ސޮވަރިން ޑިވެލޮޕްމަންޓް ފަންޑު (އެސްޑީއެފް) އަށް އަންނަ 2027 ވަނަ އަހަރު 2.3 ބިލިއަން ރުފިޔާ ޖަމާވާނެ ކަމަށް ބަޖެޓުގެ އަންދާޒާތަކުން ދައްކައިފިއެވެ. މިއީ މި ހިނގާ 2026 ވަނަ އަހަރު އެ ފަންޑަށް ޖަމާވާނެ ކަމަށް ލަފާކުރާ 2.2 ބިލިއަން ރުފިޔާއަށް ވުރެ އިތުރު އަދަދެކެވެ.

ސޮވަރިން ޑިވެލޮޕްމަންޓް ފަންޑަކީ ދިމާވެދާނެ ކުއްލި މާލީ ނުރައްކާތަކުން އަރައިގަތުމަށާއި، ތަރައްގީގެ ބޮޑެތި މަޝްރޫއުތަކަށް ނަގާފައިވާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމަށް އަދި އިގުތިސާދީ ލޮޅުންތަކުން އަރައިގަތުމަށްޓަކައި ހާއްސަކޮށްގެން ސަރުކާރުން ބަލަހައްޓަމުން އަންނަ ފަންޑެކެވެ. މިއީ މަރުކަޒީ ބޭންކް، އެމްއެމްއޭގެ ރަސްމީ ރިޒާވްއާ މުޅިން ވަކިން ދައުލަތުން ބަލަހައްޓާ ފަންޑެކެވެ.

މެދުރާސްތާގެ މާލީ އަންދާޒާތަކަށް ބަލާއިރު، މި ފަންޑަށް އަހަރުން އަހަރަށް ޖަމާވާ ފައިސާގެ މިންވަރު މަތިވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އެގޮތުން 2028 ވަނަ އަހަރު 2.5 ބިލިއަން ރުފިޔާ އަދި 2029 ވަނަ އަހަރު 2.7 ބިލިއަން ރުފިޔާ މި ފަންޑަށް ޖަމާވާނެ ކަމަށް ބަޖެޓުގައި ބަޔާންކޮށްފައިވެއެވެ.

އިޝްތިހާރު އިޝްތިހާރު

ދައުލަތުގެ ދަރަންޏަށް ބަލާއިރު، މި ހިނގާ 2026 ވަނަ އަހަރަކީ ރާއްޖޭގެ ތާރީޚުގައި ވެސް ދަރަނި ދެއްކުމަށް އެންމެ ބޮޑު ހޭދައެއް ކުރަންޖެހުނު އަހަރެވެ. މި އަހަރު ދަރަނި އަދާކުރުމަށް 11.7 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ލަފާކޮށްފައިވާއިރު، އަންނަ 2027 ވަނަ އަހަރު މި އަދަދު ބޮޑުތަނުން ދަށްވާނެއެވެ. އެގޮތުން އަންނަ އަހަރު ދަރަނި ދެއްކުމަށް ހޭދަވާނީ 4.4 ބިލިއަން ރުފިޔާ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ބޭރުގެ ފަރާތްތަކުން ލޯނުގެ ގޮތުގައި 2.3 ބިލިއަން ރުފިޔާ ހޯދުމަށް ކަނޑައަޅާފައިވާއިރު، ޖީޑީޕީގެ ނިސްބަތުން އެތެރޭގެ ދަރަނި 83.4 އިންސައްތައަށް އަދި ބޭރުގެ ދަރަނި 33.5 އިންސައްތައަށް އުފުލޭނެ ކަމަށް ލަފާކޮށްފައިވެއެވެ.

އެހެންނަމަވެސް، މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ކުރިން ރާއްޖޭގެ އިގުތިސާދު އޮތް ހަމަޖެހޭ ހާލަތަށް ވާސިލުވުމަށް ކުރެވޭ މަސައްކަތްތަކާއި، އިގުތިސާދީ ދުވެލި ބާރުކުރުމަށް ރާވާފައިވާ ކަންކަމުގެ އިތުރުން، ދަރަންޏާއި ފިސްކަލް ހާލަތު ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން، މެދުރާސްތާގައި މި ނިސްބަތްތައް ދަށްކުރެވޭނެ ކަމަށް ބަޖެޓުގައި ވަނީ ފާހަގަކޮށްފައެވެ.