ދުނިޔޭގެ މީޑިއާތަކަށާއި ފަތުރުވެރިކަމުގެ ވިޔަފާރީގެ ބައިވެރިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ "ވިޒިޓް މޯލްޑިވްސް އިޔަރ 2027" ކެމްޕެއިން ރަސްމީކޮށް ރާއްޖެއިން ފަށައިފިއެވެ.

މި ކެމްޕެއިން އިފްތިތާޙުކޮށްފައިވަނީ އިނގިރޭސިވިލާތުގެ ލަންޑަނުގައި ކުރިއަށްދިޔަ ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިޔުޓީއެމް) 2026 ގައެވެ. ކުރިއަށް އޮތް އަހަރަކީ ފަތުރުވެރިކަމުގެ ސިނާޢަތް އިތުރަށް ކުރިއަރުވައި ތަރައްޤީކުރާނެ އަހަރެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކުރިން ކަނޑައަޅުއްވާފައެވެ.

"ވިޒިޓް މޯލްޑިވްސް އިޔަރ 2027 – ސެލެބްރޭޓް ދަ ސަނީ ސައިޑް" ގެ ނަމުގައި ކުރިއަށްގެންދާ މި ޙަރަކާތަކީ 2027 ވަނަ އަހަރު ރާއްޖެ ޒިޔާރަތްކުރުމަށާއި، ރާއްޖޭގެ ޤުދުރަތީ ރީތިކަން އަމިއްލައަށް ތަޖުރިބާކޮށް އެ މަންޒަރުތައް ދުނިޔެއަށް ހާމަކޮށްދިނުމަށް އެންމެހައި ފަރާތްތަކަށް ހުޅުވާލި ދަޢުވަތެކެވެ.

އިޝްތިހާރު އިޝްތިހާރު

ޑަބްލިޔުޓީއެމްގެ ތެރެއިން ބޭއްވި ޚާއްޞަ ނޫސްވެރިންގެ ބައްދަލުވުމެއްގައި މި ކެމްޕެއިން ތަޢާރަފުކޮށްދެއްވީ ފަތުރުވެރިކަމާ ދަތުރުފަތުރާ ބެހޭ ވަޒީރު މުޙައްމަދު އަމީންގެ އިތުރުން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) ގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޔާސިރެވެ. މި އިވެންޓުގައި ދިވެހި ސަރުކާރާއި ފަތުރުވެރިކަމުގެ ދާއިރާގެ އިސް ބޭފުޅުންނާއި ބައިނަލްއަޤްވާމީ މީޑިއާތަކުގެ މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ.

އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު މުޙައްމަދު އަމީން ފާހަގަކުރެއްވި ގޮތުގައި، މި ކެމްޕެއިނަކީ ރާއްޖޭގެ ރައްޔިތުންނާއި ފަތުރުވެރިކަމުގެ ދާއިރާ ގުޅިގެން ރާއްޖޭގެ އަގު މުޅި ދުނިޔެއަށް އުފުލައިދިނުމަށް ފަށާ ޤައުމީ މަސައްކަތެކެވެ. އަދި މިއީ ދިވެހިންގެ ޚާއްޞަ ސަގާފަތާއި، ހޫނު މެހެމާންދާރީގެ އިތުރުން ރާއްޖެއިން ލިބޭ ތަފާތު ތަޖުރިބާތައް އިސްތިހާރުކޮށް، ވިޔަފާރިތަކަށާއި އާންމު މުޖުތަމަޢުތަކަށް އައު ދޮރުތަކެއް ހުޅުވައިދޭނެ ކަމެއް ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން، މި ކެމްޕެއިނުގެ މަޢުލޫމާތުތައް މިހާރުވެސް ދުނިޔޭގެ މީޑިއާތަކުގެ ސަމާލުކަމަށް އައިސްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، މައިގަނޑު މަޤްޞަދަކީ ދުނިޔޭގެ ފަތުރުވެރިންގެ ސަމާލުކަން ރާއްޖެއަށް ހޯދައި، ބައިނަލްއަޤްވާމީ ބާޒާރުގައި ރާއްޖެއަށް ލިބިފައިވާ މަޤާމު އިތުރަށް ވަރުގަދަކޮށް ދާއިރާއަށް އުޖާލާ ކުރިމަގެއް ހޯދައިދިނުމެވެ. އަދި "ސަނީ ސައިޑް އޮފް ލައިފް" ބްރޭންޑް މުޅި ދުނިޔެއާ އެކު ފާހަގަކޮށް، 2027 ވަނަ އަހަރަކީ ފާހަގަކޮށްލެވޭ ފަދަ ކާމިޔާބު އަހަރަކަށް ހެދުމެވެ.

ވިޒިޓް މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޔާސިރު ވިދާޅުވީ، މިފަދަ ބޮޑު ކެމްޕެއިނެއް ހިންގުމުގެ މައިގަނޑު ބޭނުމަކީ ލޯކަލް މުޖުތަމަޢުތަކަށާއި ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް އައު ފުރުޞަތުތައް ފަހިކޮށްދިނުމެވެ. އަދި މިއީ ރާއްޖޭގެ ޖަޒީރާވަންތަ ދިރިއުޅުމުގެ ތަޖުރިބާ ކުރުމަށް ދުނިޔެއަށް ދެވޭ ދަޢުވަތެކެވެ.

ޔާސިރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އެންމެ ބޮޑު އެދުމަކީ ރިޒޯޓުތަކުން ފެށިގެން ރަށްރަށުގެ ރައްޔިތުންނާ ހަމައަށް އެންމެން އެކުގައި ގުޅިގެން މަސައްކަތްކޮށް، ދިވެހިވަންތަކަމާއި މެހެމާންދާރީގެ ފުރިހަމަކަން ދުނިޔެއަށް ދެއްކުމެވެ. އަމާޒަކީ 2027 ވަނަ އަހަރަކީ ވިޔަފާރިތަކަށް އައު ފުރުޞަތުތައް ލިބި، ގިނަ އަދަދެއްގެ ދަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށް އެ ތަޖުރިބާތައް ހޯދުމަށް ޝައުޤުވެރިވާ އަހަރަކަށް ހެދުމެވެ.