އީރާނުގެ ފަރާތުން އިސްރާއީލަށް ކުރިމަތިވެފައިވާ ނުރައްކާ ވަރަށް ވަރުގަދަވެފައި ވަރަށް ސީރިއަސް ކަމަށާއި، އެއީ އަޅާނުލާ ދޫކޮށްލެވޭވަރު ކަންކަމެއް ނޫން ކަމަށް، އިސްތިއުމާރީ އިސްރާއީލުގެ ވަގުތީ ބޮޑުވަޒީރު ކަމުގައި ހުރި ނަތަންޔާހޫ ބުނެފިއެވެ.
ނަތަންޔާހޫ މިހެން ބުނެފައިވަނީ، އީރާނާ ދެކޮޅަށް އަވަސް އަސްކަރީ އޮޕަރޭޝަނެއް ހިންގުމުގެ ބޭނުމެއް މިވަގުތު އޮތްކަމަށް ނުފެންނަ ކަމަށް، ނަތަންޔާހޫއަށްފަހު ބޮޑުވަޒީރުކަމަށް އަންނާނެ ކަމަށް ބެލެވިފައިވާ ގާޑީ އެއިޒެންކޮޓް ބުނިތާ މާ ގިނައިރެއް ނުވަނީހެވެ.
އިސްރާއީލު ޕާލަމެންޓުގައި ވާހަކަ ދައްކަމުން ނަތަންޔާހޫ ބުނީ، އީރާނުގެ ފަރާތުން އިސްރާއީލަށް މިވަގުތު ނުރައްކަލެއް ނެތްކަމަށް ގަބޫލުކޮށް ފަރުވާކުޑަކޮށްލުމަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށެވެ.
އޭނާ ބުނީ، އިސްރާއީލަށް ކުރިމަތިވެފައިވާ ބޮޑެތި ނުރައްކާތަކާއި، އިސްރާއީލު ވަށައިގެން ހިނގަމުންދާ ކަންކަމަކީ ކުޑަކަމެއްގެ ގޮތުގައި ދެކޭ މީހަކު ހުރި އެމީހަކު އެކަން ކުރަނީ ސިޔާސީ ބޭނުމެއްގައި ކަމަށެވެ.
ނަތަންޔާހޫ އަދިވެސް ގަދައަޅައި މަސައްކަތް ކުރަމުން ގެންދަނީ އޭނާ ބޮޑުވަޒީރުކަމުގައި ހުއްޓައި އީރާނާ ދެކޮޅަށް އަސްކަރީ ހަމަލާތައް ފެށުމަށެވެ.
ނަތަންޔާހޫ ކުރިން ބުނެފައިވަނީ، އީރާނުގެ ފަރާތުން އިސްރާއީލަށް އޮތް ނުރައްކާ ވަރަށް ބޮޑު ކަމަށާއި، އޭނާ ބޮޑުވަޒީރުކަމުގައި ހުއްޓައި އެ ނުރައްކާ ނެތިކޮށްނުލެވިއްޖެނަމަ ދެން ދުވަހަކުވެސް އެކަން ނުވާނޭ ކަމަށެވެ.
އަދި އީރާނުގެ ފަރާތުން އިސްރާއީލަށް ކުރިމަތިވާ ނުރައްކާތައް ދާއިމަށް ނެތިކޮށްލާފައިނޫނީ ދޫނުކުރާނޭ ކަމަށްވެސް ވައުދުވެފައި ވެއެވެ.
ނަމަވެސް، އީރާނަށް ހަމަލާދޭން އިދިކޮޅު ކޯލިޝަންގެ ލީޑަރު އެއިޒެންކޮޓް ގެންދަނީ ދެކޮޅު ހަދަމުންނެވެ.
އޭނާ މިއަދުވެސް ބުނެފައިވަނީ، އިސްރާއީލުގައި އައު ސަރުކާރެއް އެކުލަވާލުމުގެކުރިން އީރާނަށް އަވަސް ހަމަލާތަކެއް ދޭންޖެހޭ ފަދަ ނުރައްކަލެއް އޮތްކަމަށް ނުދެކޭ ކަމަށެވެ.
އިސްރާއީލުގައި ބޭއްވި އާންމު އިންތިޚާބަށްފަހު ސަރުކާރެއް އެކުލަވާލުމުގެ ފުރުސަތު އިސްރާއީލުގެ ރައީސް، އެއިޒެންކޮޓަށް ދީފައިވާއިރު، އޭނާ އަދިވެސް ގެންދަނީ ސަރުކާރެއް އެކުލަވާލަން ޕާޓީތަކާ މަޝްވަރާ ކުރަމުންނެވެ. މަޝްވަރާ ކުރަމުންދާ މީހުންގެ ތެރޭގައި ނަތަންޔާހޫވެސް ހިމެނެއެވެ.
ޕާލަމެންޓުގައި ވާހަކަ ދައްކަމުން ނަތަންޔާހޫ މިއަދުވެސް ގޮވާލާފައިވަނީ، އިސްރާއީލުގައި ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލުމަށެވެ. އެއީ އޭނާއަށް ވެރިކަމުގެ 4 އަހަރުގެ އިތުރު ދައުރެއް ލިބޭ ގޮތަށެވެ.
އަނެއްކޮޅުން، އީރާނާ ދެކޮޅަށް ހަނގުރާމަ ފަށައިފިނަމަ ނަތަންޔާހޫއަށް މުއްދަތެއް ނެތްގޮތަށް އިސްރާއީލުގެ ބޮޑުވަޒީރުކަމުގައި ހުރެވޭނެއެވެ.
އީރާނުގެ ފަރާތުން އިސްރާއީލަށް އޮތް ނުރައްކާ ވަރަށް ސީރިއަސް: ނަތަންޔާހޫ
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.