އެފްއޭއެމް ފުޓްސަލް ޒޯން ޗެމްޕިއަންޝިޕް 2026 ގެ ސައުތު ޒޯން 1 ގައި ގއ. ވިލިނގިލީގެ މައްޗަށް 3-5 އިން ކުރިހޯދައި، އެ އަތޮޅު ދެއްވަދޫން މުބާރާތުގެ ސެމީ ފައިނަލުން ފުރުޞަތު ހޯދައިފިއެވެ.
ތިމަރަފުށީ ފުޓްސަލް ދަނޑުގައި ކުޅުނު މި ބައްދަލުވުން ފަށައިގެން ދެއްވަދޫން ދެއްކީ ވަރުގަދަ ކުޅުމެކެވެ. މެޗުގެ ފުރަތަމަ ހަތް މިނެޓު ނިމުނުއިރު އެ ޓީމުން ވަނީ ތިން ލަނޑުގެ ފަރަގެއް ގާއިމުކޮށްފައެވެ. އެގޮތުން ފުރަތަމަ މިނެޓުގައި ޢަލީ ހޮދާދާދީ ދެއްވަދޫއަށް ލަނޑު ހުޅުވައިދިންއިރު، ހަތަރުވަނަ މިނެޓުގައި އެ ޓީމުގެ ދެވަނަ ލަނޑު ޖަހައިދިނީ ޢަލީ ހައިސަމެވެ. އޭގެ ފަހުން ހަތްވަނަ މިނެޓުގައި ރާހިލް ރަޝީދު ކާމިޔާބުކުރި ލަނޑާއެކު ނަތީޖާ 0-3 އަށް ތަނަވަސްވިއެވެ.
އެހެންނަމަވެސް، ފުރަތަމަ ހާފު ނިމެން ދަނިކޮށް ވިލިނގިލިން ކުޅުން ވަރުގަދަކޮށް، ދެ މިނެޓުގެ ތެރޭގައި ޖެހިޖެހިގެން ދެ ލަނޑު ޖަހައި ފަރަގު ކުޑަކުރިއެވެ. އެ ޓީމަށް މި ދެ ލަނޑު ޖަހައިދިނީ އިސްމާޢީލް ވަޖީހާއި ޙަސަން ޒައިދާނެވެ. އެހެންކަމުން ފުރަތަމަ ހާފު ނިމިގެންދިޔައީ 2-3 އިން ދެއްވަދޫ ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގައިވެސް ދެއްވަދޫގެ ރާހިލްގެ ފަރާތުން ފެނުނީ ފާހަގަކޮށްލެވޭ ފަދަ މޮޅު ކުޅުމެކެވެ. މެޗުގެ 30 އަދި 32 ވަނަ މިނެޓުގައި ލަނޑުތައް ކާމިޔާބުކޮށް އޭނާ ހެޓްރިކް ފުރިހަމަކުރިއިރު، ދެއްވަދޫއަށް އަނެއްކާވެސް ތިން ލަނޑުގެ ލީޑެއް ލިބުނެވެ. މެޗުގެ 34 ވަނަ މިނެޓުގައި ވިލިނގިލީގެ ވަޖީހު އޭނާގެ ދެވަނަ ލަނޑު ކާމިޔާބުކުރި ނަމަވެސް، މެޗުގެ ނަތީޖާ އަނބުރާލެވޭނެ އިތުރު ފުރުޞަތެއް އެ ޓީމަކަށް ނުލިބުނެވެ. މި ނަތީޖާއާއެކު ގްރޫޕް އޭ އިން ސެމީ ފައިނަލަށް ދަތުރުކުރީ ދެއްވަދޫގެ އިތުރުން ތިމަރަފުއްޓެވެ.
މި މުބާރާތުގެ ގްރޫޕް ބީ ގައި ކުޅުނު މެޗުން ލ. ގަމުގެ މައްޗަށް ކުރިހޯދައި، ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ވޭމަންޑޫ ވަނީ ސެމީ ފައިނަލުން ޖާގަ ހޯދާފައެވެ. މި މެޗުގައި ވޭމަންޑޫގެ ކީޕަރު ތޮލާލް ޙަސަންގެ ފަރާތުން ފެނުނު މޮޅު ސޭވްތަކަކީ އެ ޓީމު މޮޅުވުމުގައި މުހިންމު ދައުރެއް އަދާކުރި ކަމެކެވެ.
މެޗުގެ 10 ވަނަ މިނެޓުގައި ވޭމަންޑޫގެ ބްރެޒިލް ކުޅުންތެރިޔާ އެ ޓީމަށް ލީޑު ނަގައިދިންއިރު، އޭގެ ހަތަރު މިނެޓު ފަހުން ޞޮލާޙް ޢަލީ ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. ދެވަނަ ހާފުގެ ހަތަރުވަނަ މިނެޓުގައި އިބްރާހީމް ނަސީހު ގަމަށް ލަނޑެއް ކާމިޔާބުކޮށްދީ އުންމީދު އާކޮށްދިނެވެ. އަދި މެޗު ނިމެން ދަނިކޮށް އެންމެ ފަހު މިނެޓުގައި ނަތީޖާ އެއްވަރުކުރުމަށް ގަމަށް 10 މީޓަރު ޕެނަލްޓީއެއް ލިބުނެވެ. އެހެންނަމަވެސް، ޙަސަން ޝިހުބާން ފޮނުވާލި ޕެނަލްޓީ، ވޭމަންޑޫގެ ކީޕަރު ތޮލާލް ކާމިޔާބުކަމާއެކު މަތަކޮށް ޓީމަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިނެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.