ރާއްޖޭގެ ރަށްރަށުން އެސްޓީއޯގެ ކޮންޓްރޯލް ރޭޓުގައި މަސްވެރިންނަށާއި އާންމު ރައްޔިތުންނަށް ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ކުރިއަށްގެންދާ ފިއުލް ސްޓޭޝަން މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ 85 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
ރާއްޖޭގެ ގިނަ ރަށްރަށުގައި ތެލުގެ ވިޔަފާރި އަމިއްލަ ފަރާތްތަކުން ކުރަމުންދާތީ، އާންމު ރޭޓަށްވުރެ ބޮޑު އަގުގައި ތެޔޮ ގަންނަން ޖެހުމުގެ ޝަކުވާއަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، ކޮންމެ އަތޮޅެއްގައި ހެޔޮ އަގުގައި ތެޔޮ ލިބޭނެ ގޮތް ހެދުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެގޮތުން އާންމު ފިއުލް ސްޓޭޝަންތައް ޤާއިމުކުރަން ދަތި ރަށްރަށުގައި މޮޑިއުލަރ ފިއުލް ސްޓޭޝަން ނުވަތަ "ފިއުލް ސްކިޑް" ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު މުޙައްމަދު ޠާރިޤު އަޙްމަދު ވިދާޅުވީ، ދެ ފިޔަވައްސަކަށް ބަހާލައިގެން ޖުމްލަ 34 ރަށެއްގައި މި މަޝްރޫޢު ކުރިއަށްދާ ކަމަށެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި ހިމެނޭ 19 ރަށުގެ ތެރެއިން މިހާރު 85 އިންސައްތަ މަސައްކަތް ނިމި، 10 ރަށެއްގައި ޚިދުމަތް ދޭން ފަށާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ދެވަނަ ފިޔަވަހީގައި އިތުރު 15 ރަށެއްގައި ފިއުލް ސްކިޑް ޤާއިމުކުރުމަށް ހަމަޖެހިފައިވާއިރު، އަމާޒަކީ 2027 ގެ ނޮވެމްބަރުގެ ކުރިން ހުރިހާ ރަށެއްގެ މަސައްކަތް އެއްކޮށް ނިންމާލުން ކަމަށް ޠާރިޤު ފާހަގަކުރެއްވިއެވެ.
މި މަޝްރޫޢަކީ ނޮވެމްބަރު 2024 ގައި ރަސްމީކޮށް ފެށި މަޝްރޫޢެކެވެ. މީގެ ފުރަތަމަ ފިއުލް ސްކިޑް އިފްތިތާޙުކޮށްފައިވަނީ ރ. ދުވާފަރުގައެވެ.
މި މަޝްރޫޢުގެ ސަބަބުން ސިނާޢީ މަސައްކަތްތައް ކުރާ ފަރާތްތަކަށާއި އާންމުންނަށް ތެޔޮ ހޯދުމުގައި ދިމާވާ ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ. ޚާއްޞަކޮށް، މަސްވެރިން ތެޔޮ ހޯދުމަށް ކުރަންޖެހޭ ދިގު ދަތުރުތައް ކުރުވެ، ވަގުތާއި ޚަރަދު ބޮޑުތަނުން ސަލާމަތްވެގެންދާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.