ތާވަލުގެ އެއްވަނައިގައި އޮތުމަކީ މި ވަގުތު މާ ބޮޑު މާނައެއް ހުރި ކަމެއް ނޫން ކަމަށް ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ކޯޗު ލުއިސް އެންރީކޭ ބުނެފިއެވެ.
ޔުއެފާ ޗެމްޕިއަންސް ލީގުގެ ލީގު ބުރުގައި ރޭ ވިޔަރެއާލްގެ މައްޗަށް 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ހޯދި ފުރިހަމަ ކާމިޔާބީއަށްފަހު، ވާހަކަދައްކަމުން އެންރީކޭ ބުނީ، މި ސީޒަނުގައި ޕީއެސްޖީގެ މައިގަނޑު އަމާޒަކީ ޖެހިޖެހިގެން ތިންވަނަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ތަށި ދިފާއުކުރުން ކަމަށެވެ. ފުރަތަމަ ހަތަރު މެޗުން 20 ލަނޑު ޖަހައި، ތާވަލުގެ އެއްވަނައިގައި ޕީއެސްޖީ އޮތް ނަމަވެސް، އެންރީކޭ ފާހަގަކުރީ އަދި ހުރިހާ ކަމެއް ނުނިމޭ ކަމަށެވެ.
މި ނަތީޖާތަކަކީ މި ވަގުތު މާ ބޮޑު އެއްޗެއް ނޫން. މެޑްރިޑުގައި އޮންނަ ފައިނަލަށް ފަހު ތަށި އުފުލައިލާނީ އެންމެ ޗެމްޕިއަނެއް. އަހަރެމެންގެ ހަގީގީ އަމާޒަކީ އެ ތަށި ހޯދުން،
ޔުއެފާގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުގައި އެންރީކޭ ބުންޏެވެ.
މީގެ ކުރީ ސީޒަންތަކުގައި، ލީގު ބުރުގެ ގަދަ އަށެއްގައި ނުހިމެނި ވެސް އަހަރެމެން ވަނީ މި މުބާރާތުގެ ތަށި ކާމިޔާބުކޮށްފައި.
އެންރީކޭ ބުންޏެވެ.
ޕީއެސްޖީގެ ހަމަލާދިނުމުގެ ފަލްސަފާއާ ބެހޭގޮތުން ވާހަކަދައްކަމުން އެންރީކޭ ބުނީ، މެޗު ކިތަންމެ އުނދަގޫވި ނަމަވެސް ފަހަތަށް ޖެހިގެން ޑިފެންސްކުރުމަކީ އޭނާ ގަބޫލުކުރާ އުސޫލެއް ނޫން ކަމަށެވެ.
ފުޓުބޯޅައިގައި ފަސް މިނެޓު ތެރޭގައި ތިން ލަނޑު ޖަހާ މަންޒަރު ވެސް އަހަރެން ދެކުނިން. އެހެންވީމާ ހަމައެކަނި ޑިފެންސް ކުރުމުގެ މާނައެއް ނެތް، އަބަދުވެސް ވިސްނަންވާނީ ހަމަލާދިނުމަށް. އަހަރެމެން ކޮޅަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެ އަދަދަށް ލަނޑު ވަތް ނަމަ، ވިޔަރެއާލް ފަދައިން އަހަރެމެންނަށް ވެސް ދަތިތަކާ ކުރިމަތިލާން ޖެހުނީސް،
އޭނާ ކިޔައިދިނެވެ.
އަދި މީގެ އިތުރުން ކުޅުންތެރިންނަށް އަނިޔާވި ނަމަވެސް އަދި ކޮންމެ ދަނޑެއްގައި ކުޅެން ޖެހުނު ނަމަވެސް، އެއް ފެންވަރެއްގައި ހިފަހައްޓައި މޮޅުވުމުގެ ގާބިލުކަން ޓީމުގައި ހުރިކަން ސާބިތުކޮށްދީފައިވާ ކަމަށް އޭނާ ފާހަގަކުރިއެވެ. މި މެޗުގައި ވިޔަރެއާލްގެ ގޯލާ ކައިރިން ބޯޅަ ހޯދައި، ކުޅުންތެރިން ދެއްކި މޮޅު ކުޅުމަކީ ބޮޑު ތަފާތަކުން މޮޅުވާން މަގުފަހިވި މައިގަނޑު ސަބަބު ކަމަށް ވެސް އެންރީކޭ ބުންޏެވެ.
މެޗުން ބޮޑު މޮޅެއް ލިބުނު ނަމަވެސް، އިދިކޮޅު ވިޔަރެއާލަށް ހިތްވަރު ދެމުން އެންރީކޭ ބުނީ އެ ޓީމަކީ އަބަދުވެސް އޭނާ ވަރަށް ލޯބިކުރާ ޓީމެއް ކަމަށާއި، މިފަދަ ހާލަތަކާ އެ ޓީމު ކުރިމަތިލާން ޖެހުމުން އެކަމާ ހިތާމަކުރާ ކަމަށެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.