ދިވެހިރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރުމުގެ ބިލާއި، ނަމާއި އަބުރު ރައްކާތެރިކުރުމުގެ ހައްގުގެ ބިލާ ގުޅޭގޮތުން އާންމުންގެ ހިޔާލު ހުށަހެޅުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހުން ހުޅުވާލައިފިއެވެ.

މި ދެ ބިލުގެ ތެރެއިން، ދަންޖައްސައިގެން މަރުގެ އަދަބު ތަންފީޒުކުރުމުގެ މާއްދާތައް ހިމެނޭ، "މަރުގެ އަދަބު ކަނޑައެޅުމާއި އަދަބު ތަންފީޒު ކުރުމުގެ ބިލު" މަޖިލީހަށް ހުށަހެޅުއްވީ ޕީއެންސީގެ ފަރާތުން ގުރައިދޫ ދާއިރާގެ މެންބަރު ޙަނާން މުޙައްމަދު ރަޝީދެވެ. އަދި ފަސް ލައްކަ ރުފިޔާއާ ހަމައަށް އަބުރުގެ ބަދަލު ނަގައިދެވޭ ގޮތަށް އެކުލަވާލާފައިވާ "ނަމާއި އަބުރު ރައްކާތެރިކުރުމުގެ ހައްގުގެ ބިލު" ހުށަހެޅުއްވީ ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލެވެ.

މި ދެ ބިލުގެ އިބްތިދާއީ ބަހުސް ނިންމައި މަޖިލީހަށް ބަލައިގަތުމަށްފަހު، އިތުރަށް ދިރާސާކުރުމަށް ފޮނުވާފައިވަނީ ޖުޑިޝަރީ ކޮމިޓީއަށެވެ. އެ ކޮމިޓީން ނިންމާފައިވަނީ، މި ހިނގާ ނޮވެމްބަރު މަހުގެ 30 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް ދެ ބިލު ވެސް އާންމުންގެ ޚިޔާލަށް ހުޅުވާލުމަށެވެ. އަދި ކޮމިޓީ މަރުހަލާގެ އެންމެހައި މަސައްކަތްތައް އަންނަ ޑިސެމްބަރު މަހުގެ 20 ގެ ކުރިން ނިންމުމަށް ވެސް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

އިޝްތިހާރު އިޝްތިހާރު

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވިދާޅުވީ، މި ދެ ބިލާ ގުޅޭގޮތުން އެއްވެސް ފަރާތެއްގެ ހިޔާލެއް ނުވަތަ ކޮމެންޓެއް އޮތްނަމަ، ކަނޑައެޅިފައިވާ މުއްދަތުގެ ކުރިން ޖުޑިޝަރީ ކޮމިޓީގެ އީމެއިލް އެޑްރެހަށް ނުވަތަ މަޖިލީހުގެ އިދާރާއަށް ލިޔުމުން ހުށަހެޅުއްވުމަށް އެދޭ ކަމަށެވެ.

މެންބަރު ޙަނާން ހުށަހެޅުއްވި މަރުގެ އަދަބު ތަންފީޒު ކުރުމުގެ ބިލުގައި، ރާއްޖޭގައި މީހެއްގެ މައްޗަށް މަރުގެ އަދަބު ކަނޑައެޅުމުގައި ފުރިހަމަވާންޖެހޭ ޝަރުތުތަކާއި ކޯޓުތަކުން ތަބާވާންޖެހޭ ހަރުދަނާ އުސޫލުތައް ވަނީ ބަޔާންކޮށްފައެވެ. މީގެއިތުރުން، މި އަދަބު ތަންފީޒު ކުރުމުގައި ދައުލަތުން އަދާކުރަންޖެހޭ ޒިންމާތަކާއި، އަދަބު ކަނޑައެޅޭ ފަރާތަށް ލިބިދޭ ހައްގުތަކުގެ އިތުރުން، އަދަބު ތަންފީޒުކުރުން ހުއްޓުވާ ހާލަތްތަކާއި އެކަމާ ގުޅޭ އިޖުރާއާތުތައް ތަފްސީލުކޮށްފައިވެއެވެ. އަދި ގާނޫނީ ޝަރުތުތައް ފުރިހަމަވެގެން މެނުވީ މަރުގެ އަދަބު ތަންފީޒު ނުކުރެވޭނެ ކަމަށް ވެސް އެ ބިލުގައި ބަޔާންކޮށްފައިވެއެވެ.

ނަމާއި އަބުރު ރައްކާތެރިކުރުމުގެ ހައްގުގެ ބިލަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާޤާނޫނުއަސާސީގެ 33 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ އަބުރު ރައްކާތެރިކުރުމުގެ ހައްގަށް ގާނޫނީ ހިމާޔަތް ހޯދައިދިނުމަށް އެކުލަވާލާފައިވާ ބިލެކެވެ. މި ބިލުގެ މައިގަނޑު މަގުސަދަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި މީހުންގެ އަބުރު ރައްކާތެރިކުރުމާ ދެމެދު ހަމަހަމަ މިންގަނޑެއް ގާއިމުކުރުމާއި، އަބުރާ ބެހެވޭ ފަރާތްތަކަށް ހަގީގަތް ހާމަކުރުމާއި ރައްދު ދިނުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ. އަދި އަބުރާ ބެހުމުގެ ސަބަބުން ލިބޭ މައުނަވީ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި، ކުށުގެ ކުޑަބޮޑުމިނަށް ރިއާޔަތްކޮށް 50،000 ރުފިޔާއާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ބަދަލު ނަގައިދެވޭނެ ކަމަށް ވެސް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.