ފެނަކަ ކޯޕަރޭޝަންގެ ކޮރަޕްޝަންގެ މައްސަލައަކާ ގުޅިގެން އެ ކުންފުނީގެ ކުރީގެ ޕްރޮކިއުމަންޓް ވެރިޔާ މަރިޔަމް ދީނާ ސާލިހް އެއް އަހަރާއި ހަތް މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ފެނަކަ އާއި ބްލޭޒަން އިންކް ކުންފުންޏާ ދެމެދު 2019 ވަނަ އަހަރު ހެދި އެއްބަސްވުމުގެ ދަށުން ބްލޭޒަން އިންކް ކުންފުނިން މަސައްކަތް ފުރިހަމަ ނުކުރަނީސް އެ މަސައްކަތަށް ވާ ފައިސާ ބްލޭޒަން އިންކް ކުންފުންޏަށް ދޫކުރި މައްސަލާގައި ދީނާގެ މައްޗަށް ކުރީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ އެވެ.

އެ ދައުވާ ސާބިތުވާ ކަމަށް ކުރިން ނިންމާފައިވާއިރު,އަދަބު ކަނޑައަޅަން މިއަދު ބޭއްވި އަޑުއެހުމުގައި ދީނާގެ މައްޗަށް އިއްވީ އެ ކުށުގެ އަސާސީ އަދަބު ކަމަށްވާ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.

އިޝްތިހާރު އިޝްތިހާރު

އެއީ ދައުލަތުން ވެސް އެދުނު ގޮތެވެ. ދައުލަތުން އެދުނީ އަސާސީ މިންގަނޑުން އޮންނަ އެއް އަހަރާއި ހަތް މަހުގެ ޖަލު އަދަބު އިއްވުމަށެވެ. އެއީ ދީނާއަކީ ތުއްތު ކުދިންތަކެއް ބަލާ މީހަކަށްވެފައި އޭނާއަށް ކޮރަޕްޝަންގެ ސަބަބުން ސީދާ މަންފާއެއް ލިބިފައިނުވާތީ ކަމަށް ދައުލަތުން ބުންޏެވެ.

ޖަލު އަދަބުގެ ބަދަލުގައި ޖޫރިމަނާ އާއި ގޭބަންދު އަދަބަށް ބަދަލުކޮށްދިނުމަށް ދީނާގެ ފަރާތުން އެދުނަސް,އެ މައްސަލަ ބެއްލެވި ގާޒީ އާދަމް މުހައްމަދު ނިންމެވީ ދީނާގެ މައްޗަށް ޖަލު އަދަބު ކަނޑައެޅުމަށެވެ.

ދީނާ ޖަލަށްލާން ހުކުމް ކުރިއިރު އެ މައްސަލާގައި ދެން ދައުވާކުރި ފެނަކައިގެ ކުރީގެ އެމްޑީ މުހައްމަދު ސައީދުގެ މައްޗަށް މީގެ އަހަރެެއްހާ ދުވަސް ކުރިން ވަނީ ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ.

އެ މައްސަލާގައި ދީނާ ޖަލަށްލާން ހުކުމް ކުރިއިރު އޭނާ މައްޗަށް އެހެން މައްސަލައެއްގައި ވެސް ދައުލަތުން ދައުވާކުރެ އެވެ. އެއީ ފެނަކައިގެ ހުރިހާ ބްރާންޗެއްގައި ކެމެރާ ސިސްޓަމާއި ހެޑް އޮފީހުގެ ކޮމާންޑް ސެންޓަރާއި ވީޑިއޯ ކޮންފަރެންސް ސިސްޓަމް ގާއިމްކުރަން ކެއިރެޓްސޫ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް ބުނެ ކުރާ ދައުވާއެކެވެ.