ކައިވެނިކޮށްގެން އުޅޭއިރު ދައުލަތުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ލިބޭ ފްލެޓާއި ގޯތި ފަދަ މުދާ، ދެމަފިރިންގެ ހަމަހަމަ ހައްގު އެކުލެވޭ މުދަލުގެ ގޮތުގައި ކަނޑައެޅުމަށް އާއިލާއާބެހޭ ގާނޫނަށް އިސްލާހެއް ހުށަހަޅައިފިއެވެ.

މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމްއެވެ.

މި އިސްލާހު ހުށަހެޅުއްވި މައިގަނޑު ސަބަބެއްގެ ގޮތުގައި މެންބަރު ފާހަގަކުރެއްވީ، ސަރުކާރުގެ ސޯޝަލް ހައުސިންގ ސްކީމްތަކުން ޕޮއިންޓް ދިނުމުގައި ކައިވެނިކޮށްގެން އުޅުމާއި ދަރިން ތިބި އަދަދަށް ބަލާއިރު، ފްލެޓް ރަޖިސްޓްރީ ކުރެވެނީ ހަމައެކަނި އެކަކުގެ ނަމުގައި ކަމަށްވާތީއެވެ. މިކަމުގެ ސަބަބުން ދެމަފިރިން ވަކިވާ ހާލަތްތަކުގައި، އެ ފްލެޓަކީ އާއިލާއަކަށް ދީފައިވާ ބޯހިޔާވަހިކަމަކަށް ވީނަމަވެސް، އެކަކަށް މުދާ މިލްކުވެ އަނެކަކާއި މުޅި އާއިލާ ނިކަމެތިވާކަން ބިލުގައި ބަޔާންކޮށްފައިވެއެވެ.

އިޝްތިހާރު އިޝްތިހާރު

އާއިލާއާބެހޭ ގާނޫނުގެ 32 ވަނަ މާއްދާގައި ދެމަފިރިން އެކުގައި ހޯދާ މުދާ ބެހުމުގެ އުސޫލުތަކެއް އޮތް ނަމަވެސް، ދައުލަތުގެ ސްކީމްތަކުން ލިބޭ މުދަލާ މެދު އަމަލުކުރާނެ ސާފު ގޮތްތަކެއް މިހާތަނަށް ކަނޑައެޅިފައެއް ނެތެވެ. އެހެންކަމުން، މި ބިލުގެ މަގްސަދަކީ އެ މާއްދާ އިސްލާހުކޮށް، ދައުލަތުން ދޭ ބޯހިޔާވަހިކަމަކީ ދެމަފިރިންގެ ހަމަހަމަ ހައްގު އޮތް އެއްޗެއްގެ ގޮތުގައި ހަމަޖައްސައި، އާއިލާގެ ރައްކާތެރިކަން ކަށަވަރުކުރުމެވެ.