ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، ހޫތީން އެންމެ ފަހުން ދިން ހަމަލާތައް އަމާޒުކޮށްފައިވަނީ ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގެ އާންމު އަދި އިގުތިސާދީ މަރުކަޒުތަކަށެވެ. އަދި މި ހަމަލާގެ ސަބަބުން ކިންގް އަބްދުﷲ ފައިނޭންޝަލް ޑިސްޓްރިކްޓަށް މާއްދީ އެކި ގެއްލުންތައް ލިބިފައިވާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
ދިވެހި ސަރުކާރުން ދެކޭ ގޮތުގައި ތަކުރާރުކޮށް ދެމުންދާ މި ހަމަލާތަކަކީ ސައުދީ އަރަބިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމުގެ އިތުރުން، ބައިނަލްއަގުވާމީ ގާނޫނުތަކާއި އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފު އަމަލުތަކެކެވެ. އާންމު ރައްޔިތުންގެ ފުރާނައަށް ނުރައްކާވާ ގޮތަށް އަދި ސަރަހައްދުގެ ސުލްހައާއި ހަމަޖެހުމަށް ބުރޫއަރާ ގޮތަށް ދޭ މިފަދަ އަނިޔާވެރި ހަމަލާތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް ރާއްޖެއިން ވަނީ ގޮވާލާފައެވެ.
މީގެއިތުރުން، ސައުދީ އަރަބިއްޔާގެ ސަރުކާރާއި އެ ގައުމުގެ އަހުވަންތަ ރައްޔިތުންނާއެކު ދިވެހިރާއްޖެ އަބަދުވެސް ސާބިތުކަމާއެކު އޮތްކަން ދިވެހި ސަރުކާރުން ވަނީ ހާމަކޮށްފައެވެ. އަދި ސައުދީ އަރަބިއްޔާގެ ސިޔާދަތާއި ސަރަހައްދީ ރައްކާތެރިކަން ދެމެހެއްޓުމަށާއި، މާތްވެގެންވާ ދެ ހަރަމްފުޅު ހިމާޔަތްކުރުމަށް އެ ގައުމުން އަޅަމުންދާ އެންމެހައި ފިޔަވަޅުތަކަށް ދިވެހިރާއްޖޭގެ ފުރިހަމަ އެއްބާރުލުމާއި ތާއީދު އަބަދުވެސް ލިބެމުންދާނެ ކަމަށް ހާރިޖީ ވުޒާރާގެ ބަޔާނުގައި ޔަގީންކަން ދީފައިވެއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.