ދިވެހި އުފެއްދުންތެރިކަމުގެ ގައުމީ މައުރަޒުގައި ބައިވެރިކުރި ތަކެތީގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެންމެ ފުރިހަމަ ފަސް އުފެއްދުމަށް ދެވޭ "ރަން 5 ވަނަ" އެވޯޑު މިރޭ ދެއްވައިފިއެވެ.
"މޯލްޑިވްސް އެކްސްޕޯ 2026" ގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި މި ޝަރަފުވެރި އެވޯޑުތައް ހާސިލުކުރި ފަރާތްތަކަށް އިނާމު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
މި ރަސްމިއްޔާތުގައި އެކި ފަންތިތަކުން ފާހަގަކޮށްލެވޭ ކާމިޔާބީތައް ހޯދި ފަރާތްތަކަށް ޖުމްލަ 298 އެވޯޑެއް ވަނީ ދީފައެވެ. މީގެ ތެރޭގައި ހިމެނެނީ އެކި ދާއިރާތަކުން އެއްވަނައަށް ހޮވުނު 116 ފަރާތާއި، ދެވަނައަށް ހޮވުނު 95 ފަރާތާއި ތިންވަނައަށް ހޮވުނު 82 ފަރާތުގެ އިތުރުން އެންމެ މަތީ ޝަރަފު ކަމަށްވާ "ރަން 5 ވަނަ" އެވެ. އެކި ފަންތިތަކުން އެއް ބައިވެރިއަކަށް އެއް އެވޯޑަށްވުރެ ގިނަ އެވޯޑު ލިބިފައިވާތީ، ޖުމްލަ ވަނަތައް ހާސިލުކޮށްފައިވަނީ 134 ބައިވެރިންނެވެ. މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީން 14 ބައިވެރިއަކު ވަނީ 76 އެވޯޑު ހާސިލުކޮށްފައެވެ.
ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް، ދިވެހީންގެ ފަންނުވެރިކަމާއި ހުނަރުވެރިކަން ކުރިއެރުވުމުގެ މަގުސަދުގައި އިންތިޒާމުކުރަމުން އަންނަ މި މައުރަޒުން ހޮވުނު ރަން ފަސް ވަނައިގެ ތެރޭގައި ހިމެނެނީ އަމިއްލަ ފަރުދުންގެ ތިން އުފެއްދުމަކާއި، ވިޔަފާރި ދާއިރާގެ ދެ އުފެއްދުމެކެވެ.
މި މައުރަޒުގެ "ރަން 5 ވަނަ" އެވޯޑު ހާސިލުކުރި އުފެއްދުންތަކާއި އެ ތަކެތި އުފެއްދި ފަރާތްތަކަކީ:
* ކްރިއޭޓިވް އާޓްސް އެންޑް ޑިޒައިން ކެޓެގަރީން: މަރިޔަމް ޝަހުމާ – "މެމޮރީ އޮފް ދަ ޓައިޑްސް"
* ލަކުޑީގެ އުފެއްދުންތަކުގެ ކެޓެގަރީން: ޢަބްދުއްރަޝީދު ޙަސަން – "ދޯނި"
* ޖުވެލަރީ އެންޑް އެކްސަސަރީޒް ކެޓެގަރީން: އުޝާ އާދަމް – "ތުންޑު ކުނާ"
* އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (އައި.ސީ.ޓީ) ކެޓެގަރީން: މުޙައްމަދު ޔާނިއު ރަމީޒު – "އަވަސް އެޕް"
* އިމާރާތްކުރުމުގެ ދާއިރާއިން: އާދަމް މަންޞޫރު – "ކަޅުވަކަރު މިސްކިތް"
އެކި ދާއިރާތަކުން 1 ވަނައަށް ދިޔަ ފަރާތްތައް:
* އަމިއްލަ ފަރުދުންގެ ދާއިރާއިން / އޫޝާ ހަސަން، މާލެސިޓީ
* ފިޔަފާރި ދާއިރާއިން / ޕްރިޒަން ކޯޕަރޭޓިވް ސޮސައިޓީ
* ތައުލީމީދޭ ދާއިރާތަކުން / މޯލްޑިވްސް ޕްލިޓެކްނިކް
* ޖަމިއްޔާ ޖަމާއައްތަކުގެ ދާއިރާއިން / ވިމެން އެންޓްރަޕްރަނާޒް މޯލްޑިވްސް
* ސަރުކާރުގެ ކުންފުނިތަކުގެ ދާއިރާއިން / ހައުސިންގް ޑިޕްލޮޕްމަންޓު ކޯޕަރޭޝަން
* ހާއްސަ އެހީބޭނުންވާ ފަރާއްތަކުގެ ދާއިރާއިން / ފާތިމަތު ޝަފަޤް ، ރެޑިއަމްގެ ތ. ވިލިފުށި
މި ރަސްމިއްޔާތުގައި ދައުލަތުގެ އިއްޒަތްތެރިންނާއި، އެކި ސިނާއަތްތަކުގެ އިސްވެރިންގެ އިތުރުން މައުރަޒުގެ ބައިވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މި އެވޯޑުތަކަކީ ދިވެހިންގެ އަމިއްލަ އުފެއްދުންތެރިކަން ކުރިއަރުވައި، އިގްތިސާދީ ގޮތުން ދިވެހި އުފެއްދުންތަކަށް ފަހި ފުރުސަތުތަކެއް ހުޅުވާލަދިނުމުގެ މަގްސަދުގައި ދިން އެވޯޑުތަކެކެވެ.
މި އަހަރުގެ މައުރަޒުގައި ޖުމްލަ 419 ފަރާތަކުން 4,400 އުފެއްދުން ބައިވެރިކޮށްފައިވާއިރު، މިއީ 2025 ވަނަ އަހަރާ އަޅާބަލާއިރު އުފެއްދުންތަކުގެ އަދަދަށް ބަލާއިރު 83.5 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ.
ޖުމްލަ 16 ދާއިރާއަކުން 73 ގިންތިއެއް ހިމެނޭ މި އެކްސްޕޯގެ އެންމެ ގިނަ އުފެއްދުން ހިމެނެނީ އަތްތެރި މަސައްކަތުގެ ދާއިރާއިންނެވެ. އެއީ 1,695 އުފެއްދުމެވެ. ދެވަނައަށް އެންމެ ގިނައީ ކްރިއޭޓިވް އާޓްސް އަދި ޑިޒައިނިން ދާއިރާއިން 920 އުފެއްދުމެވެ. މީގެ އިތުރުން ކާބޯތަކެތި، ގަހަނާ، ފެޝަން، އަދަބިއްޔާތު، މަސްވެރިކަން، އައިސީޓީ، ދަތުރުފަތުރު އަދި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާތަކުން ގިނަ އަދަދެއްގެ އުފެއްދުންތައް ވަނީ ހުށަހަޅާފައެވެ.
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަކީ ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމާއި ވިޔަފާރި ފުޅާކުރުމުގެ މަގުސަދުގައި އުފެއްދުންތެރިކަމަށް އަމާޒުކޮށްގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން ބާއްވާ މައުރަޒެކެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.