އައްޑޫ ސިޓީގެ އެހެން ރަށްތަކާ ވަކިން އޮންނަ ހުޅުދުއާއި މީދޫ، ސިޓީ ކައުންސިލްގެ އިޚްތިޞާޞުން ވަކިކޮށް އެ ދެ ރަށުގައި ވަކި ރަށު ކައުންސިލެއް ޤާއިމުކުރުމަކީ ބިޔަ ބޮޑު ތަރައްޤީގެ މަޝްރޫޢަކަށްވުރެ ވެސް މާ މުހިންމު ކަމެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙްމާން ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ދިރާސާކުރި ކޮމިޓީގެ ރިޕޯޓަށް މަޖިލީހުގައި ވާހަކަދައްކަވަމުން މެންބަރު ޢަބްދުއްރަޙްމާން ވިދާޅުވީ، މީގެ ކުރީގެ އެއްވެސް ސަރުކާރަކުން ކޮށްނުދިން ކަމެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ފަހިކޮށްދެއްވާފައިވާ ކަމަށެވެ. އަދި އެއީ ރަށަށް ލިބުނު މިނިވަންކަމެއްގެ ގޮތުގައި ސިފަކުރައްވައި، ރައީސަށާއި ސަރުކާރަށް އޭނާ ޝުކުރު އަދާކުރެއްވިއެވެ.
އަންނަ އަހަރުގެ ބަޖެޓުގައި މީދޫ ކައުންސިލަށް ހިލޭ އެހީގެ ގޮތުގައި 20.5 މިލިއަން ރުފިޔާ ހިމަނާފައިވާކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، އެއީ ކައުންސިލްގެ ހިންގުމުގެ ޚަރަދު ހަމަޖައްސައި އިތުރު ކަންކަން ކުރުމަށް ފުދޭވަރުގެ އަދަދެއް ކަމަށެވެ. އަދި ސަރުކާރުން މި ހުޅުވާލައިދިން ފުރުޞަތުގެ ބޭނުން ހިފުމަކީ ދެން ކައުންސިލަރުންގެ ވިސްނުމާ ގުޅިފައިވާ ކަމެއް ކަމަށާއި، ބޮޑެތި ޕްރޮޖެކްޓްތަކެއް ހިނގާނެ ކަމުގެ އުންމީދެއް ނެތް ކަމަށް ވިދާޅުވިއެވެ.
ނަމަވެސް، ރަށުގެ އަލަށް އާބާދުވި ސަރަޙައްދަށް ކަރަންޓުގެ ޚިދުމަތް ދިނުމާއި، ދަތުރުފަތުރާއި ބޭސް ލިބުމުގައި ހުރި ދަތިތައް ފަދަ އާންމު ދިރިއުޅުމާ ގުޅުންހުރި ކުދިކުދި ދަތިތަކަށް ސަރުކާރުން ހައްލު ހޯދައިދޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް މެންބަރު ވިދާޅުވިއެވެ.
ދާއިރާގެ މަސްލަހަތު ހިމެނޭ މި ވާހަކަތަކުގެ އިތުރުން، ބަޖެޓަށް ފާޑުވިދާޅުވަމުން ޢަބްދުއްރަޙްމާން ވިދާޅުވީ، ރައްޔިތުންނަށް އެދެވޭ މަންފާއެއް ނުލިބުނު ނަމަވެސް ބަޖެޓަށް ވޯޓު ދެއްވާނެ ކަމަށެވެ. އަދި މިއީ އެފަދަ ގޮތަކަށް އޭނާ ވޯޓު ދެއްވާ ތިންވަނަ ބަޖެޓު ކަމަށްވެސް މެންބަރު ވިދާޅުވިއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.