ރާއްޖޭގައި ހަލާލް ފަތުރުވެރިކަން ކުރިއެރުވުމުގެ ފުރުސަތުތަކާ ގުޅޭގޮތުން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) ގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޔާސިރު، އިސްލާމިކް ޗެމްބަރ އޮފް ކޮމަރސް އެންޑް ޑިވެލޮޕްމަންޓް (އައިސީސީޑީ) ގެ ސެކްރެޓަރީ ޖެނެރަލް ޝައިޚް ޔޫސުފް ހަސަން ޚަލާވީއާއެކު މަޝްވަރާ ކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލައްވާފައިވަނީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ޕޯޓްފޯލިއޯގެ ތެރޭގައި ހަލާލު ފަތުރުވެރިކަމަކީ ވަކި ހާއްސަ ދާއިރާއެއްގެ ގޮތުގައި ގާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވުރާ އެއްގޮތަށް، ހަލާލު ފަތުރުވެރިކަމުގެ ތަޖުރިބާތަކާއި އުފެއްދުންތައް ތަރައްގީކުރުމާ ގުޅޭގޮތުންނެވެ.
މި ދާއިރާއިން ލިބެންހުރި ފުރުސަތުތައް ދެނެގަތުމަށްޓަކައި ހަލާލު އުސޫލުތަކަށް އިސްކަންދޭ ރިޒޯޓުތަކާއި ހޮޓާތައް ދެނެގަތުމާއި، ސެޓްފިކޭޝަން މަރުހަލާތަކާއި މިންގަނޑުތައް އެކުލަވާލުމުގެ އިބުތިދާއީ މަސައްކަތްތައް ވީއެމްސީން މިހާރު ވަނީ ފަށާފައެވެ.

ވީއެމްސީގެ އެމްޑީ އަބްދުﷲ ޔާސިރު ވިދާޅުވީ، ރާއްޖެއަކީ ދުނިޔޭގެ ލަގްޒަރީ ފަތުރުވެރިކަމުގެ ލީޑަރަކަށްވާތީ، ބައިނަލްއަގުވާމީ މާކެޓުގައި ކުރިއަރަމުން އަންނަ ހަލާލު ފަތުރުވެރިކަމުގެ ބޮޑު ފުރުސަތެއް ރާއްޖެއަށް އެބައޮތް ކަމަށެވެ. އަދި އައިސީސީޑީގެ ސެކްރެޓަރީ ޖެނެރަލް ޝައިޚް ޚަލާވީ ވަނީ ބައިނަލްއަގުވާމީ ފެންވަރުގެ ހަލާލު ފަތުރުވެރިކަމުގެ ހަރަކާތްތައް ރާއްޖޭގައި ބޭއްވުމަށާއި، ތަޖުރިބާކާރުންގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް އޮތްކަން ހާމަކުރައްވާފައެވެ.










ކިޔުންތެރިންގެ ހިޔާލު