މާލޭގެ ހެންވޭރުގައި ހުންނަ ގެއެއްގެ ތިންވަނަ ފަންގިފިލާގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގައި، އެ އިމާރާތުގެ ގިނަ ފަންގިފިލާތަކަކަށް އެކިވަރުގެ ގެއްލުންތައް ލިބިއްޖެއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
ހ. އުނިހިޔާގައި ހިނގި މި އަލިފާނުގެ ހާދިސާގެ ރިޕޯޓް މިއަދު މެންދުރުފަހު 15:12 ހާއިރު ލިބުމާއެކު، މާލެ ފަޔާ ސްޓޭޝަނުގެ ފަޔާފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ. ސިފައިންނާއި ފަޔާފައިޓަރުން ގާތްގަނޑަކަށް އެއް ގަޑިއިރާއި ހަތް މިނެޓު ވަންދެން ކުރި މަސައްކަތުން، އަލިފާންގަނޑު މުޅިން ކޮންޓްރޯލްކޮށް ނިއްވާލެވިފައިވަނީ 16:19 ހާއިރުއެވެ. އެމްއެންޑީއެފުން ލަފާކުރާ ގޮތުގައި މި ހާދިސާ ހިނގަން މެދުވެރިވީ ކަރަންޓު ޝޯޓެއްގެ ސަބަބުންނެވެ.
މި ހާދިސާއާ ގުޅިގެން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ، އަލިފާން ރޯވި ތިންވަނަ ފަންގިފިލާގެ އިތުރުން އެ އިމާރާތުގެ 4، 5 އަދި 6 ވަނަ ފަންގިފިލާއަށް ވެސް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށެވެ.
އެ އިމާރާތުގައި ދިރިއުޅެމުން ދިޔަ 20 ބޮޑެތި މީހުންނާއި ތިން ކުޑަކުދިން ހިމެނޭހެން ޖުމްލަ 23 މީހުންނަށް، ފަސް ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމު އެންޑީއެމްއޭއިން މިހާރު ވަނީ ހަމަޖައްސައިދީފައެވެ. މީގެ އިތުރުން، އެންމެ ބޮޑަށް ގެއްލުން ލިބުނު ފަންގިފިލާގައި ދިރިއުޅެމުންދިޔަ ހަތް މީހަކަށް ބޭނުންވާ އަންނައުނުގެ އެހީތެރިކަން ވެސް އެ އޮތޯރިޓީން ވަނީ ފޯރުކޮށްދީފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.