ އެއް އަހަރުގެ ޖަލު ހުކުމް މުޅިން ތަންފީޒުކޮށް ނިމުނު ދުވަހެވެ. މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު މަރުހަލާގައި ވަނިކޮށް، އޭނާ ރާއްޖެއިން ޑީޕޯޓްކޮށްލުމަށް ވެސް އިމިގްރޭޝަނުން މަސައްކަތްކޮށްފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.

ސުލައިމްހާންގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ މައްސަލަ ބެލުމަށްފަހު ހައިކޯޓުން އިއްވި ހުކުމުގައި ބަޔާންކޮށްފައިވަނީ، ދައުލަތުން އޭނާގެ މައްޗަށް އުފުލި ދައުވާގައިވާ އަމަލަކީ ކަސްޓަމްސްގެ ޤާނޫނުގެ 97 ވަނަ މާއްދާގެ (ހ) ގެ ދަށުން ކުށެއްކަން ޔަގީންކޮށްދެވިފައި ނުވާ ކަމަށެވެ. ޚާއްޞަކޮށް، އޭނާ ގެނައި މުދަލަކީ ހުއްދަ ހޯދަންޖެހޭ ނުވަތަ ޑިއުޓީ ދައްކަންޖެހޭ މުދަލެއްކަމާއި، ޑިއުޓީ ދެއްކުމުން މަނާވެގަތުމުގެ ނިޔަތުގައި ގެނައި އެއްޗެއްކަން އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ދައުލަތަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށް ހައިކޯޓުގެ ހުކުމުގައި ފާހަގަކުރިއެވެ.

އިޝްތިހާރު އިޝްތިހާރު

އެހެންކަމުން ދަށު ކޯޓުން ސުލައިމްހާން ކުށްވެރިކޮށްފައިވަނީ ޤާނޫނުއަސާސީއާ އެއްގޮތަށް ނޫން ކަމަށް ނިންމައި، އޭނާގެ މައްޗަށް އޮތް ޖަލު ހުކުމް ހައިކޯޓުން ވަނީ ބާތިލްކޮށްފައެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން އިއްޔެ ސުލައިމްހާން ހައިކޯޓަށް ހާޒިރުކުރީ، އޭނާގެ ޖަލު ހުކުމް ހަމަވުމާ ގުޅިގެން ބަންދުން ދޫކޮށްލުމުގެ އެންމެހައި އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހުގައެވެ. ހައިކޯޓުން އޭނާ ކުށްވެރިނުވާ ކަމަށް ހުކުމް އިއްވުމާއެކު، އޭނާ ވަނީ ކޯޓު ރޫމް ތެރޭގައި ވަރަށް ބޮޑަށް އަސަރުކޮށް ރޮއެފައެވެ. އެއަށްފަހު އޭނާ ކޯޓުން ނުކުމެގެން ގޮސްފައިވަނީ މައުސޫމު މިނިވަނެއްގެ ގޮތުގައެވެ.