އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީގައި ފެނަކަ ކޯޕަރޭޝަނުން ފޯރުކޮށްދެމުންދާ ފެނާއި ނަރުދަމާގެ ޚިދުމަތްތައް މާލެ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އަށް ބަދަލުކުރުމާ ގުޅޭ ފްރޭމްވޯކް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި އެމްޑަބްލިޔުއެސްސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީއެވެ. ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އަފީފް ޙުސައިނެވެ.
މި ފްރޭމްވޯކް އެއްބަސްވުމަކީ ފެނާއި ނަރުދަމާގެ ޚިދުމަތްތައް މެދުނުކެނޑި، އިތުބާރު ހުރި ގޮތެއްގައި ފޯރުކޮށްދިނުމަށް އިސްކަންދީގެން، ހަރުދަނާ އަދި ދެފުށް ފެންނަ ނިޒާމެއްގެ ދަށުން ޚިދުމަތްތައް ބަދަލުކުރުމަށްޓަކައި އެކުލަވައިލެވުނު އެއްބަސްވުމެކެވެ. މި ބަދަލުގެ ދަށުން، ކަމާގުޅޭ އޮޕަރޭޝަންތަކާއި، އިންފްރާސްޓްރަކްޗަރާއި ވަސީލަތްތަކުގެ އިތުރުން، ހިނގަމުންދާ މަޝްރޫޢުތަކާއި، ކަސްޓަމަރުންގެ ރެކޯޑުތަކާއި، އެއްބަސްވުންތަކާއި، އިންވެންޓްރީ އަދި އެހެނިހެން ޒިންމާތައް، ކަނޑައެޅިފައިވާ އުސޫލުތަކުގެ ދަށުން ޔަގީންކުރުމަށްފަހު އެމްޑަބްލިޔުއެސްސީއާ ޙަވާލުކުރެވޭނެއެވެ.

މި ބަދަލުގެ މަރުޙަލާގައި، އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީގެ ރައްޔިތުންނަށް ފޯރުކޮށްދޭ ފެނާއި ނަރުދަމާގެ ޚިދުމަތުގެ ފެންވަރު ހިފަހައްޓައި، ލިޔެކިޔުންތަކާއެކު ތަރުތީބުކޮށް ޚިދުމަތްތައް ޙަވާލުކުރުމުގެ މަސައްކަތުގައި އެމްޑަބްލިޔުއެސްސީ އާއި ފެނަކަ ގުޅިގެން ގާތުން މަސައްކަތް ކުރަމުންދާނެއެވެ.










ކިޔުންތެރިންގެ ހިޔާލު