ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުންނެވި ކުރީގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ދިރިއުޅުއްވާ ގެއަށް ފުލުހުން ރޭ ވަދެ، ޚާއްސަ ފާސްކުރުމެއް ކުރިއަށް ގެންގޮސްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން ބަލައި ފާސްކޮށްފައިވަނީ މާލޭގައި ހުންނަ ޝާހިދުގެ ގެ، ހ. ރަބީއީ މަންޒިލެވެ. މި އޮޕަރޭޝަނާ ގުޅިގެން ރޭ އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވެފައިވެއެވެ.
މިގޮތުން އެ ގޭގެ ވަށައިގެންވާ ސަރަހައްދާއި ބޭރުގައިވެސް ގިނަ އަދަދެއްގެ ފުލުހުން ތިބި މަންޒަރު ފެނިފައިވެއެވެ.
ނަމަވެސް މި އޮޕަރޭޝަނާ ގުޅޭގޮތުން ފުލުހުންގެ އިދާރާއިން އަދި ރަސްމީކޮށް އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.
ޝާހިދު ދިރިއުޅުއްވާ ގެ ބަލައި ފާސްކުރިއިރު، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ މައްސަލައިގައި އޭނާ ބަންދުކޮށްފައިވަނީ މި ހިނގާ މަހުގެ 2 ވަނަ ދުވަހުއެވެ.
އެ ތުހުމަތާ ގުޅިގެން އޭނާގެ ބަންދަށް ކޯޓުން ވަނީ 30 ދުވަހުގެ މުއްދަތެއް ދީފައެވެ.
ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާގެ ލަގަބު ލިބިވަޑައިގެންފައިވާ އަދި އދ. ގެ އާންމު މަޖިލީހުގެ ރައީސްކަންވެސް ކުރައްވާފައިވާ ޝާހިދުގެ މައްޗަށް މި ތުހުމަތުތައް އަމާޒުވެފައިވާއިރު، އޭނާ ގެންދަވަނީ 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރެއްވުމަށް ޓިކެޓް ހޯއްދެވުމުގެ މަސައްކަތްޕުޅު ކުރައްވަމުންނެވެ.
ޝާހިދަކީ ޚާރިޖީ ސިޔާސަތާއި، ރައްޔިތުންގެ މަޖިލިސް ހިންގެވުމާއި ބައިނަލްއަގުވާމީ ލީޑާޝިޕްގެ ދާއިރާތަކުން 40 އަހަރަށްވުރެ ދިގު މުއްދަތަކަށް ދައުލަތަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. ޖުލައި 1983 ގައި ޚާރިޖީ ދާއިރާގެ އާދައިގެ ވަޒީފާއަކުން ޚިދުމަތް ފެއްޓެވި ޝާހިދު ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައިވެސް ސަރުކާރުގެ މުހިންމު ގިނަ މަގާމުތަކެއް ފުރުއްވާފައެވެ
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.