ވ. އަތޮޅު ކަނޑުއަޑީގެ ހޮހަޅައެއްގައި އިޓަލީގެ ޑައިވަރުންތަކެއް ސަލާމަތްކުރުމަށް ހިންގި ނުރައްކާތެރި އޮޕަރޭޝަނުގައި ނިޔާވި ދިވެހި ސިފައިންގެ ޚިދުމަތްތެރިޔާ، ސާޖަންޓް ފަސްޓް ކްލާސް މަރުޙޫމް މުޙައްމަދު މަހުދީގެ ހިތްވަރާއި ޤުރުބާނީގެ އަގުވަޒަންކޮށް، އިޓަލީ ސަރުކާރުން ދޭ ހިތްވަރުގަދަކަމުގެ އެންމެ ޝަރަފުވެރި މެޑަލް އޭނާގެ ހަނދާނަށް އަރުވައިފިއެވެ.

ލީވިލާތުގެ އެންމެ މަތީ ޝަރަފު ކަމަށްވާ "ގޯލްޑް މެޑަލް ފޯ ސިވިލް ވެލާ" އެވެ. މި ޝަރަފު އޭނާގެ ހަނދާނަށް އަރުވާފައިވަނީ ރާއްޖެއާއި އިޓަލީއާ ދެމެދު އޮތް ޚާރިޖީ ގުޅުމަށް 60 އަހަރު ފުރުމާއި، އެ ޤައުމުގެ 80 ވަނަ ޤައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހޮޓެލް ބާސެލޯ ނަސަންދުރާގައި ބޭއްވި ޚާއްޞަ އިހުތިފާލުގައެވެ.

މި އެވޯޑު މަހުދީގެ ހަނދާނަށް ޙަވާލުކޮށްދެއްވީ އިޓަލީވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑެމިއާނޯ ފްރެޑްރިޗް އަދި އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދެވެ.

އިޝްތިހާރު އިޝްތިހާރު

އިޓަލީ ސަރުކާރުން މި މަތިވެރި ޝަރަފު މަހުދީއަށް އެރުވީ، ފުރާނައަށް ބެލުމެއްނެތި އެ ޤައުމުގެ ރައްޔިތުންތަކެއް ސަލާމަތްކުރުމަށް އޭނާ ދެއްކެވި އާދަޔާޚިލާފު ކެރުމާއި، އިންސާނިއްޔަތުކަމުގެ މަތިވެރި މިސާލުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ. މީގެ އިތުރުން، މަހުދީގެ ޢާއިލާއަށް އެހީތެރިވުމުގެ ގޮތުން ކޮލަމްބޯގައި ހުންނަ އިޓަލީ އެމްބަސީއާއި ރާއްޖޭގައި ހުންނަ އެ ޤައުމުގެ ކޮންސިއުލާ އެޖެންސީ ގުޅިގެން ޚާއްޞަ ފަންޑެއް ހުޅުވައިގެން އެހީ ހޯދުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސަފީރު ޑެމިއާނޯ ފާހަގަކުރެއްވި ގޮތުގައި، މިއީ ރާއްޖޭގައި އެ ޤައުމުގެ ޤައުމީ ދުވަސް ފާހަގަކުރި ފުރަތަމަ ފަހަރެވެ. އަދި އޭނާގެ ދައުރުގައި މިފަދަ މުހިންމު ހަރަކާތެއް ބޭއްވުމަކީ ލިބުނު ފަޚުރެއް ކަމަށާއި، މުސްތަޤުބަލުގައި ދެ ޤައުމުގެ އެކުވެރިކަން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖެއާއި އިޓަލީވިލާތާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރެވުނީ 1966 ވަނަ އަހަރު ކަމަށްވާއިރު، ވޭތުވެދިޔަ ދިގު މާޒީގައި އުފެދިފައިވާ މި ގާތް ގުޅުން ދެމެހެއްޓުމަށް ދެ ޤައުމުންވެސް ދަނީ ގުޅިގެން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.