ރަސްމާލެ މަޝްރޫޢާ ގުޅުވައިގެން ޙަޤީޤަތާ ޚިލާފު ވާހަކަތައް ފަތުރައި، ރައްޔިތުންނަށް އޮޅުވާލަން ކުރާ މަސައްކަތަކީ ފޫނެތް ފަޔަށް ފެންފުރުން ކަހަލަ ބޭކާރު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
މުންދު މިހެން ވިދާޅުވީ، ރަސްމާލެ މަޝްރޫޢުގެ މަސައްކަތްތައް ލަސްވަމުންދާ ކަމަށް ބުނެ އީގަލް ހިލްސް ކުންފުނިން ކަންބޮޑުވުން ފާޅުކޮށް ސަރުކާރަށް ޕްރެޝަރު ކުރަމުންދާ ކަމަށް ބުނެ ރާއްޖެ ޓީވީން ޝާއިޢުކޮށްފައިވާ ޚަބަރަކާ ގުޅިގެންނެވެ. އެ ޚަބަރު ކަނޑައެޅިގެން ދޮގުކުރައްވަމުން އޭނާ ވިދާޅުވީ، އެ ރިޕޯޓުގެ މަތިން ތިރިއަށް އެކުލެވިގެންވަނީ ހުސް ޚިޔާލީ ވާހަކަތަކެއް ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އޭނާގެ ނަންފުޅު ހިމަނައިގެން ގެނެސްދީފައިވަނީ އެއްވެސް އަސާސެއް ނެތް ދޮގު މަޢުލޫމާތުތަކެއް ކަމަށެވެ.
ރާއްޖެ ޓީވީގެ މަޤްޞަދަކީ ކަންކަން އޮޅުވާލުން ކަމަށްވާނަމަ އެ ކުރެވެނީ ބޭކާރު ކަމެއްކަން ފާހަގަކުރައްވައި އިސް ތަރުޖަމާނު ވިދާޅުވީ، އިދިކޮޅު ފަރާތްތަކަށް ކިތަންމެ އަސަރެއް ކުރި ނަމަވެސް ރަސްމާލެ މަޝްރޫޢު ހުއްޓުމެއްނެތި ކުރިއަށްދާނެ ކަމަށެވެ. އަދި މިއީ ވަކި ސިޔާސީ ބައެއްގެ މަޞްލަޙަތަށް ކުރާ ކަމެއް ނޫން ކަމަށާއި، ދިވެހި ހުރިހާ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ސަރުކާރުން ހިންގާ ޤައުމީ މުހިންމު މަޝްރޫޢެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ރަސްމާލެ މަޝްރޫޢާއި ރިއަލް އެސްޓޭޓް ވިޔަފާރީގެ ޤާނޫނީ އޮނިގަނޑު ވަރަށް ހާމަކަން ބޮޑު ގޮތެއްގައި ފެންނަން އޮތް ކަމަށާއި، އެ ބިލަށް ޢާންމުންގެ ޚިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުން މިހާރު ހުޅުވާލާފައިވާ ކަމަށް މުންދު ފާހަގަކުރެއްވިއެވެ. އެހެންކަމުން، މި މަޝްރޫޢާ މެދު ކަންބޮޑުވާންޖެހޭ އެއްވެސް ޙާލަތެއް ނެތް ކަމަށާއި، ކިތަންމެ ވަރަކަށް ދޮގު ވާހަކަތައް ފެތުރި ނަމަވެސް ޙަޤީޤަތް ބަދަލުނުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
ސަރުކާރުގެ އެތެރޭގައި ދޭތެރެ ޖައްސަން ކުރާ މަސައްކަތްތައް ކާމިޔާބު ނުވާނެކަން ހާމަކުރައްވަމުން މުންދު އިތުރަށް ވިދާޅުވީ، ސަރުކާރު އޮތީ އެއް އަމާޒަކަށް ފައިތިލަ ސާބިތުކޮށްގެން މަސައްކަތްކުރާ ބަދަހި ޓީމެއްގެ ގޮތުގައި ކަމަށެވެ. އަދި އަމިއްލަ ސިޔާސީ މަންފާއަށްޓަކައި ރައްޔިތުންގެ ތަރައްޤީއަށް ހުރަސްއަޅާ ފަރާތްތަކަށް ސިޔާސީ މުސްތަޤުބަލެއް ނޯންނާނެ ކަމަށާއި، އެފަދަ ފަރާތްތަކަށް ރައްޔިތުން ވަރަށް އަވަހަށް ފިލާވަޅެއް ދަސްކޮށްދޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.