ރައީސުލްޖުމްހޫރިއްޔާގެ ދިފާޢީ ސިޔާސަތަކީ އެހެން އެއްވެސް ބަޔަކަށް ބަރޯސާވުމެއް ނެތި، ދިވެހިންގެ މިނިވަންކަމާއި ސިޔާދަތު އަމިއްލަ ބާރުގައި ދިފާޢުކޮށް ދެމެހެއްޓެވުން ކަމަށް ދިފާޢީ އަދި ވަޠަނީ ޚިދުމަތާބެހޭ ވަޒީރު ޙަސަން ރަޝީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ މިއަހަރުގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ޖަލްސާގައި ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ދުނިޔޭގެ ސަލާމަތީ މަސްރަޙަށް އަންނަމުންދާ ބޮޑެތި ބަދަލުތަކާއެކު ގައުމުތަކަށް ކުރިމަތިވާ ނުރައްކާތައް ދަނީ އިތުރުވަމުންނެވެ. އެހެންނަމަވެސް، ދިވެހިންނަކީ މި ސަރަޙައްދުގައި އޮތް އެންމެ ދުވަސްވީ މިނިވަން ދަޢުލަތްކަން ހަނދާންކޮށްދެއްވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގެ މި ފަޚުރުވެރި މިނިވަންކަން ދެމިއޮތުމުގެ އަސްލަކީ ދިވެހި ރައްޔިތުން މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތުގައި އެއް އަޒުމެއްގައި ސާބިތުވެ ތިބުން ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދިފާޢީ ސިޔާސަތު ތަންފީޒުކުރުމުގެ ގޮތުން ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން، އެއްގަމާއި ވަޔާއި ކަނޑުގެ އޮޕަރޭޝަންތައް ވަރުގަދަކުރުމަށްޓަކައި ސިފައިން ތަމްރީނުކުރުމާއި، އަސްކަރިއްޔާއަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ހޯދުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.
ނޮވެންބަރު 3ގެ ދުޝްމަނުންނާ ދެކޮޅަށް މަސައްކަތް ކުރި ސިފައިން ދެއްކި ނަމޫނާއިން އަދުގެ ޒުވާނުން އިބްރަތް ހާސިލްކުރަން ޖެހޭ. އަދި އެބޭފުޅުންގެ ޒިކުރާ ތާޢަބަދު އައުކުރަންޖެހޭ. ޝަހީދުވެގެން ދިޔަ ސިފައިން ފުރާނައިން ޤުރުބާން ވެގެން ދިޔައީ ދީނާއި ޤައުމަށްޓަކައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރި މަސައްކަތުގެ ތެރެއިން.
ދިފާޢީ އަދި ވަޠަނީ ޚިދުމަތާބެހޭ ވަޒީރު ޙަސަން ރަޝީދު ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، ނަޞްރުގެ ދުވަހުން ހަނދާން އައުކޮށްދެނީ ކާބަފައިން ފަދައިން އަބަދުވެސް އަމިއްލަ މަސްލަހަތަށްވުރެ ގައުމާއި ދީނުގެ މަސްލަހަތު އިސްކުރަންޖެހޭ ކަމެވެ. އަދި އެހެން އެއްވެސް ބައެއްގެ ނުފޫޒުގެ ދަށުނުވެ، އަމިއްލަ ފައިމައްޗަށް ތެދުވެ ތިބުމަށް ގަދައަޅައި މަސައްކަތް ކުރުމަކީ މިއަދު ކޮންމެ ދިވެއްސެއްގެވެސް ގައުމީ ވާޖިބެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.