ދިވެހިރާއްޖޭގައި ޒަމާނުއްސުރެ އޮތް ސައްތައިން ސައްތަ އިސްލާމީ ވަންތަކަމާއި، ދިވެހިންގެ ފުރިހަމަ މިނިވަންކަމާއި، އަމިއްލަވަންތަކަން ފަދަ ގައުމީ އެއްވެސް ރުކުނަކަށް ކުޑަވެސް އުނިކަމެއް އަންނާނެ އެއްވެސް ކަމެއް ނުކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ޔަގީންކަން ދެއްވީ މިއަހަރުގެ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި މާލޭގެ ޖުމްހޫރީ މައިދާނުގައި ބޭއްވި ހާއްސަ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުން އަޅުއްވާ ކޮންމެ ފިޔަވަޅަކާއި ނިންމަވާ ކޮންމެ ނިންމެވުމެއް ނިންމަވާނީ ދިވެހި ގައުމިއްޔަތުގެ އެންމެހައި ބަހާތަކަށް ފުރިހަމަ ދިރުމާއި، އާރޯކަމާއި، ރައްކާތެރިކަން ކަށަވަރުކޮށްދެއްވުމުގެ މާތް މަގުސަދުގައި ކަމަށެވެ. އަދި އަމާޒަކީ ރައްޔިތުންނަށް ފާގަތި، ތަރައްގީ އާ ހަޔާތެއް ހޯދައިދެއްވުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އިޝްތިހާރު އިޝްތިހާރު

1988 ނޮވެމްބަރު 3 ގައި ދިވެހި ގައުމަށް ކުރިމަތިވި ނުރައްކާތެރި އުދުވާނުގައި ޝަހީދުވި އަބްތާލުންގެ ގުރުބާނީގެ ހަނދާން އައުކުރައްވަމުން ރައީސް ވިދާޅުވީ، އެ ބޭފުޅުން ފުރާނައިން ގުރުބާންވެވަޑައިގަތީ މި ވަތަނުގެ މިނިވަންކަމާއި އިސްލާމީ ޝަރަފަށް އެއްވެސް ލޮޅުމެއް އަރަން ބޭނުންފުޅު ނުވާތީ ކަމަށެވެ. އަދި އާއިލާއާއި އަމިއްލަ މުސްތަގުބަލަށްވުރެ އެ ބޭފުޅުން އިސްކުރެއްވީ ގައުމުގެ ހަމަޖެހުމާއި މިނިވަންކަން ކަމުގައި ފާހަގަކުރެއްވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، މިއަދު ދިވެހިން މިނިވަންކަމުގެ އުފާވެރިކަމާއި ހިތްހަމަޖެހުމުގައި އާއިލާތަކާއެކު ދިރިއުޅުމުގެ ނަސީބު ލިބިފައިވަނީ އެ ދުވަހު ޝަހީދުން ވެވަޑައިގެންނެވި އިހުލާސްތެރި މަތިވެރި ގުރުބާނީގެ ސަބަބުން ކަމަށެވެ. އަދި ގައުމަށް ވަފާތެރިވުމުގެ ނަތީޖާއަކީ އަބަދުވެސް ބާއްޖަވެރިކަން ކަމަށާއި، ގައުމަށް ޣައްދާރުވުމުގެ ނަތީޖާއަކީ އަބާއްޖަވެރިކަން ކަމުގައި ވިދާޅުވެ، މާޒީގެ މިފަދަ ހާދިސާތަކުން ދިވެހި އުންމަތް އިބްރަތް ހާސިލުކުރަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.