މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމް (އެމް.އާރް.ޕީ.އެސް) ގައި މަސައްކަތްތެރިން ބައިވެރިވާ މިންވަރު އިތުރުކޮށް، ޕެންޝަން ނިޒާމު ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، ވިޔަފާރިވެރި އަދި އަމިއްލަ މަސައްކަތްކުރާ އަންހެނުންނަށް ޚާއްޞަކޮށްގެން މާލީ ހޭލުންތެރިކަމުގެ ސެޝަނެއް ޕެންޝަން އޮފީހުން މިއަދު ބާއްވައިފިއެވެ.
ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އާ ގުޅިގެން "ފަންކްޝަން ފައިވް" ގައި ކުރިއަށްގެންދިޔަ މި ސެޝަނަކީ "ވިމެންސް ފައިނޭންޝަލް އެމްޕަވަރމަންޓް އެންޑް ޕެންޝަން ރެޑިނަސް ޕްރޮގްރާމް" (ޑަބްލިއު.އީ.ޕީ.އާރް) ގެ ދަށުން އިންތިޒާމުކުރި ހަރަކާތެކެވެ. މި ސެޝަންގެ މައިގަނޑު މަޤްޞަދަކީ ވިޔަފާރީގެ މާލީ ކަންކަން ބެލެހެއްޓުމުގެ ހުނަރުތައް ހަރުދަނާކުރުމާއި، މާލީ ހޭލުންތެރިކަން އިތުރުކުރުމުގެ އިތުރުން ދުރާލާ ރިޓަޔަރމަންޓަށް ތައްޔާރުވުމުގެ މުހިންމުކަން ބައިވެރިންނަށް އަންގައިދިނުމެވެ.
ޖުމްލަ 20 އަންހެން ވިޔަފާރިވެރިން ބައިވެރިވި މި ސެޝަންގައި، ވިޔަފާރީގެ އައު ފުރުޞަތުތައް ދެނެގަތުމާއި، މާލީ ހިސާބުތައް ބެލެހެއްޓުމުގެ އިތުރުން ވިޔަފާރީގެ އުފެއްދުންތެރިކަން އިތުރުކުރުމަށް ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރާނެ ގޮތްތަކާ ގުޅޭގޮތުން ވަނީ ފުޅާ ދާއިރާއެއްގައި މަޢުލޫމާތު ދީފައެވެ. މީގެ އިތުރުން މާލީ ރަނގަޅު އާދަތައް އަށަގަންނުވައި ބަޖެޓު އެކުލަވާލުމަށާއި، ދިގު މުއްދަތަކަށް މާލީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ދުރާލާ މާލީ ކަންކަން ރޭވުމުގެ މުހިންމުކަމުގެ މައްޗަށްވެސް އަލިއަޅުވާލާފައިވެއެވެ.
މި ސެޝަންގެ ތެރެއިން އެމް.އާރް.ޕީ.އެސްއާ ގުޅޭ ތަފްޞީލީ މަޢުލޫމާތާއި، އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް ވޮލަންޓަރީ ޕެންޝަން ކޮންޓްރިބިއުޝަން ޖަމާކުރުމަށް ހުރި ފުރުޞަތުތަކުގެ މަޢުލޫމާތު ބައިވެރިންނާ ވަނީ ހިއްސާކޮށްފައެވެ. އަދި ޕެންޝަން އޮފީހުގެ މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓް (އާރް.އެސް.އޭ) ގެ ތަފްޞީލު ބަލައި، ޚިދުމަތްތައް ހޯދާނެ ގޮތްތައް ބަޔާންކޮށްދިނުމުގެ އިތުރުން، ޕެންޝަން ސްކީމުގައި ބައިވެރިވުމުގައި ދިމާވާ ގޮންޖެހުންތަކާ ގުޅޭގޮތުން ބައިވެރިންގެ މެދުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.
މި ޕްރޮގްރާމަކީ ރަސްމީ ވަޒީފާތަކުގެ ބޭރުން އާމްދަނީ ހޯދާ ފަރާތްތަކާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތައް ޕެންޝަން ނިޒާމުގެ ތެރެއަށް ވެއްދުމަށާއި، މާލީ ގޮތުން ހޭލުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ޕެންޝަން އޮފީހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްގެންދިޔަ މުހިންމު ފިޔަވަޅެކެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.