އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އިން އދ. ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ލާނާ ޒަކީ ނުސައިބާގެ ނަން ހުށަހެޅުމުން ދިވެހި ސަރުކާރުން އެކަމަށް މަރުހަބާ ކިޔައި، އޭނާގެ ކެންޑިޑޭސީއަށް ފުރިހަމައަށް ތާއީދުކުރާކަން ހާމަކޮށްފިއެވެ.
ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ، އދ. ގެ އިސްވެރިޔާގެ މަގާމަށް އަންހެން ބޭފުޅަކު އިސްވުމުގެ ވަގުތު ޖެހިއްޖެ ކަމަށް ރާއްޖެއިން އަބަދުވެސް ވަކާލާތު ކުރާ ކަމަށެވެ. ނުސައިބާގެ ކެންޑިޑޭސީ ހުށަހެޅިގެން މިދިޔައީ އދ. އަށް ނުހަނު ބޮޑަށް އުސޫލީ އިސްނެގުމާއި، ތޫނުފިލި ނިންމުންތަކާއި، މެންބަރު ގައުމުތަކުގެ މެދުގައި އިތުބާރާއި އިއްތިފާގު އުފެއްދުމުގެ ގާބިލުކަން ބޭނުންވެފައިވާ ނާޒުކު ދަނޑިވަޅެއްގައެވެ.
ދެން އަންނަ ސެކްރެޓަރީ ޖެނެރަލަކީ އދ. ގެ މާއްދާތަކަށާއި ބައިނަލްއަގުވާމީ ގާނޫނުތަކަށް ސާބިތުކަމާއެކު ހުރުމަތްތެރިކޮށް ހިތައި، އިންސާނީ ކަރާމާތާއި އިންސާފު އަދި ބައިނަލްއަގުވާމީ ގާނޫނުތައް ހަމަހަމަކަމާއެކު ތަންފީޒުކުރުމަށް އިސްކަންދޭ ބޭފުޅަކަށް ވާންޖެހޭނެ ކަމަށް ރާއްޖެއިން ދެކެ އެވެ. އަދި ސުލްހައާއި ސަލާމަތްތެރިކަން ކުރިއެރުވުމާއި، ދެމެހެއްޓެނިވި ތަރައްގީއާއި އިންސާނީ ހައްގުތައް ހިމާޔަތްކުރުން އެ ޖަމިއްޔާގެ މައިގަނޑު އަމާޒުގެ ގޮތުގައި ދެމިއޮންނަންޖެހޭނެއެވެ.
ކުދި ޖަޒީރާ ގައުމެއްގެ ހައިސިއްޔަތުން ދިވެހިރާއްޖެއިން އިސްކަންދެނީ އިތުބާރު ހުރި، އެފެކްޓިވް އަދި އެންމެންގެ ބައިވެރިވުން ހިމެނޭ އދ. އެއް އޮތުންކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ. މީގެ ސަބަބުން ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށާއި، އުއްމީދީ މުސްތަގުބަލެއް ބިނާކުރުމަށް ހުރިހާ މެންބަރު ގައުމުތަކަކަށްވެސް ފުރިހަމައަށް ބައިވެރިވެވޭނެއެވެ.
މީގެ އިތުރުން، ސެކްރެޓަރީ ޖެނެރަލް ހޮވުމުގެ މަރުހަލާއަކީ ހާމަކަން ބޮޑު، އެންމެންގެ ބައިވެރިވުން އޮތް އަދި ގާބިލުކަމަށް ބަލައިގެން ކުރިއަށްދާ މަރުހަލާއަކަށް ހެދުމުގެ މުހިންމުކަން ރާއްޖެއިން ފާހަގަކުރެ އެވެ. އަދި އދ. އިތުރަށް ވަރުގަދަކޮށް، އެންމެހައި ރައްޔިތުންނަށް ހިދުމަތްކުރުމުގެ ގާބިލުކަން އިތުރުކުރުމަށްޓަކައި މެންބަރު ގައުމުތަކާއެކު ގުޅިގެން މަސައްކަތްކުރުމަށް ރާއްޖެއިން ތައްޔާރަށް އޮތްކަން ހާމަކުރެއެވެ.
އދ. ގެ 81 ވަނަ އާންމު މަޖިލީހުގައި ދިވެހިރާއްޖޭގެ ފަރާތުން ތަގުރީރު ކުރައްވަމުން ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވަނީ ފާއިތުވި 80 އަހަރުގެ ތެރޭގައި އދ. ގެ ސެކްރެޓަރީ ޖެނެރަލްކަން އެންމެ އަންހެން ބޭފުޅަކުވެސް ކުރައްވާފައި ނުވާތީ، ދެން އަންނަ ދައުރެއްގައި އދ. ހިންގެވުމާ ހަވާލުވެވަޑައިގަންނަވަން ޖެހޭނީ އަންހެން ބޭފުޅަކު ކަމަށް ވިދާޅުވެފައެވެ.
ނައިބު ރައީސްގެ ތަގުރީރުގައި، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭސްގެ ދިހަ އަހަރުގެ ހިދުމަތަށް ދިވެހިރާއްޖޭގެ ނަމުގައި ޝުކުރު އަދާކުރެއްވި އެވެ. އަދި އެމަނިކުފާނުގެ ދައުރު ހަމަވުމުން ދެން އަންނަ ސެކްރެޓަރީ ޖެނެރަލްއަކު ހޮވުމުގެ މަރުހަލާ ގާބިލުކަމަށް ބަލައި، ދެފުށް ފެންނަ އިންސާފުވެރި ގޮތަކަށް ގެންދިއުމަށް ގޮވާލެއްވިއެވެ.
އާ ސެކްރެޓަރީ ޖެނެރަލްއަކީ އދ. ގެ މާއްދާތަކާއި އަސާސްތައް އިސްކޮށް، އިސްލާހީ ބަދަލުތައް އަމަލީ ނަތީޖާއަށް ބަދަލުކޮށްދޭނެ، އަދި ކުދި ގައުމުތަކުގެ އަޑުވެސް އައްސަވާނެ އަންހެން ބޭފުޅަކަށް ވާންޖެހޭ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.