އަންނަ ރަމަޟާން މަސް ފެށެންވާއިރަށް އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގެ ފެނުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯއްދަވައިދެއްވާނެ ކަމަށް މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

އެ ދެ ސިޓީގައި ފޯރުކޮށްދެމުންދާ ޚިދުމަތްތަކާ ގުޅޭގޮތުން ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފަހުމީ ވިދާޅުވީ، މި ދަތުރުފުޅަކީ އެމްޑަބްލިއުއެސްސީގެ ޚިދުމަތް ހޯދާ ހުރިހާ ކަސްޓަމަރުންނާ ބައްދަލުކޮށް، ކުންފުނީގެ މޯބައިލް އެޕްލިކޭޝަން އަޅައިދިނުމާއި، ވަގުތުން ވަގުތަށް މީޓަރު ރީޑިންގ ބެލޭނެ އިންތިޒާމުތައް ކިޔައިދިނުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. އަދި ފެނާއި ނަރުދަމާގެ ޚިދުމަތާ ގުޅޭގޮތުން ރައްޔިތުން ދެކޭގޮތާއި، އެފަރާތްތަކުގެ ކަންބޮޑުވުންތައް ގާތުން އޮޅުންފިލުވުމަކީވެސް މި ދަތުރުގެ މުހިންމު ބޭނުމެއްކަމުގައި ފާހަގަކުރެއްވިއެވެ.

އައްޑޫ އަދި ފުވައްމުލަކުގައި މީގެކުރިން ފެނުގެ ޚިދުމަތް ފޯރުކޮށްދެމުން ދިޔަ ގޮތާމެދު ރައްޔިތުންގެ ގިނަ ޝަކުވާތަކެއް ހުރިކަން ފާހަގަކުރައްވައި ފަހުމީ ވިދާޅުވީ، އެމްޑަބްލިއުއެސްސީން މި ޚިދުމަތާ ޙަވާލުވުމުން ރައްޔިތުންގެ ފަރާތުން ބޮޑެތި އުންމީދުތަކެއް އެބައޮތް ކަމަށެވެ.

އިޝްތިހާރު އިޝްތިހާރު

މި ޚިދުމަތްތަކާ ގުޅޭގޮތުން ރައްޔިތުން ދެކޭގޮތް ބަލައިގެން ޚިދުމަތްތައް އިތުރަށް ރަނގަޅުކުރުމަށް ކުރަންޖެހޭ ކަންކަން އެނގިގެންދާނީ. ފެނާ ނަރުދަމާގެ ޚިދުމަތާ އެމްޑަބްލިއުއެސްސީން ޙަވާލުވުމާ ގުޅިގެން ރައްޔިތުންގެ އުންމީދު ބޮޑު. ރައްޔިތުންގެ އުންމީދު ޙަޤީޤަތަކަށް ހަދައިދޭނަން.

ފަހުމީ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ވެރިރަށް މާލެއެކޭ އެއްފަދަ މަތީ ފެންވަރެއްގައި އެ ދެ ސިޓީގައިވެސް ފެނުގެ ޚިދުމަތް ޤާއިމުކުރުމަށްޓަކައި މުވައްޒަފުން ތަމްރީނުކުރުމާއި، މިހާރު ހުރި މެޝިނަރީތައް އަލުން ރެގިއުލޭޓްކޮށް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ.

މީގެކުރިން އައްޑޫ އަތޮޅާއި ފުވައްމުލައް ސިޓީގެ ފެނުގެ ޚިދުމަތް ބަލަހައްޓަމުން އައީ ފެނަކަ ކޯޕަރޭޝަނުންނެވެ. ނަމަވެސް، ފެނަކައިގެ ފެނުގެ ޚިދުމަތްތައް ވަކިކޮށް އެ ޚިދުމަތްތައް އެމްޑަބްލިއުއެސްސީއާ ޙަވާލުކުރުމަށް ސަރުކާރުން ނިންމެވި ނިންމެވުމާ ގުޅިގެން، އެ ދެ ސިޓީގެ ފެނުގެ ނިޒާމު ހިންގުމާ މިހާރު ރަސްމީކޮށް ޙަވާލުވެފައިވަނީ އެމްޑަބްލިއުއެސްސީންނެވެ.