ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ނެދަލެންޑްސްގެ ފެޔެނޫޑްއާ ދެކޮޅަށް ކުޅުނު މެޗު 3-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން އިންޓަރ މިލާނުން ކާމިޔާބުކޮށްފިއެވެ.

މިދިޔަ ހަފުތާ ބަންދުގައި މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވި މެޗުގެ ހިތާމަ ފަހަތަށް ޖައްސާލުމަށްފަހު، ފެޔެނޫޑްގެ ޑެ ކުއިޕް ސްޓޭޑިއަމްގައިރޭ ކުޅުނު މި މެޗު ކާމިޔާބުކޮށް، އިންޓަރ މިލާނުން ވަނީ މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ޖެހިޖެހިގެން ދެވަނަ މޮޅު ހޯދާފައެވެ.

މުޅި މެޗުގައިވެސް މޮޅު ކުޅުމެއް ދެއްކި ޖެޑް ސްޕެންސްގެ އެހީތެރިކަމާއެކު އިންޓަރއިން ވަނީ ފުރަތަމަ ހާފުގައި ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. އެގޮތުން މެޗު ފެށިގެން 8 ވަނަ މިނެޓުގައި ސްޕެންސް ތަނަވަސްކޮށްދިން ފުރުސަތަކުން ޔާން ބިސެކް ވަނީ ގޯލުގެ ކަނަށް ބޯޅަ ވައްދާލައިގެން އެޓީމަށް ލީޑު ނަގައިދީފައެވެ. އަދި މެޗުގެ 34 ވަނަ މިނެޓުގައި ސްޕެންސް ނަގައިދިން ހުރަހަކުން ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން ދެވަނަ ލަނޑު ޖަހައިދިނީ ޕިއޯ އެސްޕޮސިޓޯއެވެ.

އިޝްތިހާރު އިޝްތިހާރު

ދެވަނަ ހާފު ފެށިގެން ނުވަވަނަ މިނެޓުގައި، އޭރިއާގެ 20 ޔާޑު ބޭރުން ވައަތު ފައިން ފޮނުވާލި ބާރު ހަމަލާއަކުން ޕިއޮޓްރ ޒިއެލިންސްކީ ވަނީ އިންޓަރގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. މެޗުގެ 66 ވަނަ މިނެޓުގައި އެސްޕޮސިޓޯ އިތުރު ލަނޑެއް ޖެހި ނަމަވެސް، އޮފްސައިޑް ވުމުގެ ސަބަބުން އެ ލަނޑު ބަލައިގެންފައެއް ނުވެއެވެ.

މި މެޗުގައި ފެޔެނޫޑުން %53 ބޯޅަ ހިފަހައްޓައި، އިންޓަރގެ އޭރިއާ ތެރެއަށް 18 ހުރަސް ނެގި ނަމަވެސް، އެޓީމަށް ގޯލާ އަމާޒުކޮށް ފޮނުވާލެވުނީ އެންމެ ދެ ހަމަލާއެވެ. އަނެއްކޮޅުން، ލަނޑު ޖަހާނެ މާ ގިނަ ފުރުސަތުތަކެއް ތަފާސްހިސާބުތަކުން ނުދެއްކި ނަމަވެސް ލިބުނު ފުރުސަތުތަކުގެ ބޭނުން އެންމެ ފުރިހަމައަށް ހިފައި އިންޓަރއިން ވަނީ ތިން ލަނޑު ކާމިޔާބުކޮށްފައެވެ.

މި މޮޅާއެކު ލިބުނު 6 ޕޮއިންޓާއެކު އިންޓަރ މިލާން ވަނީ ޗެމްޕިއަންސް ލީގުގެ ތާވަލުގެ 20 ވަނައިން 14 ވަނައަށް ޖެހިލާފައެވެ. އަދި މެޗުން ބަލިވި ފެޔެނޫޑް އޮތީ 3 ޕޮއިންޓާއެކު ތާވަލުގެ 30 ވަނާގައެވެ.