ޕެސިފިކް އޭޝިޔާ ޓްރެވަލް އެސޯސިއޭޝަން (ޕާޓާ)ގެ ހިންގާ ކޮމިޓީގެ މެންބަރުކަމަށް ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް އުފައްދާފައިވާ ދައުލަތުގެ ކުންފުނި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ)ގެ މެނޭޖިން ޑިރެކްޓާ އަދި ޗީފް އެގްޒެކެޓިވް އޮފިސަރ އިބްރާހީމް ޝިއުރީ އިންތިހާބުވެވަޑައިގެންފިއެވެ.
މީގެ ކުރިން އެ އެސޯސިއޭޝަނުގެ ބޯޑަށް ޝިއުރީ ހޮވިވަޑައިގެންފައިވެއެވެ. 2025 ވަނަ އަހަރުުން ފެށިގެން ބޯޑުގެ މެންބަރެއްގެ ގޮތުގައި ހުންނެވުމަށްފަހު، އެ ޖަމްއިއްޔާގެ ހިންގާ ކޮމިޓީގެ މެންބަރުކަމަށް އޭނާ ހޮވިވަޑައިގަތުމަކީ އެ ޖަމްއިއްޔާގެ ހިންގުމުގައި އޭނާގެ ދައުރު ފުޅާވާނެ ކަމެއްކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެފައިވެއެވެ.
ޕާޓާގެ އެގްޒެކެޓިވް ކޮމިޓީއަކީ އެ ޖަމްއިއްޔާގެ އިސްތިރާޖީ އަމާޒުތައް ކަނޑައަޅައި އެ ޖަމްއިއްޔާއިން ކުރިއަށްގެންދާނެ ހަރަކާތްތައް ރާވައި އިންތިޒާމުކުރުމުގައި އެންމެ އިސްދައުރެއް އަދާކުރާ ގުނަވަނެވެ.

ވިޒިޓް މޯލްޑިވްސްއިން ބުނީ ޝިއުރީއާ އަލަށް ހަވާލުވި ދައުރުގައި އޭނާ މަސައްކަތްކުރައްވާނީ ފަތުރުވެރިކަމުގެ ދާއިރާއިން މި ސަރަހައްދުގެ ގައުމުތަކުގެ މެދުގައި އޮތް އެއްބާރުލުންދިނުން އިތުރުކުރެއްވުމަށާއި، އެ ދާއިރާގެ އައު އީޖާދުތަކާއި ޑިޖިޓަލް ކުރިއެރުންތައް ބަލައިގަތުމަށް ބާރުއެޅުއްވުމާއެކު، އަލަށް އެ ދާއިރާއަށް ނުކުންނަ ލީޑަރުންނަށް ފުރުސަތުތައް ފަހިކޮށްދެއްވުމަށެވެ.
އަދި ޕާޓާގައި ޝިއުރީއަށް އަލަށް ލިބިވަޑައިގަތް ދައުރުގެ ސަބަބުން ރާއްޖެ އިޝްތިހާރުކުރުމަށް ވިޒިޓް މޯލްޑިވްސްއިން ކުރާ މަސައްކަތްތަކަށް ކުރިއެރުން ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. އެ ކުންފުނިން ބުނީ މި ދައުރާއެކު ޕާޓީގެ ވިއުގައިގެ ތެރޭގައި ސަރުކާރުތަކުގެ އިދާރާތަކާއި، ޓޫރިޒަމް ބޯޑުތަކާއި، ދަތުރުފަތުރުގެ ދާއިރާގެ ވިޔަފާރިތަކާ ގުޅުން ބދަހިކޮށް، ގުޅިގެން ރާއްޖެ ޕްރޮމޯޓުކުރެވޭނެ ޕާޓްނާޝިޕުތައް ގާއިމުކުރުމަށް މަގުފަހިވާނެ ކަމަށެވެ.
އިތުރަށް އެ ކުންފުނިން ބުނީ 2024 ގެ ޖޫން މަހުގެ 13 ވަނަ ދުވަހު ވިޒިޓް މޯލްޑިވްސްގެ ސީއީއޯކަމާ ހަވާލުވެވަޑައިގަތް ޝިއުރީ ޕާޓާގައި އަދާކުރައްވާ ދައުރާއެކު އުފެދޭ ގުޅުންތަކުގެ ތެރެއިން ފަތުރުވެރިކަމުގެ އައު ބާޒާރުތަކާއި އޮއިވަރުތައް ދެނެގަތުމަށް މަގުފަހިވާނެއެވެ.








ކިޔުންތެރިންގެ ހިޔާލު